- ދިވެހިން އަތުން 12 ޑޮލަރު
- ބިދޭސީން އަތުން 25 ޑޮލަރު
- އޭޑީސީ ނަގާނީ ގާނޫނަށް 4 މަސް ފަހުން
އެއާޕޯޓް ޑިވެލޮޕްމަންޓް ޗާޖު (އޭޑީސީ )ގެ ގޮތުގައި ބިދޭސީންގެ އަތުން 25 ޑޮލަރު އަދި ދިވެހިންގެ އަތުން 12 ޑޮލަރު ނަގަން ރައްޔިތުންގެ މަޖިލީހުން މިރޭ ފާސްކޮށްފި އެވެ.
ސަރުކާރު ފަރާތުން ސަރުކާރު ފަރާތުން ގައްދޫ ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ހުށަހެޅި މި ބިލު ފާސް ކުރުމަށް 48 މެންބަރުން ވޯޓު ދެއްވި އިރު ފާސް ކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 20 މެންބަރުންނެވެ. ވަކި ގޮތަކަށް ވޯޓު ދޭން ބޭނުން ނުވާ އެއް މެންބަރަކު އިންނެވި އެވެ.
އެ ބިލުގައި ބުނެފައި ވަނީ މިހާރު ނަގަމުން އަންނަ އެއާޕޯޓް ސާވިސް ޗާޖުގެ އިތުރުން ޑިވަލޮޕްމަންޓް ޗާޖުގެ ގޮތުގައި ކޮންމެ ފަސިންޖަރެއް އަތުން 25 ޑޮލަރު ނެގުމަށެވެ. ނަމަވެސް މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު ހުށަހެޅުއްވީ ދިވެހިންގެ އަތުން 12 ޑޮލަރު ނަގާ ގޮތަށް އިސްލާހު ކުރެއްވުމަށެވެ. އަދި އެ އިސްލާހު ފާސްކުރަން ފެންނަ ކަމަށް 48 މެންބަރުން ވޯޓު ދެއްވި އިރު އިސްލާހު ފާސް ކުރަން ނުފެންނަ ކަމަށް 18 މެންބަރުން ވޯޓު ދެއްވި އެވެ. އެގޮތުން އޭޑީސީ ނެގުމާ ބެހޭ ބިލު ފާސްވީ އެ އިސްލާހާ އެކުގައެވެ.
އެމްޑީޕީ މެންބަރުން ވެސް ވަނީ މީ ބިލަށް އިތުރު ހަ އިސްލާހެއް ހުށަހަޅައިފައެވެ. ނަމަވެސް އެ އިސްލާހުތައް ފާސް ކުރަން އެކަށީގެންވާ ވަރަށް ވޯޓެއް ލިބިފައެއް ނުވެއެވެ.
މި ބިލުގައި އިތުރަށް ބުނެފައި ވަނީ ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ މީހުންނާއި ދެ އަހަރު ފުރިހަމަ ނުވާ ކުޑަކުދިންގެ އަތުން މި ޓެކްސް ނުނެގޭނެ ކަމަށެވެ. އޭޑީސީ ނަގާނީ ދައުލަތުގެ ޓެކްސް އިދާރާ، މީރާގެ އެންގުމާ އެއްގޮތަށް އެއާލައިންތަކުން ކަމަށް އެ ބިލުގައި ބުނެފައި ވެއެވެ. އަދި މީރާއަށް އޭޑީސީ ނުދައްކާ އެއާލައިންތައް ޖޫރިމަނާ ކުރެވޭނެ ކަމަށާއި އޭޑީސީ ނަގަން ފަށާނީ މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ހަތަރު މަސް ހަމަވުމުން ކަމަށް ވެސް ބިލުގައި ބުނެފައި ވެއެވެ.
އޭޑީސީގެ ގޮތުގައި 25 ޑޮލަރު ނަގަން ފެށުމުން އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓަށް 565.8 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. ބަޖެޓްގައި ބުނެފައިވާ ގޮތުގައި އެ ފައިސާ ބަހައްޓާނީ ރާއްޖޭގެ ސޮވަރިން ފަންޑެއް އުފެއްދުމަަށެވެ. އެ ޗާޖު ނަގަން ފާސްކޮށްފައިވާ އިރު މިހާރުވެސް އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި ބިދޭސީންގެ އަތުން 25 ޑޮލަރާއި ދިވެހިންގެ އަތުން 12 ޑޮލަރު ނަގަމުން ދެއެވެ.
މި ގާނޫނާ އެކު ސާވިސް ޗާޖަށް ނަގާ 12 ޑޮލަރާ އެކި ބޭރަށް ފުރާ ދިވެހިން ޖުމްލަ 24 ޑޮލަރު ދައްކަން ޖެހޭނެ އެވެ. އަދި ބިދޭސީން ޖުމްލަ 50 ޑޮލަރު ދައްކަން ޖެހޭނެ އެވެ. އޭޑީސީ ނަގަން ފެށި އިރު ސަރުކާރުން ވަނީ އެއާޕޯޓް ތަރައްގީ ކުރުމަށް ބޭރުން ލޯނު ނަގައިގެން 800 މިލިއަން ޑޮލަރުގެ ތަރައްގީގެ ބޮޑު މަޝްރޫއެއް ފަށައިފަ އެވެ.
އެމްޑީޕީގެ ވެރިކަމުގައި ގާނޫނެއް ފާސްނުކޮށް އެއާޕޯޓް ހިންގަން ހަވާލުވި ޖީއެމްއާރުން އޭޑީސީގެ ގޮތުގައި 25 ޑޮލަރު ނަގަން މަސައްކަތް ކުރުމުން އެ މައްސަލަ އޭރު ވަރަށް ބޮޑަށް ހޫނުވެ، ސިވިލް ކޯޓަށް މައްސަލަ ވެއްދުމުން އޭރު އެ ޗާޖް ނެގުން ވަނީ ހުއްޓުވައިފަ އެވެ. ދިވެހިންގެ އަތުން އޭޑީސީ ނެގުމާ މެދު ވެރިކަން ކުރާ ޕާޓީގެ ޕީޕީއެމްގެ މެންބަރުންގެ މެދުގައި ވެސް ހިޔާލު ތަފާތުވި އެވެ. އަދި އެ ޗާޖް ދިވެހިންގެ އަތުން ނެގުމަށް ތާއީދު ނެތް ކަމަށް ޕީޕީއެމްގެ ޕީޖީ ލީޑަރު އާއި ޑެޕިއުޓީ ލީޑަރު މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.