އީގަލްސް

ދެ ކޯޗުން އެއް ވާހަކައެއް: ރެކޯޑަކުން ފައިދާއެއް ނެތް!

ރާއްޖޭގެ އެންމެ ޝަރުފުވެރި ފުޓްބޯޅަ މުބާރާތް ނުވަތަ ޕްރެޒިޑެންޓް ކަޕްގެ ފައިނަލުގައި ސީޒަންގައި އެންމެ ވާދަވެރިކޮށް ފެނުނު ދެ ޓީމު ކަމަށްވާ ކުލަބު އީގަލްސް އާއި ޓީސީ ސްޕޯޓްސް ކުލަބު މިއަދު ނިކުންނާނެ އެވެ.

މި ސީޒަންގައި މި ދެޓީމުގެ ކުރިމަތި ލުމަށް ބަލާއިރު މޮޅުވުމުގެ ރެކޯޑް އޮތީ އީގަލްސް އަތުގަ އެވެ. ސީޒަންގައި ދެ ޓީމުގެ ބައްދަލު ކުރި ފަސް މެޗުގެ ތެރެއިން ޓީސީއަށް ކާމިޔާބު ކުރެވިފައިވަނީ އެންމެ ކުރިމަތި ލުމެކެވެ. އެއީ އެފްއޭ ކަޕް ކްއާޓާ ފައިނަލް މެޗްގައި އެކަންޏެވެ. އަލީ ފާސިރު (ސެންޓޭ) މެޗްގެ ކުރީ ކޮޅު ޖެހި ހަމައެކަނި ލަނޑާއެކު ޓީސީ އެ މެޗުން މޮޅުވީ 1-0 ގެ ނަތީޖާއިންނެވެ. އަނެއް ހަތަރު މެޗްގެ ތެރެއިން ތިން މެޗުން އީގަލްސް މޮޅުވިއިރު އަނެއް މެޗް ނިމުނީ އެއްވަރު ވެގެންނެވެ.

ފައިނަލް މެޗަށް ތައްޔާރުވުމަށް ދެ ޓީމުން އިއްޔެ ހަވީރު ކުރި ފައިނަލް ޕްރެކްޓިސްގައި ދެ ކޯޗުން އަވަސްއަށް ދިން އިންޓަވިއުގައި ވެސް ދެއްކީ އެއްވަހަކަ އެކެވެ. މާޒީގެ ރެކޯޑަކުން ނުވަތަ މޮޅަކުން ކުރާނެ ފައިދާއެއް ނެތް ކަމަށެވެ.

"ޓީސީއާ ދެކޮޅަށް އަޅުގަނޑުމެން ވަނީ ގިނަ މެޗު ތަކުން މޮޅުވެފަ މި މުބާރާތުގައި ވެސް ދެ ޓީމުގެ ކުރިމަތި ލުމުން ކާމިޔާބު ލިބުނީ އީގަލްސް އަށް ނަމަވެސް އެއިން އެއްވެސް މެޗަކީ އީގަލްސް އަށް ފައިނަލުގައި ފައިދާ ކުރާނެ މެޗެއް ނޫން މިއީ މުޅިން ތަފާތު ފައިނަލެއް،" އީގަލްސްގެ ކޯޗް އިހްސާން އަބްދުލް ގަނީ (ސާންތީ) ބުންޏެވެ.

އީގަލްސް އާއީ ސާންތީ އަށް ޕްރެޒިޑެންޓް ކަޕް ފައިނަލަކީ އާ މެޗެއް ނޫނެވެ. ސާންތީ ވަނީ އީގަލްސް ގޮވައިގެން 2014 ވަނަ އަހަރު ޕްރެޒިޑެންޓް ކަޕް ފައިނަލަށް ދަތުރުކޮށްފަ އެވެ. އެ އަހަރު ވަރުގަދަ ކޮށް ފެނުނު ނިއުރޭޑިއަންޓް އަތުން އެޓީމު ވަނީ ބަލިވެފަ އެވެ.

