އަންނަ ޖެނުއަރީ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބު ދެ މަހަށް ފަސްކުރަން ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ. އެގޮތަށް އެ ކޯޓުން ހުކުމްކުރީ ސަރުކާރު ހިންގައި، ޕީޕީއެމް ހުށަހެޅި މައްސަލާގަ އެވެ.
ސިވިލް ކޯޓަށް ޕީޕީއެމް މައްސަލަ ވެއްދީ، އެ ޕާޓީ ހިންގުމުގައި ދިމާވި އުނދަގޫތަކެއްގެ ސަބަބުން ކަނޑައެޅިފައިވާ ތާރީހުގައި އިންތިހާބު ބޭއްވުމަށް ވާން ޖެހޭ ތައްޔާރީތައް އެ ޕާޓީއަށް ވެވިފައިނުވާ ކަމަށް ބުނެ އެވެ. އެ ޕާޓީގެ ޑޭޓާ ބޭހާއި ޕާޓީގެ އާންމު މެންބަރުންގެ ދަފުތަރު ވެސް ނެތް ކަމަށެވެ. އަދި އެހެނިހެން މުހިންމު ލިޔެކިޔުންތައް ވެސް ގެއްލިފައިވާ ކަމަށް ޕީޕީއެމްއިން ވަނީ ބުނެފަ އެވެ.
އެ ޕާޓީން ކޯޓަށް ހުށަހެޅި މައްސަލާގައި ޕާޓީން އެދުނު ގޮތަށް އިންތިހާބު ދެ މަހަށް ފަސްކުރަން ހުކުމްކުރި މި އިންތިހާބު ފަސްކޮށްފިނަމަ މިހާރު ކޮށްފައިވާ ހަރަދުތައް ބޭކާރުވެ ބޮޑެތި ގެއްލުންތަކެއް ވާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ކޯޓުގައި ވަނީ ބުނެފަ އެވެ. އޭގެއިތުރަށް މައްސަލައިގެ ތެރެއަށް ވަތް ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އެމްޑީޕީ އާއި އަދާލަތު ޕާޓީން ވެސް ވަނީ އިންތިހާބު ފަސްކޮށްފިނަމަ ގެއްލުންވާނެ ކަމަށް ބުނެ، އިންތިހާބު ފަސްނުކުރުމަށް އެދިފަ އެވެ.
މިއަދު މި މައްސަލާގައި ސިވިލް ކޯޓުންކުރި ހުކުމުގައި މީގެކުރިން ވެސް ގާނޫނު އަސާސީގައިވާ މުއްދަތަށްވުރެ ފަހުން އިންތިހާބުތައް ބާއްވާފައިވާކަން ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން 2009 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި 2008 ގައި ބޭއްވި ރިޔާސީ އިންތިހާބު ވެސް ބާއްވާފައިވަނީ ގާނޫނުގައި ބުނާ މުއްދަތަށްވުރެ ފަހުން ކަން ވަނީ ފާހަގަކޮށްފަ އެވެ. އެ އިންތިހާބުތައް ފަސްކޮށްފައިވަނީ ވަގުތާއި ހާލަތަށް ބެލުމަށްފަހު ކަމަށެވެ.
"ގާނޫނު އަސާސީ އާއި ގާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުތަކާއި ތާރީހުތައް ތަޠުބީގު ދޫކޮށްލާފައިވާކަން އެނގެން އޮންނާތީ ޕީޕީއެމްއަށް ދިމާވެފަިއވާ ހާލަތުއް ޟަރޫރާތަކުގެ މައްޗަށް ބިނާކޮށް ގާނޫނުގައު ބަޔާންވެފަިއވާ ތާރީހު އެ އިންތިހާބުގެ މައްޗަށް ތަޠުބީގުނުކޮށް ދާކޮށްލުމަކީ ހުއްދަކުރެވިގެންވާނެ ކަމެއް ނޫން،" ހުކުމުގައިވެ އެވެ.
ޕީޕީއެމް ހިންގުމަށް އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ހުރަސްއަޅާފައިވާކަން އެނގެން އޮންނަ ކަމަށާއި އެ ޕާޓީގެ މުހިންމު ލިޔެކިޔުންތަކެއް ގެއްލި އިންތިހާބަށް ތައްޔާރުވުމަށް ދަތިވެފައިވާކަން އެނގެން އޮންނަ ކަމަށް ވެސް ހުކުމުގައިވެ އެވެ. އަދި، އެ ޕާޓީން އެދިފައިވާ ގޮތަށް އިންތިހާބަށް ތައްޔާރުވުމަށް ވަގުތުބޭނުންވާކަން ވެސް އެނގެން އޮންނަ ކަމަށެވެ. ޕީޕީއެމްއަކީ ރާއްޖޭގައި އޮތް އެންމެ މެންބަރުން ގިނަ ޕާޓީއަށްވާއިރު އެ ޕާޓީއަށް ބައިވެރިނުވެވޭ ގޮތަށް އިންތިހާބެއް ބޭއްވުމަކީ ޑިމޮކްރަސީގެ ހަމަތަކާ ހިލާފު ކަމެއް ކަމަށް ވެސް އެ ހުކުމުގައިވެ އެވެ. އެ ޕާޓީއަށް ވެސް އިންތިހާބަށް ކެނޑިޑޭޓުން ނެރުމަށް ވަގުތު ލިބެންޖެހޭނެ ކަމަށާއި އެ ޕާޓީއަށް ބައިވެރިނުވެވޭ އިންތިހާބެއް ބޭއްވިއްޖެނަމަ ނުރަނގަޅު ނަތީޖާއެއް ނިކުމެދާނެ ކަމަށް ވެސްވެ އެވެ.
