ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ އުފެއްދުންތެރިކަމަށް މިއަހަރު 97.6 ޕަސެންޓް!

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ އުފެއްދުންތެރިކަމުގެ ރޭޓު ހުރީ 97.6 ޕަސަންޓު ކަމަށް މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ތިންވަނަ ދައުރު އަދި މިއަހަރުގެ އެންމެ ފަހު ދައުރު ނިންމާލުމުގެ ގޮތުން ރިޔާސަތުން ވަނީ މިއަހަރުގެ ރިޕޯޓު ކާޑު އިއްވާފައެވެ. އެ ރިޕޯޓާ ހަވާލާދީ މަސީހު ވިދާޅުވީ މިއަހަރު ތެރޭގައި 47 ބިލެއް މަޖިލީހުގެ ކޮމިޓީތަކުގައި މަސައްކަތްކޮށްފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން 43 ބިލެއްގެ މަސައްކަތް ވަނީ އެއްކޮށް ނިންމާލެވިފައިވާ އިރު ހަތަރު ބިލެއްގެ މަސައްކަތް ކޮމިޓީއިން ނުނިމި ހުރި ކަމަށް ވެސް އެ މަސީހު ވިދާޅުވި އެވެ.

ސަރުކާރުން މިއަހަރު ތެރޭގައި 50 މައްސަލައެއް މަޖިލީހަށް ހުށަހަޅާފައިވާ ކަމަށާއި މެންބަރުންގެ ފަރާތުން މިއަހަރު ހުށަހެޅީ ހަ މައްސަލައެއް އަދި ރިޔާސަތުން ދެ މައްސަލައެއް ހުށަހަޅާފައިވާ ކަމަށް މަސީހު ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ ހުރިހާ މަސައްކަތްތައް ވެސް ނިންމާލާފައިވާ ކަމަށެވެ. އަދި ތިން ގަރާރެއް ހުށަހަޅާ އެހެނިހެން މައްސަލަތަކާ ގުޅޭ ހަތަރު ރިޕޯޓެއް ހުށަހަޅާފައިވާ ކަމަށް މަސީހު ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ ހުރިހާ މަސައްކަތެއްވެސް ނިންމާފައިވާ ކަމަށެވެ. އޭގެ އިތުރުން މަޖިލީހަށް ހާޒިރު ކުރެއްވި މިނިސްޓަރުންނާ 52 ސުވާލު ކުރައްވާފައިވި ކަމަށްވެސް މަސީހު ވިދާޅުވި އެވެ.

"އެހެންކަމުން 2016 ވަނަ އަހަރުގެ ޕްރޮޑަކްޓިވިޓީ ރޭޓަކީ 97.6 ކަމަށް އިއުލާން ކުރަން،" މަސީހު ވިދާޅުވި އެވެ.

މަޖިލީހުގެ އިތުރު ތަފާސް ހިސާބުތައް އާންމު ކުރައްވަމުން މަސީހު ވިދާޅުވީ 28 މޭ 2014 އިން މިއަދުގެ ނިޔަލަށް މުޅި މަޖިލީހަށް 380 މައްސަލަ ހުށަހެޅި 376 މައްސަލަވަނީ ނިންމާފައިވާ ކަމަށެވެ. އަދި ހަތަރު މައްސަލަ ނުނިމި ހުރި އިރު މުޅި ރޮޑަކްޓިވިޓީ ރޭޓަކީ 98.9 ޕަސަންޓު ކަމަށް މަސީހު ވިދާޅުވި އެވެ.

މިއަހަރު ބާއްވާ މަޖިލީހުގެ ފަހު ޖަލްސާ ނިންމާލަމުން މަސީހު ވަނީ ހުރިހާ މެންބަރުންނަށް ޝުކުރު އަދާ ކުރައްވާ ހިތުގައި ހުރި ބައެއް ޝުއޫރުތައް ވެސް ފާޅުކޮށްފައެވެ. އެގޮތުން މަސީހު ވިދާޅުވީ ޑިމޮކްރަސީގައި އެންމެ އެދެވޭ ގޮތަކީ ހުރިހާ މެންބަރުން އެއް ގަލަކަށް އެރުން ކަމަށާއި އެގޮތް ނުވާ ނަމަ ދެން ބެލެވޭނީ އެންމެ ގިނަ މެންބަރުންނަށް ފެންނަ ރަނގަޅު ގޮތް ކަމަށެވެ. އަދި އެ ގޮތް ގަބޫލު ނުކުރެވެނީ ނަމަ އެއީ ޑީމޮކްރަސީގައި އޮތް އުނި ކަމެއް ކަމަށް މަސީހު ވިދާޅުވި އެވެ.

"މަޖިލީހަކީ އިއްޒަތްތެރި މެންބަރުން. އެއްވެސް ގޮތަކަށް އިމާރާތާ ގޮނޑިގޮނޑިއެއް ނޫން. މި މަޖިލީހުން ކަންތައްތައް ރަނގަޅަށް ކުރެވުނަސް ނުރަނގަަޅަށް ކުރެވުނަށް ކަލެކްޓިވް ގޮތުގައި އެއީ ރައްޔިތުންގެ މަޖިލީހުންގެ މެންބަރުންގެ މަސައްކަތު ކުރެވިފައި އޮތް ކަމެއް. ޑިމޮކްރަސީއަކީ ވަރަށް އެހެންކަހަލަ އެއްޗެއް. ޑޮމޮކްރަސީގައި އޮންނަ ގޮތަކީ ހުރިހާ ފަހަރަކު ހުރިހާ ކަމެއްގައިވެސް އެންމެން އެއްގަލަކަށް އެރުން. އެހެން ނުވާނަމަ ގިނަ ބަޔަކަށް ފެންނަ ގޮތަކަށް އެކަންކަން ނިންމުން އެއީ އިތުރު ގޮތެއް ނެތީމަ. އެހެންވީމަ ގިނަ މީހުން ނިންމާ ކަންތައްތަކުގައި ހުންނަ ކަމަށް ވަނީ ނަމަ އެއީ ޑިމޮކްރަސީގައި މިވަގުތައް އޮތް އުނިކަމެއް ގޮތަށް ބަލަން ޖެހޭނީ،" މަސީހު ވިދާޅުވި އެވެ.