"އެއީ ދެ އަހަރު ކުރިން ދެއްތޯ އެއީ ތަޖުރިބާ އެހެން ނަމަވެސް ފައިނަލުގެ ތަޖުރިބާ އަށް ބަލަންޏާ ޓީސީގެ ކޯޗް ނިޒާންބެ އަކީ މިއަހަރު ފައިނަލުގައި ވަދަ ކުރި ކޯޗެއް އަޅުގަނޑަށް ވުރެ މިއަހަރު ނިޒާންބެ ފައިނަލަށް ފަރިތަ ވާނެ،"

މިދިޔަ ސީޒަނާއި މި ސީޒަންގައި ވެސް އެއްވަރެއްގައި ހިފަހައްޓައިގެން ކުޅެމުންދާ ޓީމަކީ ޓީސީ އެކަންޏެވެ. މިދިޔަ އަހަރު ސީޒަންގައި ހޯދި މަގާމު މި އަހަރު ދިފާއު ކުރެވުނު އެހެން ޓީމެއް ޓީސީ ނޫނިއްޔާ ނެތެވެ. މި ސީޒަންގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާ އާއި އެންމެ މޮޅު ކުޅުންތެރިޔާ ވެސް ހުރީ ޓީސީގަ އެވެ. ޓީމުތަކުގެ ކޯޗުންގެ ޓެކްޓިކްސް އަށް ބަލާއިރު އެންމެ ރަނގަޅަށް ފައްކާވެފައި އޮތް ޓެކްޓިސް ޕްލޭނެއް އޮތީ ޓީސީގެ ކޯޗް މުހައްމަދު ނިޒާމު އަތުގަ އެވެ.

"ޕްރެޒިޑެންޓް ކަޕަކީ ރާއްޖޭގެ އެހެން ފުޓްބޯޅަ މުބާރާތުގެ ތެރެއިން އެންމެ ތަފާތު މުބާރާތް އެ މުބާރާތުގެ ފައިނަލް ވެސް ތަފަތު ވާނެ ޓީސީ ނިކުންނާނީ އެ ތަފާތު އެނގިގެން މުޅި ސީޒަންގައި އެއްވަރެއްގައި ޑޮމިނޭޓް ކުރެވުމަކީ އެކަމަށް ފައިނަލުގައި ފައިދާ ކުރާނެ ކަމެއް ނޫން" ނިޒާންބެ ބުންޏެވެ.

އީގަލްސް އަށް ބަލާއިރު އެ ޓީމު ފައިނަލަށް ނިކުންނަނީ އެޓީމުގެ މުހިންމު ކުޅުންތެރިން ކަމަށްވާ އަހްމަދު ނޫމާން (ހެލްމެޓް) އާއި އަިބްރާހިމް މުބީން (މުއްކި) ނުލައެވެ. މި ދެކުޅުންތެރިންނަކީ އީގަލްސްގެ ލީގްގައި ކުޅުނު ކޮންމެ މެޗެެއްގައި ހިއްސާވި މުހިންމު ކުޅުންތެރިންނެވެ. އެކަމުން ޓީސީއަށް ފައިދާ ނެގިދާނެތޯ ސުވަލު ކުރުމުން ނިޒާންބެ ބުނީ އެ ދެ ކުޅުންތެރިން ނެތްތަން ފޫބައްދާނެ ފޯމިއުލާ އީގަލްސްގެ ކޯޗަށް އެނގޭނެ ކަމަށެވެ. އަދި އެފެންވަރު އީގަލްސްގެ ސްކޮޑުގައި ހުންނާނެ ކަމަށެވެ.

އެފްއޭކަޕް ފައިނަލް މެޗަށް އިޝާރާތްކޮށް ނިޒާންބެ ބުނީ އެފްއޭކަޕް ފައިނަލަކީ، ކިތަންމެ މޮޅަށް ކުޅުނަސް ނާކާމިޔާބު ވެދާނެ ކަން އެނގިގެން ދިޔަ މެޗެއް ކަމަށެވެ.

"ކޮންމެ މީހަކަށްވެސް އެނގޭނެ މުޅި ސީޒަންގައި ވެލެންސިއާއަށް ވުރެ މޮޅަށް ޓީސީ ކުޅެފަ ވާނެ ވެލެންސިއާ އަށް ވުރެ ގިނައިން ޓީސީ މޮޅުވެސް ވެފައިވާނެ ނަމަވެސް ތަށި ގެންދިޔައީ ވެލެންސިއާ އެހެންވެ މި ބުނަނީ ފައިނަލް ގައި ކޮންމެ ގޮތެއްވެސް ވެދާނޭ." ނިޒާންބެ ބުންޏެވެ.