ޕީޕީއެމްއަށް ދިމާވެފައިވަނީ ހާލަތުއް ޟުރޫރާ ހާލަތެއް ކަމަށާއި އެފަދަ ހާލަތްތަކުގައި އަމަލުކުރާނެ ގޮތެއް ގާނޫނުގައި ބުނެފައިނުވާއިރު ޝަރީއަތުން އަމަލުކުރަން ޖެހޭނީ ޝަރުއީ ގާއިދާތަކުގެ މައްޗަށް ކަމަށް ހުކުމުގައި ވަނީ ބުނެފަ އެވެ. އެގޮތުން މި މައްސަލާގައި "ދެ ގެއްލުން ކުރިމަތިވާ ހާލަތުގައި ބޮޑު ގެއްލުމެއް ސަލާމަތްކުރުމަށްޓަކައި ކުޑަ ގެއްލުމަކަށް އަރައިގަތުން ހުއްދަވާ ހުއްޓެވެ،" މި ގާއިދާއަށް ރިއާޔަތްކޮށްފައިވެ އެވެ.
ހުކުމުގައި ބުނެފައިވަނީ އިންތިހާބު ފަސްކުރުމުން އިލެކްޝަން ކޮމިޝަނަށް ގެއްލުންވާނެ ކަމަށް ބުނެފައިވީ ނަމަވެސް އެ ގެއްލުންތަކުގެ ތަފްސީލު ހާމަކޮށްދެވިފައިނުވާ ކަމަށެވެ. އަދި މައްސަލާގެ ތެރެއަށް ވަތް ފަރާތްތަކަށް އެ ފަރާތްތަކަށްވާނެ ގެއްލުންތައް ސާބިތުކޮށްދެވިފައިނުވާ ކަމަށެވެ. ނަމަވެސް އިންތިހާބު ފަސްކޮށްފިނަމަ ޕީޕީއެމް ބޮޑު ގެއްލުމެއްގެ އިތުރުން ދައުލަތުގެ އާންމު މަސްލަހަތަށްވެސް ގެއްލުންވާނެ ކަމަށެވެ.
"އިލެކްޝަން ކޮމިޝަނަށްވާ ގެއްލުމަށްވުރެ މި ދެ ގެއްލުން ބޮޑުވެގެންދާނެތީ އިލެކްޝަން ކޮމިޝަނަށް ގެއްލުމެއްވިޔަސް މި ގެއްލުމަށް އަރައިގަނެން ވިޔަސް ބޮޑު ގެއްލުން ސަލާމަތްކުރުމަކީ ހުއްދަވެގެންވާނެ ކަމެއް،" ހުކުމުގައިވެ އެވެ.
އެންމެފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި ދިމާވި މައްސަލަތަކާ ގުޅިގެން ސުޕްރީމް ކޯޓުން ނެރުނު ގައިޑްލައިންގައިވާ ގޮތުން މިފަދަ ހާލަތްތަކުގައި އިންތިހާބު ލަސްކުރުން ހުއްދަ ކަމަށާއި އަދި އެފަދަ ހާލަތްތަކުގައި އަލަށް އުފެދޭ އިންތިހާބީ ކައުންސިލުން އިންތިހާބުކުރެވި އަލަށް އިންތިހާބުވާ ކައުންސިލަރުން ގާނޫނުގައިވާ ގޮތުގެ މަތިން މަގާމާ ހަވާލުވަންދެން ގާނޫނީ ހުސްކަމެއް ނެތި މިހާރު މަގާމުގައި ދެމިތިބި ކައުންސިލަރުން މަގާމުގައި ދެމިތިބޭނެ ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.
"ޕީޕީއެމްއަށް ދިމާވެފައިވާ ޟަރޫރީ ހާލަތުގެ މައްޗަށް ރިއާޔަތްކުރާއިރު އެ އިންތިހާބުގައި ވާދަކުރުމަށް ވަގުތު ތަނަވަސްވެގެންނުވާ ތާރީހަކަށްވާތީ ހުރިހާ ޕާޓީތަކަށްވެސް އިންތިހާބުގައި ވާދަކުރުމުގެ މާހައުލެއް ފަހިކޮށް ތަނަވަސްކޮށްދިނުމުގެ ގޮތުން މި އިންތިހާބު ބޭއްވުމަށް ކަނޑައަޅާފައިވާ ތާރީހު ފަސްކުރަންޖެހޭކަން ޝަރީއަތުގެ ހަމަތަކުން އެނގެއެވެ،" ހުކުމުގައިވެ އެވެ.