ހަބަރު

އިސްލާހުތައް ބާތިލުކޮށް 26.7 ބިލިއަން ރުފިޔާގެ ބަޖެޓް ފާސްކޮށްފި

  • ބަޖެޓް ފާސްކުރަން 60 ވޯޓް
  • ޕީއެސްއައިޕީގެ މަޝްރޫއުތަކަށް ބަދަލުގެނައި
  • އިދިކޮޅު މެންބަރުންނަށް ބަޖެޓް ކަމަކު ނުދޭ

ބަޖެޓަށް ހުށަހެޅި ހުރިހާ އިސްލާހުތަކެއް ބާތިލުކޮށް ސަރުކާރުގެ ފަރާތުން އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހެޅި، 26.7 ބިލިއަން ރުފިޔާގެ ބަޖެޓު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ސަރުކާރު ފަރާތުން ހުށަހެޅި ބަޖެޓް، ކޮމިޓީއިން ދިރާސާކޮށް ނިންމި ގޮތަށް އިތުރު ބަދަލެއް ނުގެނެސް، ފާސް ކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ ވޯޓުގައި ބައިވެރިވި 77 މެންބަރުންގެ ތެރެއިން 60 މެންބަރުންނެވެ. އަދި ބަޖެޓު ފާސް ކުރަން ނުފެންނަ ކަމަށް 15 މެންބަރުން ވޯޓު ދެއްވި އިރު ވަކި ގޮތަކަށް ވޯޓު ނުދޭ ދެ މެންބަރަކު ތިއްބެވި އެވެ. ބަޖެޓަށް 18 އިސްލާހެއް ހުށަހެޅި އިރު ކޮންމެ އިސްލާހަކަށް ވަކިވަކިން ވޯޓަށް އެހި ނަމަވެސް އޭގެން އެއްވެސް އިސްލާހެއް ފާސްވާ އަދަދަށް ވޯޓެއް ނުލިބުނެވެ. ސަރުކާރުގެ މެންބަރުން އެއްވެސް އިސްލާހެއް ހުށަނާޅާ އިރު ޖުމްހޫރީ ޕާޓީ އިން ހުށަހެޅި އިސްލާހެއް ފިޔަވާ ދެން ހުރި އިސްލާހުތައް ހުށަހެޅުއްވީ އެމްޑީޕީއަށް ނިސްބަތްވާ މެންބަރުންނެވެ. އޭގެ ތެރެއިން ގިނަ އިސްލާހުތަކަކީ ބަޖެޓްގެ އެކި ދާއިރާތަކުން އުނިކޮށް ބައެއް އެލަވަންސްތައް ބޮޑު ކުރަން ހުށަހެޅިފައިވާ އިސްލާހުތަކެވެ.

އަންނަ އަހަރަށް މަޖިލީހުން ފާސްކުރި 26.7 ބިލިއަން ރުފިޔާގެ ބަޖެޓުގައި އުމްރާނީ ތަރައްގީއަށް ބޮޑު ބައެއް ހާއްސަކޮށްފައިވެ އެވެ. ކޮމިޓީ އިން ބަޖެޓް ދިރާސާ ކުރި އިރު، ބަޖެޓްގެ ޖުމްލަ އަދަދު ބޮޑު ނުވާނެ ގޮތަށް، ޕީއެސްއައިޕީގެ 21 މަޝްރޫއަކަށް ވަނީ ބަދަލު ގެނެސްފަ އެވެ. ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)ގެ ގޮތުގައި ހިންގާ މަޝްރޫއުތަކަށް 9.1 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު ތައުލީމީ ދާއިރާ ތަރައްގީކުރުމަށް ކަނޑައަޅާފައި ވަނީ 3.2 ބިލިއަން ރުފިޔާ އެވެ. ސިއްހީ ދާއިރާއަށް 2.5 ބިލިއަން ރުފިޔާ އާއި ޒުވާނުންގެ ތަރައްގީއަށް 378 މިލިއަން ރުފިޔާވެސް ބަޖެޓުގައި ކަނޑައަޅާފައިވެ އެވެ.

