ހަބަރު

ޖީއެމްއާރަށް އެއާޕޯޓް ނުދިންނަމަ ރިޒާވް އެއް ބިލިއަނަށް އަރާނެ: ސައީދު

Jul 30, 2018
9

އިންޑިއާގެ ޖީއެމްއާރު ކުންފުންޏަށް ރާއްޖޭގެ މައި އެއާޕޯޓް ހިންގަން ހަވާލު ނުކުރިނަމަ، ރާއްޖޭގެ ރިޒާވުގައި މިހާރު އެއް ބިލިއަން ޑޮލަރު ހުންނާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ސައީދު މިރޭ ވިދާޅުވެއްޖެ އެވެ.

އެމްޕީއެލްގެ މުވައްޒަފުންނަށް އަޅާ ފްލެޓް "ޕޯޓް ހިޔާ" ގެ ފައިނޭންޝަލް ސްކީމް ތައާރަފު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ސައީދު ވިދާޅުވީ ކުރިން އަބަދުވެސް އަޑުއިވެނީ ރާއްޖެއަކީ ވަސީލަތް މަދު ގައުމެއްގެ ގޮތުގައި ކަމަށެވެ. ނަމަވެސް ރައީސް އަބްދުﷲ ޔާމީން ވެރިކަމަށްވަޑައިގެން ދެއްވި އުންމީދާއެކު ނަތީޖާ ނެރެފި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވިއިރު ރާއްޖޭގެ ރިޒާވްގައި ހުރީ 299 މިލިއަން ޑޮލަރު. މިއަދު ހަތަރު އަހަރާ ބައިގެ ތެރޭގައި 779 މިލިއަން ޑޮލަރަށް ރިޒާވް ބަދަލުވެގެން ދިޔަ. އެއާޕޯޓް އޮތީ ބޭރު ކުންފުންޏަކަށް ވިއްކާލާފަ އެތަން ދިވެހިންނަށް ގެނައުމަށް 300 މިލިއަން ޑޮލަރު ދެއްކި، އެއްގޮތަކުން ބުނާނަމަ ދިވެހިންގެ މިނިވަންކަން ވެސް ޖެހުނީ ގަންނަން. މި ދަންނަަވަނީ 1.1 ބިލިއަން އެމެރިކާ ޑޮލަރު ރާއްޖޭގެ ރިޒާވްގައި ހުންނާނެ ވާހަކަ،" ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ ޖީއެމްއާރު ކުންފުނިން އެއާޕޯޓު ހިންގިއިރު، އެއާޕޯޓުގައި ދެވަނަ ރަންވޭއެއް އެޅުމުގެ ޕްލޭން ނެތް ކަމަށާ، "އެކަން ކުރާނެ ގޮތްވެސް" ނޭނގޭ ކަމަށެވެ. އަދި ސަރުކާރު ކުންފުނިތައް ދަބަހަކަށް އަޅައިގެން "ގަންނާނެންބާ" ކީ ޒަމާން ފާއިތު ވެގެން ހިނގައްޖެ ނަމަ ސައީދު ވިދާޅުވި އެވެ.

"އެންމެ ރަންވޭ އަކަށް ހިން ދެމިލެވެނީ 26،000 އެނދަށް ކިރިއާ. އެއީ 79 ޕަސެންޓް އޮކިއުޕެންސީގައި ރިސޯޓުތައް ހުރެގެން. ރާއްޖޭގައި އިތުރު ރިސޯޓެއް އަޅާނަމަ ޖެހެނީ ރަންވޭ ބޮޑުކޮށް، އިތުރު ރަންވޭއެއް އަޅަން. ނަމަވެސް ރައީސް ޔާމީން ވަޑައިގެން ސައުތު އޭޝިއާގައި އޮތް އެންމެ ބޮޑު ކޮމާޝަލް ޕޯޓު އަޅާނަމޭ ބުނީމަ އެނގޭ، ބުރިޖު އެޅި ރައީސަކަށް އެކަން ކުރެވިދާނެކަން،" ސައީދު ވިދާޅުވި އެވެ.

އެމްޕީއެލް މުވައްޒަފުންނާ މުހާތަބު ކުރައްވައި، މިނިސްޓަރު ވިދާޅުވީ މި ވާހަކަ ތަކަށް ޖަވާބުދާރީވާން، އިނދިކޮޅުގެ ކައިރީގައި ބުނުމުން ޖަވާބު ނުދެވުނު ކަމަށެވެ. އަދި ކުރިއަށް އޮތް ރިއާސީ އިންތިހާބަކީ ސިޔާސީ ވޯޓެއް ނޫން ކަމަށް ސައީދު ވިދާޅުވި އެވެ.

"ކިހިނެއް ތޯ ދޮޅު އަހަރަށް މެނިފެސްޓޯއެއް ހަދާނީ؟ ދޮޅު އަހަރެއްގެ ތެރޭގައި ވެރިކަމެއް ކުރަން އައީމަ ދޮޅު ލާރި ވެސް ބަޔަކު އިންވެސްޓް ނުކުރާނެ. ދިރާގު ފެން ކުންފުނި ފަދަ ތަންތަން ވިއްކާލީމަ ރައީސް ނަޝީދުގެ ސަރުކާރު ބަދަލު ކުރަން ދިވެހިން ތެދުވީ،" ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ ދިވެހި ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަކީ ހައްގެއް ކަމަށާއި އެމްޕީއެލް މުވައްޒަފުންނަށް ވެސް ކޮށްދެނީ އެކަން ކަމަށެވެ.