ބޭރު ކުޅިވަރު

ގާޑިއޯލާގެ ޓިކީޓަކާ އާއި ކޮންޓޭގެ ޓެކްޓިކްސް ބައްދަލުވަނީ!

Nov 29, 2016
1

އިނގިރޭސީ ޕްރިމިއާ ލީގުގެ މި ސީޒަން ފެށުނު އިރު ލީގާ މުޅިން އަލަށް ގުޅުނު މަތީ ފެންވަރުގެ އެއް ކޯޗަކީ ކާމިޔާބީ ހޯދުމުގައި އެފަދަ ދެވަނައެއް ނެތް އަދި ސްޕޭންގައި ބާސެލޯނާއަށް ފުޓްބޯޅައިގެ އާ ސްޓައިލް "ޓިކީ ޓަކާ" ތައާރަފުކޮށް ދިން ޕެޕް ގާޑިއޯލާ އެވެ. ބާސެލޯނާގައި ކުޅެ، ކޯޗް ކޮށް ދިނުމުގެ އިތުރުން ޖަރުމަނުގެ ބަޔާން މިނިއުނިކުގައި އޭނާ ހޯދާފައިވާ ކާމިޔާބީގެ މެޑަލްތަކާއި ތަށީގެ އަލަމާރި ވަރަށް ވެސް ބޮޑެވެ.

ދެން ޕްރިމިއާ ލީގަށް ވަން އިޓަލީގެ އެންޓޯނިއޯ ކޮންޓޭއަކީ އިޓަލީގައި އަޑިއަޅާލާފައި އޮތް ޔުވެންޓަސް ކޮޅަށް ޖަހައިދީ ގިނަ ތަށިތަކެއް ހޯދައި ދިނުމަށްފަހު އިޓަލީގެ ގައުމީ ޓީމަށް އިރުޝާދު ދީ ރަނގަޅު ނަތީޖާތައް ހޯދައި ދިނުމުގެ އިތުރުން ފަހަކަށް އައިސް ދުނިޔޭގައި އުފެދުނު ފުޓްބޯޅައި އެންމެ ތަފާތު އެއް ޓެކްޓީޝަނެވެ. ހާއްސަކޮށް އޭނާ ކުއްލިއަކަށް ގެންނަ ފޯމޭޝަން ޓެކްޓިކްސް އަކީ އިންގިލާބެކެވެ. އޭނާ ބެލެވިފައި ވަނީ އިޓަލީގެ މޮރީނިއޯގެ ގޮތުގަ އެވެ. ގާޑިއޯލާ އާއި ޕޯޗުގަލްގެ މޮރީނިއޯގެ ވާދަވެރިކަން ހުރިހާ ގޮތަކުން ބޮޑު ނަމަވެސް ޓަޗްލައިންގައި އެންމެ އިމޯޝަނަލް އަދި އެއް ގޮތަކަށް ވަައްތަރު ޖައްސާ "ވައްވައްޖަހާ" ދެ ކޯޗުންނަކީ ގާޑިއޯލާ އާއި ކޮންޓޭ އެވެ.

ޕްރިމިއާ ލީގުގައި ދެން ތިބީ ލިވަޕޫލްގެ ޖާގެން ކްލޮޕް އާއި މެންޗެސްޓާ ޔުނައިޓެޑްގެ މޮރީނިއޯ އެވެ. ދެން ހުރީ އާސަނެލްގެ އާސެން ވެންގާ އެވެ. ފަހަތުން ޓޮޓެންހަމްގެ އާޖެންޓީނާގެ ކޯޗެވެ.

މިހުރިހާ ކޯޗުންނަށް ބަލާއިރު އެނަލިސްޓުން ވެސް އެންމެ ބޮޑަށް އަޅުވާ ކިޔަނީ މޮރީނިއޯ އާއި ގާޑިއޯލާގެ ވާދަ ވެރި ކަމެވެ. ނަމަވެސް ދަށް ނަތީޖާ ތަކުގެ ސަބަބުން ޗެލްސީން ބޭރުކޮށްލި އަދި މެންޗެސްޓާގެ ކޯޗު ކަމާ ހަވާލުވެ އަގު ބޮޑު ބާޒާރެއް ކޮށް ގިނަ ކުޅުންތެރިންތަކެއް އެއްތަންކޮށްގެން ވެސް މޮރީނީއޯ މިހާތަނަށް އެކަށީގެންވާ ކާމިޔާބީތަކެއްހޯދައި ދެވިފައި ނުވާތީ މޮރީނިއޯގެ މައްޗަށްވަނީ ހިޔަނި އެޅިފަ އެވެ. ހާއްސަކޮށް އޭނާގެ ފްރަސްޓްރޭޝަން ބޮޑުވެ އަމަލުތައް ހުރިގޮތުން މި ދުވަސްވަރު ވަނީ މީޑިއާގެ ހޫނު ފެނަށް ވެއްޓިފަ އެވެ.

މޮރީނިއޯގެ އުހުން ކޮންޓޭ ވިދާލާފައިވާއިރު އޭނާ ހަވާލުވި އިރު "އަތްލާން ކެރޭވަރަށްވުރު ބޮޑަށް ހާލަކުވެފައިވާ" ޗެލްސީ މުޅިން ބަދަލުކޮށްލާފައިވާ ކަމަށް މީޑިއާ އާއި ކުޅިވަރުން އެނަލިސްޓުން މިހާރު ވެސް ދަނީ ބުނަމުންނެވެ. މިއާ ދެބަސްވެ އުޅެނީ ރިއޯ ފާޑިނަން އާއި ހެރީރެޑްނެޕް ފަދަ މަދު ފަރާތްތަކެކެވެ.

އެނެއްކޮޅުން ގާޑިއޯލާވަނީ މެންޗެސްޓާ ސިޓީގައި އޭނާގެ ސްޓައިލިޝް ސަގާފަތް ދިރުވައިފަ އެވެ. އެހެން ކަމުން މިހާރު މޮރީނިއޯއާ ގާޑިއޯލާގެ ކުރިމަތި ލުމަކަށް ވުރެ ބޮޑަށް އެންމެންވެސް އިންތިޒާރުކޮށްގެންތިބީ ކޮންޓޭގެ ޓެކްޓިކްސް އާއި ގާޑިއޯލާގެ ސްޓައިލިޝްގެ ވާދަވެރިކަން ބަލައިލާ ހިތުންނެވެ. ޓަޗްލައިނުގައި ގަޑިއޯލާ ދެކޮޅަށް ހިނގައި އަތް އުކާ ގޮތާއި، ކޮންޓޭގެ ފެލުމާއި ފުމުން ވަރަށް އަރާނެއެވެ.

ސިޓީ އާއި ޗެލްސީ މި ދެ ކޯޗުންނާއެކު ފުރަތަމަ ފަހަރަށް ބައްދަލު ކުރާނީ ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި އަންނަ ހޮނިހިރު ދުވަހު އެވެ. ދެ ޓީމް ނުކުންނަ އިރު ގާޑިއޯލާ ވަނީ ކޮންޓޭއަށް ތައުރީފުކޮށް ކޮންޓޭގެ ރޭވުންތަކުގައި ރެނދު އަޅުވާލައި ފޭކޮށްލައިގެން ދެމިގެންނާނެ ގޮތެއް ހޯދަން ބޭނުންވާ ކަމަށްބުނެފަ އެވެ. އަދި އޭނާ ބުނެފައި ވަނީ މެޗުގެ ކުރިން ކޮންޓޭގެ ޓެކްޓިކްސްގެ ތެރެއިން ކޮންމެވެސް އެއްޗެއް ދެނެގަނެ ދަސްކުރަން ބޭނުންވާ ކަމަށެވެ. ހަމަ އެއާއެކު ކޮންޓޭ ބުނެފައި ވަނީ އޭނާ އަބަދުވެސް ބުނާ ސާދާ ވާހަކަ އެވެ. ކާމިޔާބު ހޯދާފައިވާ މޮޅު ކޯޗުންނަށާއި ކްލަބުތަކަށް އޭނާ އިހުތިރާމް ކުރާ ކަމަށެވެ.

"މިހާރު ސިޓީ ވާދަކުރަން މިޖެހެނީ މިވަގުތަށް ފެންނަން އޮތް އެންމެ މޮޅު ޓީމާ، މިދިއަ ފަސް ހަ ހަފުތާގެ ތެރޭގެ ޗެލްސީ ވަނީ ވަރަށް މޮޅު ފުޓްބޯޅައެއް ކުޅެފައި. ހަމަ އެކަނި މޮޅުވަމުން ދިޔައީއެއް ނޫން، ޗެލްސީގެ ކުޅުމާއި ސްޓައިލް ވެސް އެހާ މޮޅު،" ގާޑިއޯލާ ބުންޏެވެ.

ގާޑިއޯލާ ބުނީ ޗެލްސީއާ ދެކޮޅަށް ތައްުޔާރުވާން ދުވަސްކޮޅެއް އޮތުމުން ހިތަށް ފަސޭހަވިޔަސް ސިޓީގެ ގިނަ ކުޅުންތެރިތިބީ ވަރަށް ބޮޑަށް ވަރުބަލިވެ ލޮޑުވެފައި ކަމަށާއި އެތަން ފޫބައްދަން ކޮންޓޭގެ ރޭވުންތެރި ކަމުގެ ސިއްރުތައް ދެނެގަންނަން ސިޓީއަށް ކޮންމެހެން ވެސް ޖެހޭ ކަމަށެވެ.

"ކޮންޓޭގެ ޓެކްޓިކްސްގެ ސިއްރުތައް ހޯދަން މަސައްކަތް ކުރަންޖެހޭ، ޗެލްސީ ބަލި ކުރަންޏާ އެއީ ކޮންމެހެން ކުރަންޖެހޭނެ ކަމެއް،" ގާޑިއޯލާ ބުންޏެވެ.

ކޮންޓޭ ބުނެފައި ވަނީ ގާޑިއޯލާ އާއި ސިޓީއަށް އޭނާ އިހުތިރާމް ކުރާ ކަމަށާއި ސިޓީއަކީ އެންމެ މޮޅުކުޅުންތެރިން ތިބި ދުނިޔޭގެ އެންމެ މޮޅު އެއް ޓީމް ކަމަށެވެ. އަދި އެޓީމާއެކު ހުރީ ދުނިޔޭގައި އެންމެ ކާމިޔާބު އެއް ކޯޗު ކަމަށެވެ.

"އަހަރެމެނަށް އޮތީ މަސައްކަތް ކުރުން، މާޒީ ހަނދާނައްތާލާފައި ޓޭބަލަށް ނުބަލައި ގަދައަށް މަސައްތް ކުރުން، އަހަރެމެން ކުޅެން ބޭނުންވާ ގޮތަށް ކުޅެފައި ގޮސް އިތުބާރާއެކު ނުކުތުން، އެހަރެމެން މިދަނީ އެންމެ މޮޅު އެއްކޯޗާއި އޭނާގެ ޓީމާ ވާދަ ކުރަން، އަދި އެމީހުނަށް އިހުތިރާމް ކޮށްގެން."

މި ދެ ޓީމްގެ ތެރެއިން މިވަގުތަށް ޕޮއިންޓެއްގެ ފަރަގާއެކު ކުރި ލިބެނީ ޗެލްސީ އަށެވެ. ކުޅުމާއި ޓީމްގެ ފޯމަށް ބަލާއިރު ޕަސެންޓޭޖްގެ ގޮތުން ކުރި ލިބެނީ ވެސް ޗެލްސީ އަށެވެ. އެހެންނަމަވެސް ގާޑިއޯލާ އަކީ ގާޑިއޯލާކަން ހަނދާންނައްތާލައިގެން ނުވާނެ އެވެ.