ހަބަރު

ދިވެހިން އަތުން ވެސް 25 ޑޮލަރު ނަގަން ކޮމިޓީއިން ފާސްކޮށްފި

ދިވެހިން ވެސް ހިމެނޭ ގޮތަށް ރާއްޖެއިން ބޭރަށް ފުރާ ކޮންމެ މީހެއްގެ އަތުން އެއާޕޯޓް ޑިވަލޮޕްމަންޓް ޗާޖް، އޭޑީސީގެ ގޮތުގައި 25 ޑޮލަރު ނަގާ ގޮތަށް އިގްތިސާދީ ކޮމިޓީ އިން ބިލް ފާސްކޮށްފި އެވެ.

ސަރުކާރު ފަރާތުން ގައްދޫ ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ހުށަހެޅި، "ދިވެހިރާއްޖޭގެ އެއާޕޯޓަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސް އާއި ފީ ނެގުމާ ބެހޭ ގާނޫނު" މަޖިލީހުން ބަލައިގަތުމަށް ފަހު މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވައި، އެ ކޮމިޓީ އިން ނިންމީ ބިލް އިގްތިސާދީ ކޮމިޓީއަށް ފޮނުވުމަށެވެ.

އެ މައްސަލައިގައި އިގްތިސޯދީ ކޮމިޓީގެ ބައްދަލުވުމެއް މިއަދު ބޭއްވި އިރު، މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު ހުށަހެޅީ އެ ބިލު އިތުރު ބަދަލެއް ނުގެނެސް، ހުށަހެޅިފައިވާ ގޮތަށް ކޮމިޓީ އިން ފާސްކޮށް ރިޕޯޓް ތަޅުމަށް ފޮނުވުމަށެވެ. ހޯރަފުށި ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލްގެ ތާއީދާ އެކު އެ ހުށަހެޅުމަށް ވޯޓަށް އެހުމުން، އެ ގޮތަށް ފާސްވީ ކޮމިޓީއަށް ހާޒިރުވީ 10 މެންބަރުގެ ތެރެއިން ހަ މެންބަރުންގެ އަގުލަބިއްޔަތުންނެވެ.

އެއާޕޯޓަކުން ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުން ޓެކްސްއާ ފީ ނެގުމާ ބެހޭ ބިލުގައި ބުނެފައި ވަނީ މިހާރު ނަގަމުން އަންނަ އެއާޕޯޓް ސާވިސް ޗާޖުގެ އިތުރުން ޑިވަލޮޕްމަންޓް ޗާޖުގެ ގޮތުގައި ކޮންމެ ފަސިންޖަރެއް އަތުން 25 ޑޮލަރު ނެގުމަށެވެ. އަދި ބުނެފައި ވަނީ ޑިޕްލޮމެޓިކް އިމިއުނިޓީ ޕާސްޕޯޓު ގެންގުޅޭ ފަރާތްތައް މި އޭޑީސީ ނެގުމުން އިސްތިސްނާވާނެ ކަމަށެވެ. އެ ފައިސާ ނެގުމުގެ ޒިންމާ އަދާކުރަން ޖެހޭނީ އެއާލައިންތަކުންނާއި އެއާޕޯޓުން ކަމަށާއި އެ ފައިސާ މީރާއަށް ހަވާލު ކުރަން ޖެހޭނެ ކަމަށެވެ.

މިއަދުގެ ކޮމިޓީ މަރުހަލާގައި އެމްޑީޕީގެ ފަރާތުން ގަމު ދާއިރާގެ މެންބަރު ފައްޔާޒު އިސްމާއިލް ހުށަހެޅުއްވީ ޑިޕްލޮމެޓިކް ޕާސްޕޯޓް ގެންގުޅުއްވާ ފަރާތްތަކުން އޭޑީސީ ނެގުމަށާއި ޓްރާންސިޓް ޕެސެންޖަރުން އަތުން އެ ޓެކްސް ނުނެގުމަށެވެ. އަދި ކަމާ ގުޅޭ މިނިސްޓަރުން ހާޒިރުކޮށް މައްސަލަ އިތުރަށް ދިރާސާ ކުރުމަށް ވެސް ހުށަހެޅި އެވެ. އެހެން ނަމަވެސް އެ ހުށަހެޅުންތައް ފާސްވާ ވަރަށް ވޯޓެއް ނުލިބުނެވެ.

ބަޖެޓްގައިވާ ގޮތުގައި އެއާޕޯޓުން ފުރާ ކޮންމެ މީހެއްގެ އަތުން އޭޑީސީ ގެ ގޮތުގައި 25 ޑޮލަރު ނަގައިގެން އަންނަ އަހަރު 565.8 މިލިއަން ރުފިޔާ މުޅިން އަލަށް ހޯދުމަށް ވަނީ ބަޖެޓް ކޮށްފަ އެވެ. ސަރުކާރުން އަންނަނީ އެއާޕޯޓް ޑިވަލޮޕް ކުރުމަށް 800 މިލިއަން ޑޮލަރުގެ އަގު ބޮޑު މަޝްރޫއެއް ހިންގަމުންނެވެ.

އެއާޕޯޓުން ފުރާ ބޭރު މީހުންގެ އަތުން މިހާރު ވެސް 25 ޑޮލަރު އަދި އަދި ދިވެހިންގެ އަތުން 12 ޑޮލަރު އެއާޕޯޓް ސާވިސް ޗާޖްގެ ގޮތުގައި ނަގަ އެވެ.