އެމެރިކާގެ ރައީސް ބަރަކަ އޮބާމާގެ ވެރިކަމުގައި އެމީހުންގެ ޒަމާންވީ ހަތުރު، ކިއުބާއާ އެކު ސިޔާސީ ގުޅުން އަލުން ގާއިމުކޮށް ވިޔަފާރީގެ ދޮރުތައް އަލުން ހުޅުވާލާފައިވީ ނަމަވެސް އޮބާމާ އަށް ފަހު އެމެރިކާގެ ރައީސްކަމާ އަންނަ އަހަރު ހަވާލުވެ ވަޑައިގަތުމަށް ތައްޔާރުވެ ވަޑައިގަންނަވަމުން ގެންދަވާ ޑޮނަލްޓް ޓްރަމްޕް ވިދާޅުވަނީ ކިއުބާއާ އެކު ގާއިމުކުރި ގުޅުން ކަނޑާލަން ޖެހިދާނެ ކަމަށެވެ.
ކިއުބާގެ ކުރީގެ ރައީސް އަދި އިންގިލާބީ ލީޑަރު ފިޑެލް ކާސްޓްރޯގެ މަރަށް ފަހު ކިއުބާ އަށް ފާޑުވިދާޅުވެ ހަރުކަށި ސިޔާސަތުތަކެއްގެ ބެރުގެ އަޑު ގަދަކުރައްވަމުން ގެންދަވާ ޓްރަމްޕް އެންމެފަހުން ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވަނީ ކިއުބާ އިން ކިއުބާގެ ރައްޔިތުންނަށާއި އެމެރިކާގަައި ތިބި ކިއުބާގެ ރައްޔިތުންނަށް އަދި އެމެރިކާ އަށް އެންމެ ފުރިހަމަ ގޮތުގައި ވަފާތެރިވެ ރަނގަޅުނުވާ ނަމަ ޖެހޭނީ ގުޅުން ކަނޑާލަން ކަމަށެވެ.
ފިޑެލް ކާސްޓްރޯ އަވަހާރަވުމުން އެ ޚަބަރު ޓްވިޓަރުގައި ޓްރަމްޕް އާންމުކުރައްވާފައި ވަނީ ވެސް ވަރަށް ބޮޑަށް ފުރައްސާރައާއެކުގަ އެވެ. އެގޮތުން "ފިޑެލް ކާސްޓްރޯ މަރުވެއްޖެ" އޭ ވިދާޅުވެ ޓްވީޓެއް ކުރެއްވުމަށް ފަހު، ކާސްޓްރޯ އަކީ ހުދުމުހުތާރުވެރިއެއް ކަމަށް ވިދާޅުވެ ވެސް ފާޑުވިދާޅުވެފައިވެ އެވެ.
އޮބާމާގެ ސަރުކާރުން ކިއުބާއާ އެކު ސިޔާސީ ގުޅުން ގާއިމުކޮށް ވިޔަފާރީގެ ގުޅުން އަލުން ގާއިމުކޮށްފައި ވަނީ 50 އަހަރު ވަންދެން އެގައުމާ ދެކޮޅަށް އަޅާފައިވީ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް ފަހު އެވެ. އެމެރިކާ އާއި ކިއުބާގެ ގުޅުން ރަނގަޅުކޮށްފައ ވަނީ ކާސްޓްރޯ ވެރިކަން އިސްތިއުފާ ދެއްވައި ބާރުތައް ކޮއްކޯފުޅު ރާއުލް ކާސްޓްރޯއާ ހަވާލުކުރެއްވި ފަހުންނެވެ.
ކިއުބާއާ ގުޅުން ބަދަހިކުރުމަކީ މައްސަލައެއް ނޫން ކަމަށާއި 50 އަހަރު ވަންދެން ދަތިކުރުމުގެ ފިޔަވަޅު އަޅާފައި ބޭއްވުމަކީ ފުދޭވަރެއް ކަމަށް ޓްރަމްޕް ކުރިން ވިދާޅުވެފައިވެ އެވެ. ނަމަވެސް އޭރު ވެސް ޓްރަމްޕް ވިދާޅުވެފައި ވަނީ އެއަށް ވުރެ ރަނގަޅު އެއްބަސްވުމެއް އެމެރިކާ އަށް ކިއުބާއާ އެކު ގާއިމުކުރެވެން ޖެހޭނެ ކަމަށެވެ.