ބޭންކް އޮފް މޯލްޑިވްސް

ގޯލްޑް 100: އެހީތެރިވާން ބީއެމްއެލް އިން ސޮއިކޮށްފި

Dec 1, 2016
  • ރާއްޖޭގައި އަލަށް ކުރާ ކަމެއް
  • ގޯލްޑް 100 އިންވެންޓް އޮތީ ޖެނުއަރީ މަހު
  • ބޮޑެތި ކުންފުނިތައް ލިސްޓު ކުރާނެ

ކޯޕަރޭޓް މޯލްޑިވްސް އިން ޝާއިއު ކުރާ، ރާއްޖޭގެ އެންމެ ކުރިއަރާފައިވާ ސަތޭކަ ކުންފުނި، ނުވަތަ "ގޯލްޑް 100" އަށް އެހީތެރިވާން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ސޮއިކޮށްފި އެވެ.

ބީއެމްއެލް އިން ބުނީ މި އެއްބަސްވުމުގައި ސޮއިކުރީ ރާއްޖޭގެ ވިޔަފާރިތަކަށް އެހީތެރިވުމަށް ކަމަށެވެ.

ގައުމީ ބޭންކްގެ ކޯޕަރޭޓް ބޭންކިން ޑައިރެކްޓަރު ކުލްދީޕް ޕަލިވާލް ވިދާޅުވީ ގައުމީ ބޭންކުން ރާއްޖޭގެ ވިޔަފާރިތަކަށް އަބަދުވެސް އެހީތެރިކަން ދޭނެ ކަމަށެވެ.

"ބޭންކުން މިދަނީ ރާއްޖޭގެ ވިޔަފާރިތަކަށް ދޭ އެހީތެރިކަން އިތުރުކުރަމުން. މި ގޮތުން މި އިވެންޓްގައި ބައިވެރިވުމުގެ ފުރުސަތު ބޭންކުން ބޭނުން މިކުރަނީ ރާއްޖޭގެ ބިޒްނަސް ކޮމިއުނިޓީ އަށް އެހީތެރިވުމުގެ ގޮތުން. އަޅުގަނޑު ދެކޭގޮތުގައި ގޯލްޑް 100 މަޖައްލާ އިން މިކަމުގައި ބައިވެރިވާ ކުންފުނިތަކުގެ ޕްރޮފައިލް، ޕްރޮޑަކްޓްތަކާއި ޚިދުމަތްތައް އެ މަޖައްލާގައި ޝާއިއު ކުރެވިގެންދާކަމީ އެ ކުންފުނިތަކަށް ލިބޭނެ ވަރަށް ރަނގަޅު ފައިދާއެއް،" ކުލްދީޕް ވިދާޅުވި އެވެ.

"ގޯލްޑް 100" އަކީ ރާއްޖޭގެ ކުރިއަރާފައިވާ ކުންފުނިތަކާ ބެހޭގޮތުން އަހަރަކު އެއްފަހަރު ޝާޢިއުކުރާ ލިސްޓެކެވެ. މި އެއްބަސްވުމުގެ ދަށުން ބޭންކުން ސްޕޮންސާ ކުރުމަށް ހަމަޖެހިފައިވަނީ ގޯލްޑް 100 މަޖައްލާ އާއި ރާއްޖޭގެ ބޮޑެތި ވިޔަފާރިތައް ހިންގާ އިސް ފަރާތްތަކުގެ ބައިވެރިވުމާއެކު ބާއްވާ ގާލާ އިވެންޓެވެ.

ގޯލްޑް 100 ގައި ރާއްޖޭގައި ކުރިއެރުން ހޯދާފައިވާ 100 ވިޔަފާރީގެ ޕްރޮފައިލް ހިމެނޭއިރު، އެކި ސިނާޢަތްތައް ވަކި ވަކިން، ވިޔަފާރިތައް ލިސްޓްކުރެވިގެންދާނެ އެވެ. މި ލިސްޓަށް ހުށަހެޅޭ ކުންފުނިތައް އިވެލުއޭޓްކުރުމަށް ހަމަޖެހިފައިވަނީ މިނިވަން ކޮންސަލްޓަންސީ ފާމަކުންނެވެ. މި ލިސްޓް އާންމު ކުރާނީ ވެސް އިވެންޓްގައެވެ. އިވެންޓް އޮންނާނީ އަންނަ ޖެނުއަރީ 17 ގައި ކުރުނބާ މޯލްޑިވްސް ގައެވެ.

ކޯޕްރޭޓް މޯލްޑިވްސް މަޖައްލާ ޝާއިއުކުރަނީ މޯލްޑިވްސް ގެޓަވޭސް ގެ ފަރާތުންނެވެ. މި އަހަރު ބޭންކުންވަނީ މޯލްޑިވްސް ގެޓަވޭސް އާއެކު ބޮޑު ތަރުހީބެއް ލިބިގެންދިޔަ ބީއެމްއެލް ގެސްޓްހައުސަސް ކޮންފަރެންސް 2016 ގައިވެސް ބައިވެރިވެފަ އެވެ. ކޯޕަރޭޓް މޯލްޑިވްސް އަކީ ވިޔަފާރި އާއި މާލީ ދާއިރާ އާ ގުޅޭ ހަބަރުތައް ގެނެސްދޭ އޮންލައިން މަޖައްލާއެކެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ދަނީ އާ ބްރާންޗާއި ސެލްފް ސާވިސް ބޭންކިންގެ ސެންޓަރުތައް ގާއިމުކޮށް މުޅި ރާއްޖޭގައި އެ ބޭންކުގެ ހިދުމަތް ފުޅާކުރަމުންނެވެ. މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 29 ބްރާންޗް، 76 އޭޓީއެމް، 3900 ޕީއޯއެސް މާޗަންޓުން، 191 ކޭޝް އޭޖެންޓުން، 17 ސެލްފްސާވިސް ބޭންކިންގ ސެންޓަރ އަދި 5 ދޯނި ބޭންކިން ޔުނިޓުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.