މުހައްމަދު ސައީދު

"މި ރައީސްގެ ތަރައްގީއަށް އާނބަސް ނުބުނުމަކީ ބޭވަފާތެރިވުން"

ރާއްޖެ އޮޔާ ދަނިކޮށް ތަރައްގީގެ މިސްރާބަށް އަމާޒު ބަދަލު ކޮށްދެއްވި ރައީސަކީ ރައީސް އަބްދުﷲ ޔާމީން ކަމަށާއި އެމަނިކުފާނުގެ އެ ތަރައްގީއަށް ރާއްޖޭގެ އެއްވެސް ރައްޔިތަކަށް "އާނބަސް" ބުނަން ނުކެރުމަކީ އެ މީހަކު ގައުމަށް ބޭވަފާތެރިވުން ކަމަށް އިކްނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ސަރުކާރަށް ތިން އަހަރު ފާހަގަކުރުމުގެ މުނާސަބަތުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އެމްޕީއެލް ބަނދަރު ސަރަހައްދުގައި ކެފޭއެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބާ އެކި ގޮތްގޮތަށް އެކި ހަފްލާތަކުގައި ފާހަގަ ކުރަންޖެހޭ ސަބަބުތައް ވަރަށް ބައިވަރު ކަމަށެވެ.

މީގެ ތިން އަހަރުކުރިން ރާއްޖެ އޮތް ހާލަތާއި އޭގެ ފަހުން ރާއްޖެއަށް އައި ބަދަލު ވިސްނާލައިފި ކޮންމެ ރައްޔިތަކަށް ހާމަވާނެ ކަމަށާއި އެހެންކަމުން ރައީސްގެ ތަރައްގީގެ ތަސައްވުރާއި، އެމަނިކުފާނު ގައުމުގެ އިގްތިސޯދު ނަގާ ކޮޅަށްޖެހުމަށް ކުރައްވާ މަސައްކަތްތައް ބަލައިގަނެ އެކަންކަމަށް އާނ ބަސް ބުނަން ނުކެރުމަކީ އެ މީހަކު ނުވަތަ އެބަޔަކު ގައުމަށް ބޭވަފާތެރިވުން ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ފާއިތުވި ތިން އަހަރު ރާއްޖޭގެ އެކްސްޕޯޓް އިތުރުވި މިންވަރަށް އެކަނި ބެލިއަސް ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވުމަށްފަހު އިގްތިސާދަށް އައި ކުރިއެރުން ފާހަގަވާނެ އެވެ. އަދި އެކަން އެންމެ ރަނގަޅަށް ދެނެތިބި ބަޔަކީ އެމްޕީއެލްގެ މުވައްޒަފުން ކަމަށާއި އެހެންކަމުން ރައީސް ޔާމީންގެ ކާމިޔާބީ ފާހަގަކުރާ ޖަލްސާއެއްގައި އެމްޕީއެލް ފަދަ މުއައްސަސާއެއްގެ މުވައްޒަފުން ބައިވެރިވުމަކީ މުހިންމު އަދި ވަރަށް ރަނގަޅު ކަމެއް ކަމަށެވެ.

"ބައްލަވާ 375 މިލިއަން އެމެރިކާ ޑޮލަރު އެންމެ ޗެކެއް ވަގުތުން ފައިސާ ދެއްކުމަށްފަހު ދިވެހިންގެ ބިމަކަށް އެ އެއާޕޯޓް އެ ބަދަލު ކޮށްދެއްވީ ދާދި މިދާކަށް ދުވަހު. މިކަމަށްޓަކައި އިހުތިރާމާއި އޯގާތެރި ކަމާއެކު ގައުމިއްޔަތުގެ ވިސްނުމުން ކޮށްޅަށް ތިބެ އެމަނިކުފާނަށް ސެލިއުޓް ކުރަން ނުކެރޭ ރައްޔިތަކު މިއަދު ނުހުންނާނެ، ހުރެގެން ވެސް ނުވާނެ، އެހެންވީމަ ސޯޝަލް މީޑިއާގައި ފާޑު ފާޑުގެ މީހުން އިދިކޮޅަށް ދައްކާ ވާހަކަތަކުގެ ވަބާގައި ޖެހި ކަންކަން ދިރާސާ ކުރުމަށްވުރެ އަމިއްލަ ފުޅު ހިއްސުތަކުން މި ތަރައްގީ މިނީމަ ހަމަ އެންމެ ރަނގަޅު ވާނެ. އެހެންވީމަ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާ ޖަލްސާއެއްގައި ބައިވެރިވުމަކީ ހަމަ އެންމެ ރަނގަޅު ގޮތް،" މިނިސްޓަރު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ، ވެރިއެއްގެ ވިސްނުންފުޅުގައި ގައުމެއްގެ ތަރައްގީގެ ޗާޓު ކުރެހުމުގެ ވައްޓަފާޅިއާއި ކެރުންތެރިކަމާއި އެއްވެސް ބިރެއް ނެތި ތަންފީޒު ކުރަން ކެރުމުގެ ހުނަރު ހުރުމުގެ ފޮނި ނަތީޖާ މިއަދު މުޅި ރާއްޖެއަށް ދަނީ ފެންނަމުން ކަމަށެވެ.

"ވީމާ ތަރިއެއް މެދު އުޑުގަ ޖެހުނީމަ އެ ތަރިއެއްގެ ވިދުންތެރިކަމާބެހޭ ގޮތުން ފިކުރު ނުކުރާނެ މީހަކު ނުހުންނާނެ. ރާއްޖެއަކީ ވެސް ގިނަ ބޭފުޅުންތަކެއް ވެރިކަން ކުރެއްވި ގައުމެއް. އެތައް ރަސްކަލުން ވެސް ރާއްޖޭގައި ރަސްކަން ކުރެއްވި ރައީސުންގެ އިތުރަށް. ނަމަވެސް ރައީސް ޔާމީން ރާއްޖޭގެ އިގްތިސާދަށް ގެންނެވި ވަރުގެ ހެޔޮ އިންގިލާބީ ބަދަލެއް ކޮބައިތޯ ތާރީހުން ފެންނަން،" ސައީދު ވިދާޅުވި އެވެ.