ކިއުބާގައި 1959 ވަނަ އަހަރު އޮތް މަގްބޫލުކަން ކުޑަ ހުދުމުހުތާރުވެރިކަމާ ދެކޮޅަށް ހަތިޔާރު އަޅައިގެން ޖިޕާއި ޓޭންކަރުތަކުގައި ގޮސް ފިޑެލް ކާސްޓްރޯ އާއި އޭނާގެ ވަފާތެރިން ވެރިރަށް ހަވާނާ ހިފިއިރު ކާސްޓްރޯ އަށް 32 އަހަރެވެ. ހުދުމުހުތާރުވެރިޔާ ފުލްގެންޝިއޯ ބަޓިސްޓާގެ ވެރިކަން ވައްޓާލުމަށް ފަހު ކިއުބާ އަށް ދެން އައީ އެގައުމު ތާއަބަދަށް ބަދަލުކޮށްލި އިންގިލާބެވެ.
ބޮޑުވަޒީރުގެ ގޮތުގައި ކާސްޓްރޯ ކިއުބާއާ ހަވާލުވެ ވަޑައިގަތީ އެ އިންގިލާބުގައި ފެބްރުއަރީ 16، 1959ގަ އެވެ. ބޮޑުވަޒީރެއްގެ ގޮތުގަ އާއި ރައީސެއްގެ ގޮތުގައި 47 އަހަރު ކިއުބާގައި ވެރިކަންކުރެއްވުމަށް ފަހު އާލާސްކަންފުޅާ ގުޅިގެން ކޮއްކޯފުޅު، ރާއުލް ކާސްޓްރޯއާ ވެރިކަމުގެ ބާރުތައް ހަވާލުކުރެއްވީ 2006 ވަނަ އަހަރުގެ ޖުލައި މަހު އެވެ.
ރައީސްކަމުން ރަސްމީކޮށް އިސްތިއުފާ ދެއްވީ 2008 ވަނަ އަހަރު އެވެ. އެއަށް ފަހު، އުމުރުފުޅުން 90 އަހަރުގައި ކާސްޓްރޯ މި ވަނީ ރޭގެ ވަގުތެއްގައި އަވަހާރަވެފަ އެވެ.
ކާސްޓްރޯގެ ސަޕޯޓަރުން އޭނާ ސިފަކުރަނީ ކިއުބާ އެގައުމުގެ ރައްޔިތުންނާ ހަވާލުކޮށްދެއްވި ވަފާތެރި ލީޑަރެއްގެ ގޮތުގަ އެވެ. އެކަމަކު އެމެރިކާ އާއި ހުޅަނގުގެ އެހެން ބާރުތަކުގެ ކުރިމަތީގައި ކާސްޓްރޯ އަކީ ވެސް އިންސާނީ ޖަރީމާތަކެއް ހިންގެވި ލީޑަރެކެވެ. ވަކިން ހާއްސަކޮށް ބައިނަލްއަގުވާމީ މުޖުތަމައުން ކިއުބާ އެކަހެރިވުމާއި އިގްތިސާދީ ދުވެލީގައި ފަހަތަށް ވެއްޓުމުގެ ޒިންމާ ނަގަން ޖެހެނީ ކާސްޓްރޯ ކަަމަށް ފާޑުކިޔުންތެރިން ބުނެ އެވެ.
ނަމަވެސް ތާރީޚަށް ބަލައިފި ނަމަ ކާސްޓްރޯ އަކީ އަބަދުވެސް އޭނާގެ ގައުމުގެ މިނިވަންކަމަށާއި ބޭރުގެ ނުފޫޒަތަކާ ދެކޮޅަށް މަސައްކަތްކުރެއްވި ލީޑަރެކެވެ. ވަކިން ހާއްސަކޮށް، އޭރު ކިއުބާ އަށް އަތްގަދަކޮށްގެން އޮތް އެމެރިކާ ފަހަތައް ޖައްސައި ކިއުބާގެ ރައްޔިތުންނަށް ހަގީގީ މިިނިވަންކަން ހޯއްދަވައިދެއްވި ލީޑަރެވެ.
ކިއުބާގެ ވެރިކަމަށް ކާސްޓްރޯ ވަޑައިގަތުމުގެ އަސްލަކީ ވެސް އެމެރިކާގެ ބާރާއި ނުފޫޒު އޭނާގެ ގައުމުގައި ގަދަވުމެވެ. އެގޮތުން އިންގިލާބުގެ ކުރިން ކިއުބާގައި އޮތް ސަރުކާރު އަދި އޭގެ ކުރިން އެގައުމުގައި ވެރިކަން ކުރެއްވި ލީޑަރުންނަކީ ވެސް އެމެރިކާގެ ވަފާތެރިންނެވެ. އެންމެފަހުން މިކަމުން ސަލާމަތްވުމަށް ގާނޫނީ ގޮތުންކުރެއްވި މަސައްކަތްތައް ނާކާމިޔާބުވެ ވަޑައިގަތުމުން މަގުމަތިން ވެރިކަން ބަދަލުކުރެއްވުމަށް ވެސް ނުކުމެ ވަޑައިގެންނެވި އެވެ.
