ލޯކަލް ކައުންސިލްތަކުގެ އިންތިހާބު

އިންތިހާބު ފަސްކުރާ މައްސަލައަށް އަދާލަތު ވެސް ވަންނަނީ

އަންނަ ޖެނުއަރީ މަހު ބާއްވަން ނިންމާފައިވާ ލޯކަލް ކައުންސިލް އިންތިހާބު ދެ މަހަށް ފަސް ކޮށްދިނުމަށް އެދި، ޕީޕީއެމްއިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ ތެރެއަށް ވަނުމަށް އަދާލަތު ޕާޓީން ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.

އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު މިއަދު ވިދާޅުވީ، އެ މައްސަލައިގެ ތެރެއަށް ވަނުމަށް އަދާލަތުން މިއަދު ސިވިލް ކޯޓަށް ހުށަހަޅާފައިވާނެ ކަމަށެވެ. އަދި ކޯޓުން ޖަވާބެއް ލިބިފައިނުވާ ކަމަށެވެ.

އޭނާ ވިދާޅުވީ އިންތިހާބު ފަސްކުރުމަކީ އެ ޕާޓީން ގަބޫލުކުރާ އުސޫލެއް ނޫން ކަމަށާއި އެހެން ޕާޓީތަކުގެ ހިޔާލު ނުހޯދާ އެފަދަ ގޮތަކަށް ކޯޓުން އިންތިހާބު ފަސްކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

އެމްޑީޕީއިން މި މައްސަލައަށް ވަނީ، ކައުންސިލް އިންތިހާބަށް އެމްޑީޕީއިން ގިނަ ތައްޔާރީތަކެއްވެ މިހާރު ވެސް ތައްޔާރުވަމުންދާއިރު އެ އިންތިހާބު ފަސްކޮށްފިނަމަ އެ ޕާޓީއަށް ބޮޑެތި ގެއްލުންތަކެއްވާނެތީ ކަމަށް ބުނެ އެވެ. މައުމޫން މައްސަލައިގެ ތެރެއަށް ވެދެވަޑައިގަތީ، ކައުންސިލް އިންތިހާބު ފަސްކޮށްފިނަމަ ގާނޫނީ ހުސްކަމަކަށްދާނެ ކަމަށް ވިދާޅުވެ އެވެ.

ޕީޕީއެމްއިން ސިވިލް ކޯޓަށް މައްސަލަ ވައްދާފައިވަނީ، ޕާޓީ ހިންގުމުގައި ދިމާވި އުނދަގޫތަކެއްގެ ސަބަބުން ކަނޑައެޅިފައިވާ ތާރީހުގައި އިންތިހާބު ބޭއްވުމަށް ވާން ޖެހޭ ތައްޔާރީތައް އެ ޕާޓީއަށް ވެވިފައިނުވާތީ ކަމަށް ބުނެ އެވެ.