އާމްދަނީގެ ގޮތުގައި 22.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު ދަރަނީގެ ގޮތުގައި ލަފާކޮށްފައިވަނީ 3.4 ބިލިއަން ރުފިޔާ އެވެ.

އޭގެ އިތުރުން ދައުލަތަށް ލިބޭ އާމްދަނީ އިތުރު ކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އަޅަން ސަރުކަރުން ވަނީ ނިންމާފައެވެ. އެގޮތުން ބޭރަށް ފުރާ ފަސަންޖަރުން އަތުން އެއާޕޯޓް ޑިވަލޮޕްމަންޓް ޗާޖެއް ނެގުމަށާއި، މާލޭ ސަރަހައްދުން ކޮންޖެޝަން ޓެކްސްއެއް ނެގުމަށާއި އަދި ސިގިރޭޓުންނާއި ފިޒީ ޑްރިންކުތަކުން ނަގާ އިމްޕޯޓް ޑިއުޓީ ބޮޑު ކުރުން ހިމެނެއެވެ. އަދި ބިންވެރި ކޮށްދީގެން ލިބޭ އާމްދަނީއާއި، ޓެކްސީ، ޕިކަޕުގެ ހިދުމަތުގެ ހުއްދަ ވިއްކުމަށާއި، އެސްއީޒެޑް ދަށުން އަންނަ އިންވެސްޓްމަންޓުތަކުން އެކުއިޒިޝަން ފީ ނެގުން ވެސް ހިމެނެއެވެ. އޭގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޑިވިޑެންޓް ޕޮލިސީ ބަދަލު ކުރުމާއި މިނިމަމް ޑިވިޑެންޓް ރޭޓެއް ކަނޑައަޅައިގެން އާމްދަނީ އިތުރު ކުރުމަށް ވެސް ސަރުކާރުން ވަނީ ނިންމައިފައެވެ.

އަންނަ އަހަރުގެ ބަޖެޓުގައި ހިމެނޭ ބޮޑެތި ޕްރޮޖެކްޓުތަކުގެ ތެރެއިން ހދ. ކުޅުދުއްދުއްޓާއި ށ. ފުނަދޫއާއި، ގދ. ފަރެސްމާތޮޑައިގެ އަދި ފ. ނިލަންދޫގެ ބިން ހިއްކައިގެން އެއާޕޯޓު ތަރައްގީ ކުރުން ހިމެނެއެވެ. އޭގެ އިތުރުން މާލޭގައި ކިންގް ސަލްމާން މިސްކިތް އިމާރާތް ކުރުމާއި ކޮމާޝަލް ބޭނުންތަކަށް 10 ހެކްޓަރަށް ވުރެއް ބޮޑު 20 ފަޅު ހިއްކުމާއި ނޭޝަނަލް ޑައިގްނޯސްޓިކް ސެންޓަރެއް ގާއިމް ކުރުން ހިމެނެއެވެ.

ބަޖެޓަށް ބަހުސް ކުރެއްވުމަށް ކޮންމެ މެންބަރަކަށް 15 މިނެޓްގެ ވަގުތު އަދި ކޮމެޓީގެ ރިޕޯޓަށް ބަހުސް ކުރުމަށް ކޮންމެ މެންބަރަކަށް ހަތް މިނެޓުގެ ވަގުތު މަޖިލީހުން ވަނީ ދީފަ އެވެ. އެގޮތުން ބަހުސްގެ މަރުހަލާގައި ގިނަ މެންބަރުން އެ މެންބަރެއްގެ ދާއިރާގައި ހުރި ކަނބޮޑުވުންތައް ފާހަގަކޮަށް މަޝްރޫއުތައް އިތުރު ކުރެއްވުމަށް އެދިފައިވެ އެވެ. އެހެން ނަމަވެސް އިދިކޮޅު މެންބަރުން ވަނީ މި ބަޖެޓަކީ ހަމައެކަނި އަދަދުތަކެއް ކަމަށާއި ހަގީގީ ބަޖެޓެއް ނޫން ކަމަށް ވިދާޅުވި ބަޖެޓާ ދެކޮޅު ހައްދަވައިފަ އެވެ.