ހަބަރު

ތިނަދުއަށް އާ އިންޖީނު ގަންނަން ސިންގަޕޫރު ކުންފުންޏަކަށް

ގދ. ތިނަދޫގައި އަލަށް ހަދާ އިންޖީނުގެއަށް ބޭނުންވާ ހަތަރު އިންޖީނު ގަންނަން ސިންގަޕޫރު ކުންފުންޏަކާއި ހަވާލުކޮށްފި އެވެ.

މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ތިނަދޫ އަށް ބޭނުންވާ އިންޖީނުގެ ގަންނަން ހަވާލުކުރީ ސިންގަޕޫރުގެ އެލަމް އިންޖިނިއަރިން ސަޕްލައި ލިމިޓެޑާ އެވެ. މި އެއްބަސްވުމުގެ ދަށުން ހަތަރު އިންޖީނު ގަންނަން ހަމަޖެހިފައިވާއިރު މި ޕްރޮޖެކްޓްގެ އަގު 1.264 މިލިއަން ޑޮލަރަށް އަރަ އެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ފެނަކައިން ބުނީ އަންނަ މަހުގެ ތެރޭގައި އިންޖީނުގެ މޮބިލައިޒް ކުރުމުގެ މަސައްކަތް ކުރާނެ ކަމަށާއި ތިން މަސް ދުވަހުގެ ތެރޭގައި އިންޖީނު ބަހައްޓާ ނިމޭނެ ކަމަށެވެ. އަދި އިންޖީނުތައް ރާއްޖެއަށް އަންނަ އިރު އިންޖީނުގޭގެ ހުރިހާ މަސައްކަތެއް ނިންމާ އިންޖީނު ބަހައްޓަން ތައްޔާރުކުރާނެ ކަމަށެވެ.

މީގެއިތުރުން ތިނަދޫގައި ހަދާ އިންޖީނުގެއަކީ ރާއްޖެގައި ހަދާ އެންމެ ބޮޑު އިންޖީނުގެއަށް ވެގެންދާނެ ކަމަށް ފެނަކައިން ބުންޏެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި ގއ. ވިލިނގިލި އަދި ހއ. ފިއްލަދޫ އިންޖީނުގޭގެ އިންޖީނުތައް އޯވަހޯލް ކުރުމަށް ބޭނުންވާ ސާމާނު ގަތުމަށްވެސް ވަނީ ހަވާލުކޮށްފަ އެވެ. އެ ޕްރޮޖެކްޓްގެ އަގު 43،000 ޑޮލަރަށް އަރާއިރު އެ މަސައްކަތްވެސް ހަވާލުކޮށްފައިވަނީ ސިންގަޕޫރުގެ އެލަމް އިންޖިނިއަރިން ސަޕްލައިން ލިމިޓެޑާ އެވެ.