އެއަށް ފަހު އެންމެފަހުން ހަތިޔާރު ނަންގަވައި "ދަ މޫވްމަންޓް" ގެ ނަމުގައި ސަރުކާރާ ދެކޮޅު ވަރުގަދަ ގެރިއްލާ ހަނގުރާމައެއް އިއުލާނުކުރެއްވީ އެވެ. ނަމަވެސް އެންމެ ފުރަތަމަ ވެރިކަމާ ދެކޮޅަށް ނުކުމެ ވަޑައިގެން ކާސްޓްރޯ ހައްޔަރުކޮށް ޖަލަށް ލީ އެވެ. އެކަމަކު ފަހުން މައާފްލިބިވަޑައިގަތުމުން ދެން ވެސް ސަރުކާރާ ދެކޮޅަށް ނުކުމެ ވަޑައިގަތުމަކަށް ޖެހިލުންވެ ވަޑައެއް ނުގަތެވެ.
އެކަމަކު މިފަހަރު ގައުމު ދޫކޮށް ވަޑައިގެންނެވީ އެވެ. ހައްޔަރުކޮށް ޖަލަށް ލައިފާނެ ކަމުގެ ބިރަށެވެ. ފިއްލަވައިގެން ވަޑައިގެންނެވީ މެކްސިކޯ އަށެވެ. ކިއުބާގެ އިންގިލާބުގެ މަޝްހޫރު މޫނެއް ކަމުގައިވާ ޗޭ ގްވޭރާއާ ކާސްޓްރޯ ބައްދަލުވެ އެކުވެރިޔަކަށް ބަދަލުވިގޮތަކީ މިއީ އެވެ.
ޗޭ ގުވޭރާގެ ލަފަ އާއި އިރުޝާދާ އެކު ކާސްޓްރޯ އެނބުރި ކިއުބާ އަށް ވަޑައިގެންނެވީ ހަތިޔާރު އެޅި 81 މެމްބަރުންނާ އެކުގަ އެވެ. އޭގެ ދެ އަހަރު ފަހުން އޭނާ އާއި އޭނާގެ މަދު ބައިވެރިންތައް ނުކުމެ ހަވާނާ ހިފުމުން އޭރުގެ ހުދުމުހުތާރުވެރިޔާ ބަޓިސްޓާ ފިއްލެވީ އެވެ.
ވެރިކަމަށް ވަޑައިގެން ކާސްޓްރޯ ގެންގުޅުއްވި ސިޔާސަތުތަކުގެ ތެރެއިން ދުނިޔެ އަށް އެންމެ މަޝްހޫރުވި ސިޔާސަތަކާ ރަޝިއާ ނުވަތަ އޭރުގެ ސޯވިއެޓް ޔޫނިއަންއާ ގުޅިގެން އެމެރިކާއާ ދެކޮޅަށް ކުރެއްވި ތަފާތު މަސައްކަތްތަކެވެ. ވަކިން ހާއްސަކޮށް ފިނި ހަނގުރާމައިގެ ވިލާގަނޑަކަށް ކިއުބާ ބަދަލުކޮށްލައްވައިގެން އެމެރިކާ އަށް ކުރެއްވި ފުރައްސާރަ އާއި ޖެއްސުން ފާހަގަކޮށްލެވެ އެވެ.
ރަޝިއާއާ ގުޅިގެން ކިއުބާ ކުރިއަށް ނެރުއްވި ސިޔާސަތުތަކަށް ބަދަލުހިފައި އެ ބޭފުޅާ އަވަހާރަކޮށްލުމަށް އެމެރިކާގެ ސީއައިއޭ އިން އެކި ފަހަރުމަތިން ރާވައި ނާކާމިޔާބުވެފައިވާކަން ވެސް ފާހަގަކޮށްލެވެ އެވެ.
އެމެރިކާ އާއި ކިއުބާއާ ދެމެދު އޮތް ވާދަވެރިކަމާއި ހަތުރުވެރިކަމަށް ރަސްމީ ނިމުމެއް ގެނެސްދެއްވީ އެމެރިކާގެ ރައީސް ބަރަކް އޮބާމާ އެވެ. ބައި ގަރުނު ވަންދެން އެމެރިކާ އިން ކިއުބާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައި ވިޔަފާރީގެ ގުޅުން އަލުން ގާއިމުކުރީ އެވެ. މިއީ ކާސްޓްރޯ ވެސް މަރުހަބާ ވިދާޅުވި ފިޔަވަޅެކެވެ.
ކާސްޓްރޯގެ ވާހަކަ އެމެރިކާ އާއި ފާޑުކިޔުންތެރިން ކޮންމެ ގޮތަކަށް ދެއްކިޔަސް ކިއުބާގެ ރައްޔިތުންނަށް ކާސްޓްރޯ އަކީ ކިއުބާ އެވެ. އަދި ކިއުބާ އަކީ ކާސްޓްރޯ އެވެ.