ދުނިޔެ

ގަޑިޖެހިގެން އޮފީހަށްދާ މީހުން ޖަލަށް!

Nov 28, 2016
1
  • ރައީސްގެ ހަރުދަނާ ސިޔާސަތަށް އާންމުންގެ ތާއީދު ބޮޑު
  • އިދިކޮޅު މީހުން ރައީސަށް ގޮވަނީ "ބުލްޑޯޒާ" ގެ ނަމުން

ޓެންޒޭނިއާގެ ރައީސްކަން މިދިޔަ އަހަރު ލިބިވަޑައިގެންނެވި ޖޯން މެގު ފުލީގެ ހައިރާންކުރުވަނިވި ހަރުކަށި އެކަމަކު ހަރުދަނާ ސިޔާސަތަށް އާންމުންގެ ތާއީދު ވަރަށް ބޮޑެވެ.

ފުލުހުންގެ ބައްދަލުވުމަކަށް ގަޑިޖެހިގެން އައި 20 ފުލުން ވަނީ ޖަލަށް ލާފައެވެ. އެ ހާދިސާއަށް ފަހު ބޭއްވި ފުލުހުންގެ އެހެން ބައްދަލުވުމަކަށް އަންނަން އެންގި މީހުން ދެ ގަޑިއިރު ކުރިން އެތަނަށް ހާޒިރުވިއެވެ. ސަރުކާރުގެ މުވައްޒަފުން އޮފީހަށް ގަޑިޖެހިގެން އައުމާއި ސަޔާއި ކޮފީ ބުއިމުގެ ނަމުގައި އޮފީހުން ބޭރުގައި ގިނަ ވަގުތު ހޭދަކުރުމާއި މަސައްކަތަށް ފަރުވާކުޑަކުރަމުންދާތީ އާންމުންގެ ނުރުހުމާއި ޝަކުވާ ވަރަށް ބޮޑެވެ.

ބީބީސީގެ ނޫސްވެރިޔަކު ސިފަކުރިގޮތުގައި އަލަށް ވެރިކަމަށް ވަޑައިގެންނެވި ރައީސްގެ ސިޔާސަތުތަކަށް އާންމުންގެ ތާއިދު ވަރަށް ބޮޑެވެ. އަދި ރައީސަކީ ނަތީޖާ ނެރުއްވާ ރައީސެއްގެ ގޮތުގައި ދަނީ މަޝްހޫރު ވަމުންނެވެ.

ގަޑިޖެހިގެން އޮފީހަށް އަންނަ ސަރުކާރުގެ މުވައްޒިފުންނާމެދު، ހަރުކަށި ފިޔަވަޅު އަޅަން ފެށުމުން އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ބައެއް ފަރާތްތަކުން އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔައި ބަޔާންތައް ނެރުނެވެ. އެކަމަކު ޓެންޒޭނިއާގެ އާންމުން ސަރުކާރުގެ އެ ފިޔަވަޅަށް ވަރަށް ބޮޑަށް ތާއިދުކޮށް ޚިޔާލުފާޅުކޮށްފައިވެއެވެ.

ޓެންޒޭނިއާގެ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ބައެއް ފަރާތްތަކުން ރައީސްގެ ސިޔާސަތަށް ފާޑުކިޔައި ބަޔާންތައް ނެރުނަސް، ޓެންޒޭނިއާގެ ހިއުމަން ރައިޓްސް ޑިފެންޑާސް ކޯލިޝަންގެ ބޭފުޅެއްކަމުގައިވާ އޮންސިމޮ އޮލޮންގިރޮ ވިދާޅުވީ އެއްވެސް މުވައްޒިފަހު ވަޒީފާއަދާކުރުމުގައި ފަރުވާކުޑަކުރާނަމަ ގާނޫނާއި ގަވައިދާ އެއްގޮތަށް ފިޔަވަޅުއަޅަންޖެހޭނެ ކަމަށެވެ.
"ސަރުކާރުގެ މުވައްޒަފުން ޒިއްމާދާރު ކުރުވުމަށް ރައީސް އަޅުއްވަމުންގެންދަވާ ފިޔަވަޅުތަކަށް ހިއުމަން ރައިޓްސް ޑިފެންޑާރޒް އިން ތާއިދު ކުރަން." އޭނާ ވިދާޅުވިއެވެ.

ޓެންޒޭނިއާގެ ރައީސްގެ ހަރުދަނާ އަދި ހަރުކަށި ސިޔާސަތާ ދެކޮޅު ފަރާތަތަކުން ރައީސަށް "ބުލްޑޯޒަރ"ގެ ނަމުން ގޮވަމުންދެއެވެ. ނަމަވެސް ކުރު މުއްދަތެއްގައި އަޅުއްވާފައިވާ އިސްލާހީ ފިޔަވަޅުތަކުގެ ސަބަބުން ރައީސް ޖޯން މެގު ފުލީ ވަނީ ގައުމުގެ ގިނަ ރައްޔިތުންގެ ހިތް ފަތަހަ ކުރައްވާފައެވެ. -- މައުލޫމާތު: ބީބީސީ