އޭޑީކޭގެ ސްކޫލް އޮފް ހެލްތް ސައިންސް ސްކޫލުން ރަސްމީކޮށް ކިޔަވައިދޭން ނިންމައި ފުރަތަމަ ކޯސް މިއަދު އިއުލާންކޮށްފި އެވެ. މި ސްކޫލްގައި ފުރަތަމަ ފަށަނީ އެމެޖެންސީ މެޑިކަލް ޓެކްނީޝަން ކޯހެވެ.
އޭޑީކޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓާ އަހްމަދު އައްފާލް ވިދާޅުވީ، އަލަށް ފަށާ ކޯހަށް ކުރިމަތިލާން ވަރަށް އަވަހަށް ހުޅުވާލައްވާނެ ކަމަށެވެ. އެ ކޯހުގެ އަގަކީ 3،500 ރ. އެވެ. ކޯހުގެ ދިގު މިނަކީ ތިން މަހެވެ. ކޯހަށް ވަނުމަށް އޮތް ޝަރުތަކީ ޖީސީއޯލެވެލްގައި ސައިންސުން ފާސްވުމެވެ. ކޯހުގައި ކިޔައިދޭނީ ދާއިރާއިން ތަމްރީނު ލިބިފައިވާ ޑޮކްޓަރުންނާއި ނަރުހުންނެވެ.
"އިމެޖެންސީ މެޑިކަލް ޓެކްނީޝަނުންނަކީ ރާއްޖޭގައި މިހާރު މަސައްކަތްކުރާ ބައެއް ނޫނޭ ދެންނެވިއަސް ދޮގަކަށް ނުވާނެ، އެއީ މިފަދަ މީހުންނަކީ ހާއްސަކޮށް އެމްބިއުލާންސްތަކާއި ދިމާވާ އެކިއެކި ހާލަތްތަކުގައި މީހުންނަށް ފުރަތަމަ ފަރުވާދޭ ފަރާތް،" އައްފާލު ވިދާޅުވި އެވެ.
އައްފާލު ވިދާޅުވީ، މިހާރު ރާއްޖޭގައި ސީއެމްބިއުލާންސް ފަދަ ތަކެތީގެ ހިދުމަތްތައް ދިން ނަމަވެސް އެފަދަ އެއްޗެހީގައި ވެސް އެމެޖެންސީ މެޑިކަލް ޓެކްނީޝަނުން ނުތިބޭ ކަމަށެވެ. ރިސޯޓްތަކުގައި ވެސް ނުތިބޭ ކަމަށެވެ.
އޭޑީކޭ ސްކޫލް ރަޖިސްޓްރީކޮށްފައިވަނީ 2010 ވަނަ އަހަރު ތެރޭގަ އެވެ. ސްކޫލްގައި ކިޔަވައިދިނުން ލަސްވެގެން ދިޔައީ، ކޯސްތައް ފަރުމާކުރުމަށާއި ސިއްހީ ދާއިރާގައި މިފަދަ ކޯސްތައް ކިޔަވައިދިނުމަށް ހުއްދަ ނެގުމަށް ވެސް ގިނަ ދުވަސްތަކެއްވެގެން ދިޔުމުން ކަމަށެވެ.
މި ކޯހުން ދަރިވަރުވާ ފަރާތްތަކަށް އެމްބިއުލާންސް ފަދަ ތަކެތީގައި އެމެޖެންސީ މެޑިކަލްގެ ހިދުމަތްދިނުމުގެ ހުއްދަ ދޭނެ ކަމަށް މޯލްޑިވްސް އެލައިޑް ހެލެތް ކައުންސިލުން ބުނެފައިވާ ކަމަށް ވެސް އައްފާލު ވިދާޅުވި އެވެ.
އެ ކޯހުގެ އިތުރުން ޑިޕްލޮމާ އިން ނާސިން ކޯސް ފެށުމުގެ މަސައްކަތްތައް ވެސް ކުރަމުންދާ ކަމަށް އައްފާލު ވިދާޅުވި އެވެ. ކޯހުގެ ކަރިކިއުލަމް އެކުލަވާލެވިފައިވާ ކަމަށް ވިދާޅުވި އެވެ. އަންނަ އަހަރު އެ ކޯސް ވެސް ފެށޭވަރުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.