ހަބަރު

ހުޅުމާލެ ސެންޓްރަލް ޕާކްގެ ޖިމް ހުޅުވައިފި

ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލޭގެ ސެންޓްރަލް ޕާކުގެ ރެކްރިއޭޝަނަލް ޒޯން ގައި ތަަރައްގީކުރި އައުޓްޑޯ ޖިމް މިއަދު ހުޅުވާލައިފި އެވެ.

މިއަދު ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތެއްގައި ޖިމް ހުޅުއްވައިދެއްވީ ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމް އެވެ.

އެއްފަހަރާ 32 މީހުންނަށް ކަސްރަތުކުރެވޭނެ ޒަމާނީ އައުޓް ޑޯ ޖިމް އިކުއިޕްމަންޓް ހިމަނައިގެން ތައްޔާރުކޮށްފައިވާ އެ ޖިމްގައި ޔޯގާ ފަދަ ކަސްރަތުތައް ބާއްވާނެ ޑެކެއް ވެސް ވަނީ ހަދާފަ އެވެ. އަދި އެހެނިހެން ކަސްރަތު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހުސް ޖާގަވެސް ދޫކޮށްފައިވެ އެވެ. މިއަދު ހުޅުވި ޖިމް އަކީ ރެކްރިއޭޝަނަލް ޒޯންގެ އެއްބަ އެވެ.

ޖިމް ހުޅުވުމަށްފަހު ހުޅުމާލެ ސެންޓްރަލް ޕާކްގެ ތަރައްގީގެ މަސައްކަތްތަކާ ބެހޭގޮތުން ވާހަކަފުޅުދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓާ މުހައްމަދު ސައިމަން ވިދާޅުވީ، ހުޅުމާލޭގައި ހިތްފަސޭހަ މައިޒާންތައް ހެދުމަށް ވަރަށް ބޮޑު އިސްކަމެއް ދޭ ކަމަށެވެ. ސައިމަން ވިދާޅުވި ގޮތުގައި، ސެންޓްރަލް ޕާކަކީ ޒަމާނީ ސިޓީއެއްގެ ކުލަ ހުޅުމާލޭގައި ޖެހިގެންދާނެ ގޮތަށް ތަރައްގީކުރާނެ ތަނެކެވެ.

އެގޮތުން މިއަދު ހުޅުވި ޖިމަކީ ކަސްރަތާއި ކުޅިވަރަށް ލޯބިކުރާ ޒުވާނުންނަށް ހިތްގައިމު މާހައުލަކަށް ވާނެކަމަށާއި އެ ސަރަހައްދުގައި އެއްފަހަރާ 100 އެއްހާ މީހުންނަށް ދަތިކަމެއްނެތި ހަރަކާތްތެރިވެ އުޅެވޭނެ ކަމަށް ސައިމަން ވިދާޅުވި އެވެ.

ޖިމް ސަރަހައްދު ބައްލަވައިލެއްވުމަށްފަހު މިނިސްޓަރު މުއިޒް ވިދާޅުވީ، އުމްރާނީ އަދި އިގްތިސޯދީ ތަރައްގީއާ އެއްވަރަށް ރާއްޖޭގައި ދުޅަހެޔޮ ރައްޔިތެއް ބިނާކުރުމަކީވެސް ރައީސް އަބްދުﷲ ޔާމީންގެ ވައުދުފުޅެއް ކަމަށެވެ. މާލެ އާއި އަތޮޅުތެރޭގެ އެކި ރަށްރަށުގައި ހަދަމުންދާ ޕާކުތަކާއި ކަސްރަތު ޕާކުތަކަކީ އެ މަގުސަދުގައި ހަދާ ތަންތަން ކަމަށާއި އެތަންތަނުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމަށް މުއިއްޒު އިލްތިމާސް ކުރެއްވި އެވެ.

ތަފާތު ހަތަރު ސެގްމެންޓަކަށް ބަހާލައިގެން އެޗްޑީސީން ހުޅުމާލޭގައި ތަރައްގީ ކުރަމުން އަންނަ 8 ހެކްޓަރުގެ ބޮޑު ސެންޓްރަލް ޕާކުގެ ލެޝާ ޒޯން މިހާރު ވަނީ މުޅިން ނިންމައި އާންމުކޮށް ހުޅުވާލާފަ އެވެ. އެ ޕާކުގެ ރެކްރިއޭޝަނަލް ޒޯން މިހާރު ތަރައްގީކުރަމުންދާއިރު، އެތަން ނިމުމުން ދެން އެންމެ އަވަހަށް ތަރައްގީކުރަން ފަށާނީ އެތަނުގެ ފައުންޓެއިން ނުވަތަ ފައްވާރު ސެގްމަންޓެވެ.

ސެންޓްރަލް ޕާކްގައި އަޅާ އިމާރާތްތަކަށް ހޭދަވާ ހަރަދު ނުލައި ޕާކް ޒީނަތްތެރިކުރަން އެކަނި ވެސް 15 މިލިއަން ރުފިޔާ ސަރުކާރުން ހަރަދު ކުރެ އެވެ.