ޔޫއެފްއާ ޗެމްޕިއަންސް ލީގްގެ ގުރޫޕް އެފް ގައި ޕޮލެންޑްގެ ލީގާ ވާސޯ ކޮޅަށް ބުރޫޝިއާ ޑޯޓަމަންޑް އަށް ލަނޑު ޖެހިއިރު ސްޕޯޓިން ލިސްބަން އަތުން އެއް ވަރުވާން ދަނިކޮށް މެޗްގެ ފަހު ވަގުތު ކަރީމް ބެންޒެމާ 2-1 ގެ ނަތީޖާ އަކުން ރެއާލް ސަލާމަތް ކޮށްދީފިއެވެ.
ޑޯޓަމަންޑްގެ ދަނޑުގައި ކުޅުނު މެޗް އެޓީމު ކާމިޔާބު ކުރީ 8-4 ގެ ނަތީޖާ އަކުންނެވެ.
ރޮނާލްޑޯގެ އެންމެ ފުރަތަމަ ކުލަބާ ދެކޮޅަށް އެ ޓީމުގެ ދަނޑުގައި ކުޅުނު މެޗްގައި ރެއާލްގެ ފުރަތަމަ ލަނޑު ޑިފެންޑާ ރަފައެލް ވަރާން ކާމިޔާބު ކުރީ ރޮނާލްޑޯ ދިން ފުރުސަތަކުން މެޗްގެ 29 ވަނަ މިނެޓްގައެވެ. ނަމަވެސް މުޅި މެޗްގައި ރޮނާލްޑޯގެ ވިދުން ފެނުނީ ފަނޑުކޮށެވެ.
ކުޅުމުން ބޭރުގައި ސްޕޯޓިންގެ ޖާއޯ ޕެރެއިރާ ރެއާލްގެ މަޓާއޯ ކޮވަޗިޗަށް ދިން ހަމަލާއާ ގުޅިގެން 64 ވަނަ މިނެޓްގައި ޕެރެއިރާ އަށް ވަނީ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފަ އެވެ.
މެޗްގެ 80 ވަނަ މިނެޓްގައި ސްޕޯޓިންގެ ލަނޑު އެންޑްރޭ ސިލްވާ ކާމިޔާބުކުރީ ރެއާލްގެ ޕެނަލްޓީ އޭރިއާގެ ތެރެއިން ފަބިއޯ ކޮއެންޓްރާއޯ އަތުގައި ޖެހުމުން ލިބުނު ޕެނަލްޓީ އަކުންނެވެ.
މެޗްގެ 87 ވަނަ މިނެޓްގައި ބެންޒެމާ ރެއާލް ސަލާމަތްކޮށްދިން ލަނޑު ރެއާލް ކާމިޔާބު ކުރީ ސާޖިއޯ ރާމޯސް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.
ރޭ ޑޯޓަމަންޑް ކުޅުނު މެޗްގައި އެޓީމުގެ މާކޯ ރިއުސް ވަނި ހެޓްރިކް ހަދާފައެވެ. އަނެއް ފަސް ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބު ކުރީ ޝިންޖީ ކަގާވާ އެވެ. އަނެއް ތިން ލަނޑު ކާމިޔާބު ކުރީ ނޫރީ ޝާހިން އާއި އުސްމާން ޑެމްބެލޭ އާއި ޕަސްލެކްއެވެ.
ސްޕޯޓިންގެ ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބު ކުރީ ޕިރޮޖޮވިކްއެވެ. އަނެއް ދެ ލަނޑު ކަމިޔާބު ކުރީ ކަރާޖިކް އާއި ނިކޮލިކްއެވެ.
މި ގުރޫޕްގެ އެއް ވަަނައިގައި އޮތީ ޑޯޓަމަންޑެވެ. އެޓީމަށް 13 ޕޮއިންޓް ލިބިފައި އޮތް އިރު ދެ ވަނައިގައި އޮތް ރެއާލް އަށް ލިބިފައި އޮތީ 11 ޕޮއިންޓެވެ.
ރެއާލް އަށް ތާވަލުގެ އެއް ވަނަ އަށް އެރުމުގެ ފުރުސަތު އަދި އެބައޮތެވެ. އެއީ އަންނަ މަހު އަށް ވަނަ ދުވަހު ރެއާލްގެ ދަނޑުގައި ޑޯޓަމަންޑާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެންނެވެ.