ކުޅިވަރު

ކޮވިޑްގެ އަސަރު ކުރި ސިޓީން ޗެލްސީ ބަލިކޮށްފި

ކޮވިޑް-19 ގެ އަސަރު ކޮށްގެން ބައެއް ކުޅުންތެރިން އެކަހެރި ކުރަން ޖެހުނު މެންޗެސްޓާ ސިޓީން 3-1 ޗެލްސީ ބަލިކޮށްފި އެވެ.

ކޮވިޑްގެ ސަބަބުން، ކީޕަރު އީޑަސަން، ކައިލް ވޯލްކާ، ފެރާން ޓޯރޭޒް އަދި ގެބްރިއަލް ޖެސޫސްއަށް ސިޓީގެ ޓީމުގައި ބައިވެރި ނުވެވުނެވެ. އެހެން ނަމަވެސް މެޗުން މޮޅުވެ، ސިޓީ ވަނީ ލީގްގެ ތަށި ހޯދުމުގެ ރޭހަށް އެނބުރި އައިސްފަ އެވެ.

ގާޑިއޯލާގެ ޓީމުން ވަނީ، ސީޒަންގެ ފުރަތަމަ މެޗަށް ފަހު ލީގްގައި ދެ ގޯލަށް ވުރެ އިތުރަށް ފުރަތަމަ ފަހަރަށް ކާމިޔާބު ކޮށްފަ އެވެ. ސިޓީގެ ގޯލްތައް ކާމިޔާބު ކުރީ އިލްކޭ ގުންޑޯގަން، ފިލް ފޯޑެން އަދި ކެވިން ޑި ބްރައިނާ އެވެ. ސިޓީގެ ލަނޑު މެޗުގެ 90 މިނެޓް ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ދެ ވަނަ މިނެޓްގައި ކާމިޔާބު ކުރީ ކެލުމް ހޮޖްސަން އޮޑާއީ އެވެ.

މެޗުން މޮޅުވެ މެންޗެސްޓާ ސިޓީ ވަނީ، އެންމެ ކުރީގައި އޮތް ލިވަޕޫލާއި މެންޗެސްޓާ ޔުނައިޓެޑާ ހަތަރު ޕޮއިންޓަށް ފަރަގު ކުޑަ ކޮށްފަ އެވެ. ތައްޓަށް ވާދަ ކުރާނެ ކަމަށް ކުރިން އެންމެ ބޮޑަށް ބެލެވުނު ޓީމަކީ ޗެލްސީ އެވެ. ހާއްސަ ގޮތެއްގައި ޓްރާންސްފާގައި ރަނގަޅަށް ހަރަދު ކުރުމުން ޗެލްސީ އާ މެދު ކުރެވުނު އުންމީދުވެސް ބޮޑުވި އެވެ. ނަމަވެސް އެންމެ ފަހުން ކުޅުނު ހަ މެޗުން ޗެލްސީ އަށް މޮޅު ވެވުނީ އެންމެ މެޗަކުންނެވެ. އެ ޓީމު އޮތީ ތާވަލުގެ އަށް ވަނައިގަ އެވެ.

ޗެލްްސީގެ ވެރިޔާ ރޯމަން އަބްރަމޮވިޗް ވަނީ މީގެ ކުރިން މިފަދަ އެއްގޮތް ހާލަތްތަކެއް ކުރިމަތިވި ދަނޑިވަޅުގައި އެކިފަހަރު މަތިން ކޯޗުން ވަކި ކޮށްފަ އެވެ. މިހާރުގެ ކޯޗް ފްރޭންކް ލަމްޕާޑަށް އޮތް ޕްރެޝަރު ވަކި ކުޑައެއް ނުވާަނެ އެވެ. ހުނަރުވެރި ސްކޮޑެއް އޮތް ޗެލްސީގެ ޓީމުގެ ނަތީޖަތައް ބަދަލު ކުރުމުގައި އޭނާއަށް އިތުރު ވަގުތު ދިނުމަކީ ވެސް ގާތުގައިވާ ކަމެކެވެ.