ދުނިޔެ

ސުލްހައިގެ އާ އެއްބަސްވުމަކަށް ކޮލަމްބިއާ އަނެއްކާވެސް ތައްޔާރުވެއްޖެ

Nov 23, 2016

ކޮލަމްބިއާގެ ޒަމާންވީ ދާޚިލީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ފާކް ހަނގުރާމަވެރިންނާ އެކު ސުލްހައިގެ އާ އެއްބަސްވުމެއްގައި ސޮއިކުރުމަށް ހުރިހާ މަރުހަލާއެއް ފުރިހަމަކޮށް ތައްޔާރުވެފައިވާ ކަމަށް ކޮލަމްބިއާގެ ސަރުކާރުން ބުނެފި އެވެ.

ސުލްހައިގެ އާ އެއްބަސްވުމުގައި މާދަމާ ސޮއިކުރަން ހަމަޖެހިފައިވާއިރު މިފަހަރުގެ އެއްބަސްވުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ހުށަނާޅާނެ އެވެ. އޭގެ ބަދަލުގައި ސުލްހައިގެ އެއްބަސްވުން މިފަހަރު ފާސްކުރަން ހުށަހަޅާނީ ގާނޫނު ހަދާ މަޖިލީހަށެވެ.

ކޮލަމްބިއާގެ އާންމުން ވަނީ މީގެ ކުރިން ހަނގުރާމަވެރިންނާ އެކު ސަރުކާރުން ގާއިމުކުރި ސުލްހައިގެ އެއްބަސްވުން ފެންނަ ނުފެންނަ ވޯޓެއްގައި ބާތިލުކޮށްފަ އެވެ. ސުލްހައިގެ އާ އެއްބަސްވުން މަޖިލީހުން ފާސްކުރުމަށް ތައްޔާރުވެފައިވީ ނަމަވެސް މި އެއްބަސްވުމަށް އިދިކޮޅު ފަރާތްތަކުގެ މާ ބޮޑު ތަރުހީބެއް ނެތެވެ.

އެ ފަރާތްތަކުން ބުނަމުން ދަނީ ހަނގުރާމަވެރިން ފާއިތުވި 50 އަހަރު ހިންގާފައިވާ އިންސާނީ ޖަރީމާތަކަށް އަދަބު ކަނޑައެޅިފައި ނެތުމަކީ އެއްބަސްވުން ފުރިހަމަނުވާ ކަމެއް ކަމަށެވެ. ކޮލަމްބިއާގެ ބައި ގަރުނުވީ ދާހިލީ ހަނގުރާމާގައި 220،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވެ އެވެ.

ސުލްހައިގެ މަރުހަލާގައި ކޮލަމްބިއާ އިން ހާސިލުކޮށްފައިވާ ކުރިއެރުންތަކާއި ކާމިޔާބީ އަށް މި އަހަރު ވަނީ ނޮބެލްގެ ސުލްހައިގެ އިނާމު ވެސް އަރުވައިފަ އެވެ.

ފާކް ހަނގުރާމަވެރިންނަކީ ކޮން ބައެއް؟

ދަ ރިވޮލިއުޝަނަރީ އާމްޑް ފޯސަސް އޮފް ކޮލަމްބިއާ ނުވަތަ ފާކް ހަނގުރާމަވެރިންނަކީ ކޮލަމްބިއާ އަށް ނިސްބަތްވާ އެންމެ ބޮޑު އަދި ވަރުގަދަ ހަނގުރާމަވެރި ޖަމާއަތެވެ. އެގައުމުގެ ކޮމިއުނިސްޓް ޕާޓީގެ ހަތިޔާރު އެޅި ގޮތްޕެއްގެ ގޮތުގައި އެމީހުން އުފެދުނީ 1964 ވަނަ އަހަރު އެވެ. އެއީ އޭރު ކޮލަމްބިއާގައި އޮތް ތަފާތުކުރުމުގެ ސިޔާސަތުތަކާ ދެކޮޅަށެވެ.

އާންމުގޮތެއްގައި ފާކްގެ ހަނގުރާމަވެރިންގެ ހަމަލާތައް އަމާޒުކުރަނީ ކޮލަމްބިއާގެ ސަލާމަތީބަރުތަކަށެވެ. ފުލުހުންނާއި ސިފައިން މަރައި އެތައް ބަޔަކު ރަހީނުކޮށްފައިވާއިރު ފުލުހުންގެ މަރުކަޒުތަކަށް ބޮން އަޅައިފައިވެސް ވެ އެވެ.

މި ޖަމާއަތުގައި ތިބި ހަނގުރާމަވެރިންގެ އަދަދު ކޮލަމްބިއާ ސަރުކާރުގެ ހިސާބުތަކުން 6000 އާއި 7000 އާދެމެދު އުޅުނަސް 2002 ވަނަ އަހަރުގެ ހިސާބުތަކަށް ބަލާއިރު 20،000 ހަނގުރާމަވެރިންގެ ލަޝްކަރެއް އެމީހުންގެ އަތުގައި އޮތެވެ.

އެންމެފަހުން ސުލްހައިގެ މޭޒުދޮށަށް އައިސް ހަނގުރާމަވެރިން ހަތިޔާރު ދޫކޮށްލަން އެއްބަސްވެފައިވާއިރު ކޮލަމްބިއާގެ އަސްކަރިއްޔާ އިން މިފަހުން ހިންގި ވަރުގަދަ ހަރަކާތްތަކުގައި އެމީހުންގެ ގިނަ ލީޑަރުންތަކެއް ވަނީ މަރާލައިފަ އެވެ. ސުލްހައިގެ އެއްބަސްވުމަކަށް ވާސިލުވެފައި މި ވަނީ ދެ އަހަރު ދުވަހުގެ ސިއްރު މަޝްވަރާތަކާއި އެއަށް ފަހު ހަތަރު އަހަރު ވަންދެން ކުރިއަށް ގެންދިޔަ ރަސްމީ ވާހަކަތަކަށް ފަހު އެވެ.