ކުޅިވަރު

އެފްއޭ ކަޕުން ކަޓައި ޗެލްސީގެ ހާލަތު ގޯހުން ގޯހަށް

އިނގިރޭސި އެފްއޭ ކަޕްގައި ރޭ މެންޗެސްޓާ ސިޓީ އަތުން 0-4 އިން ބަލިވެ ޗެލްސީ ކަޓައިފި އެވެ.

މި ސީޒަނުގެ ކުރީކޮޅު ނަތީޖާތައް ދަށްވުމުން ޗެލްސީ ވަނީ އޭރު ކޯޗުކަމުގައި ހުރި ތޯމަސް ޓުކެލް މަގާމުން ވަކިކޮށް ބްރައިޓަންގައި ހުރި ގްރަހަމް ޕޮޓާ އެ މަގާމަށް އައްޔަންކޮށްފަ އެވެ. އެކަމަކު ޕޮޓާގެ ކޯޗުކަމުގައި ޗެލްސީގެ ނަތީޖާތައް އިހަށް ވުރެވެސް ދަށެވެ. ޕްރިމިއާ ލީގުގެ 10 ވަނައިގައި އެޓީމު މިވަގުތު އޮތްއިރު ގަދަ ހަތަރެއްގެ އުއްމީދު ވަނީ ގެއްލިފަ އެވެ. އެފްއޭ ކަޕްގެ އިތުރުން އިނގިރޭސި ލީގު ކަޕުން ވެސް ވަނީ ކަޓައިފަ އެވެ.

ރޭ މެންޗެސްޓާ ސިޓީ އަތުން ބަލިވިއިރު ޗެލްސީގެ ފަރާތުން ފެނުނީ ދަށް ކުޅުމެކެވެ. ސިޓީގެ ގޯލާ އަމާޒުކޮށް ޗެލްސީ އަށް މުޅި މެޗުގައި ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ.

މެޗުގެ ފުރަތަމަ ގޯލު 23 ވަނަ މިނެޓުގައި ޖެހީ ރިޔާދް މާރޭޒް އެވެ. މިއީ ހިލޭ ޖެހުމަކުން މާރޭޒް ކާމިޔާބުކުރި ހިތްގައިމު ގޯލެކެވެ. ފުރަތަމަ ހާފުގައި ސިޓީ އިން ވަނީ އިތުރު ދެ ގޯލު ޖަހައިފަ އެވެ. ސިޓީގެ ދެވަނަ ގޯލު 30 ވަނަ މިނެޓުގައި ޖެހީ ލިބުނު ޕެނަލްޓީއަކުން ހޫލިއަން އަލްވަރޭޒް އެވެ. ރޭގެ މެޗުގައި އާލިން ބްރައުޓް ހާލަންޑްގެ ބަދަލުގައި ސިޓީގެ ފުރަތަމަ އެގާރައިގައި ކުޅުނީ އަލްވަރޭޒް އެވެ. މިއީ ވޯލްޑް ކަޕް ކާމިޔާބު ކުރުމަށް ފަހު އެނބުރި އައިސް އަލްވަރޭޒް ކުޅުނު ފުރަތަމަ މެޗެވެ.

ސިޓީގެ ތިންވަނަ ގޯލު އޭގެ އަށް މިނެޓު ފަހުން ކާމިޔާބުކޮށްދިނީ ފިލް ފޯޑެން އެވެ. މިއީ ކައިލް ވޯކާގެ އެހީގައި ފޯޑެން ޖެހި ގޯލެކެވެ. މުޅި މެޗު ކޮންޓްރޯލްގެ ދަށަށް ގެނައުމަށް ފަހު ދެވަނަ ހާފުގައި ވެސް ސިޓީ އިން އިތުރު ގޯލެއް ޖެހި އެވެ. ޕެނަލްޓީއަކުން 85 ވަނަ މިނެޓުގައި މި ގޯލު ޖެހީ މާރޭޒް އެވެ. މިއީ ކަލިދޫ ކުލިބަލީ ފޯޑެން އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.

އެފްއޭ ކަޕްގެ ހަތަރު ވަނަ ބުރުގައި ސިޓީ ނުކުންނާނީ އޮކްސްފޯޑް ޔުނައިޓެޑާއި އާސެނަލް ވާދަކުރާ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. އެ ދެޓީމުގެ މެޗު ކުޅޭނީ މިރޭ ދަންވަރު އެވެ.
ރޭ އެފްއޭ ކަޕްގައި ކުޅުނު އެހެން މެޗުތަކަށް ބަލާއިރު އެސްޓަން ވިލާ ވަނީ އަމިއްލަ ދަނޑުގައި ސްޓީވްނޭޖްއާ ވާދަކޮށް 2-1 އިން ބަލިވެ ކަޓައިފަ އެވެ. ލީޑްސް ޔުނައިޓެޑް ރަށުން ބޭރުގައި ކާޑިފް ސިޓީއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.

ހަތަރު ވަނަ ބުރުން ރޭ ދެން ޖާގަ ހޯދީ ޑާބީ ކައުންޓީ އާއި ސްޓޯކް ސިޓީގެ އިތުރުން ބްލެކްބާން ރޯވާސް އަދި ވެލްސޯލް އެވެ.