އަވަސް ވީކެންޑް

ބޯޓިން ޕާސަނަލަޓީ: ސަފާރީގެ ރަސްގެފާނު

Dec 2, 2016

ކުރު ގޮތަކަށް މި ސަހްސިއްޔަތު ސިފަކުރާނަމަ މިއީ ވަރަށް މަޖާ މީހެކެވެ. އެކަމަކު މަސައްކަތުގައި މިވަރުގެ ސީރިއަސް މީހަކު ވެސް މަދުވާނެ އެވެ. އުފަން ރަށަކީ ސަފާރީ ފަދަ އުޅަނދު ފަހަރު ބަންނަން މަޝްހޫރު ނ. ވެލިދޫ އެވެ. ބައްޕައަކީ އޮޑި ފަހަރު ބަނުމުގެ މާހިރެކެވެ. އަބްދުﷲ ހަމީދު އަލީގެ ސަފާރީގެ ދާއިރާ އަށް ނުކުންނެވުމުގެ މައިގަނޑު އެއް ސަބަބަކީ އެއީ ކަމަށްވުން ގާތެވެ.

"ވަރަށް ކުޑައިރު މާލޭގައި ކިޔެވީ [ނާސިރު ދައުރު] ގައި. ކިޔަވާ ނިމުނުތަނާ ރޭޑިއޯ އޮފިސަރުން ތަމްރީން ކުރާ ކޯހެއް އިއުލާނު ކުރުމުން އެކޯސް ފުރިހަމަ ކޮށްލީ. އޭގެ ފަހުން އުޅުނީ ޓެލެކޮމިއުނިކޭޝަން ޑިޕާޓްމަންޓުގައި. އޭގެ ފަހުން އުޅުނީ އެންއެންއެސްއެލް ބޯޓެއްގައި،" ހަމީދުގެ ބޯޓިން ދާއިރާގެ ފެށުން އައިގޮތް "އަވަސް" އަށް ވިދާޅުވި އެވެ.

މި އަހަރު ބޭއްވި، މޯލްޑިވްސް ބޯޓިން އެވޯޑުގައި ބޯޓު ޕާސަނަލަޓީ އޮފް ދި އިޔާގެ، ނުވަތަ ބޯޓިން ދާއިރާގެ އެންމެ ވަރުގަދަ ސަހްސިއްޔަތަކަށް ހޮވުނު ހަމީދު ވިދާޅުވި ގޮތުގައި، އެމްއެންއެސްއެލް އިން ކެނޑިގެން ބޭރުގެ ބޯޓު ފަހަރުގައި މަސައްކަތް ކުރަން ލިބުނު ފުރުސަތަކީ ދުނިޔެއަށް ލޯ ހުޅުވިގެން ދިޔަ ތަފާތު ތަޖުރިބާ އެކެވެ.

ގްރީކް ކުންފުންޏެއްގެ ބޯޓުގައި ވެސް އޭނާ މަސައްކަތް ކުރެއްވީ ރޭޑިއޯ އޮފިސަރަކަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ކުންފުނީގައި މަސައްކަތް ކުރެއްވި ދުވަސްވަރަކީ ހިތުން ނުފިލާނެ ދުވަސްތަކެވެ. ސަބަބަކީ އެއީ އީރާނު- އިރާގު ތަޅާފޮޅުން އެންމެ ފޯރިގަދަވި ދުވަސްވަރަކަށްވުމެވެ. ގަލްފް ހަނގުރާމައިގެ ދުވަސް ވަރެވެ.

"ފުރަތަމަ މަސައްކަތް ކުރި ބޯޓަކީ ޒުވާރި ހިފައިގެން ދަތުރުކުރާ ބޯޓެއްް. މި ކަމުގައި އުޅުނުއިރު އިރާގައި އީރާނަށް މުދާ ހިފައިގެން ދާން ޖެހޭ. އެހެންވެ ވާގޮތަކީ ނުރައްކާ ވަނީ. އެހެންވެ ބޯޓު ދަތުރު ކުރުމުގެ ދާއިރާ އިން ދުރަށް ދިޔައީ،" ހަމީދު ވިދާޅުވި އެވެ.

"ވަރަށް އެހެން ކަހަލަ ތަޖުރިބާއެއް މިއީ. ފާހަގަ ކުރެވޭ ވަރަށް ގިނަ ދުވަސްތައް އެބަހުރި. އެކަމަކު މި ދުސްތަކުގެ ތެރެއިންވެސް ފާހަގަ ކުރެވޭ މޫސުން ގޯސްވެ، އެތަށް ދުވަހެއްވަން ދެން ގަދައިގައި ދަތުރު ކުރަން ޖެހޭ ދުވަސްތައް."

ގަލްފު ހަނގުރާމައިގެ ހޫނުކަމުގައި ބޯޓު ދަތުރު ނުކުރަން ވެގެން އޭގެ ފަހުން ހަމީދު އެ މަސައްކަތް ހުއްޓާލީ އެވެ. އަދި އޭގެ ފަހުން ރަށަށް ގޮސް ބައްޕަ ގެންގުޅުނު ދޯނި ސަފާރީ އަކަށް ބަދަލު ކުރީ އެވެ. އެއީ ރާއްޖޭގެ ސަފާރީ ވިޔަފާރި ފެށި، ވޮޔޮޖަސްގެ މަސައްކަތް ފެށި ހިސާބެވެ. ފުރަތަމަ ދޯނީގައި ގޮދަޑިއެއް ބަހައްޓައިގެން ފަނުން ގެ ގަނޑެއް ހަދައިގެން ސަފާރީއެއް ވޮޖޮޖަސް އިން ހިންގި އެވެ. އޭގެ ފަހުން އާއިލީ ވިޔަފާރީގެ ގޮތުގައި މަޝްހޫރު ސަފާރީ "ތަރަހަ" އޮޕަރޭޓް ކުރި އެވެ.

މި މަސައްކަތައް ފަހު، ޕާޓްނަރުންތަކެއްގެ އެހީއާއެކު ސަފާރީ ވިޔަފާރި ފުޅާކުރި އެވެ.

މިގޮތުން ހަމީދު ކުންފުނިން ރާއްޖޭގެ މަޝްހޫރު ސަފާރީތައް ކަމަށްވާ "ކީމާ" އަދި "ޖާރިޔާ" އާއި "މާރަނަ" ސަފާރީ ހިންގި އެވެ. މި ސަފާރީތައް ވެގެން ގޮސްފައިވަނީ ރާއްޖޭގެ ސަފާރީ އިންޑަސްޓްރީގެ މޫނުމަތި ބަދަލުކޮށްލި އުޅަނދު ފަހަރަށެވެ. މި ވިޔަފާރީގެ ދަށުން ވެލިދޫގައި ސްލިޕްވޭއެއް ހިންގި އެވެ. މި ސަފާރީތަކުގެ ތެރެއިން ބައެއް ސަފާރީތަކަކީ ރާއްޖޭން ބޭރަށް ހަމީދު ގޮސް، ބޭރުން ގަނެގެން ގެނެސްފައިވާ އުޅަނދު ފަހަރެވެ. މިގޮތުން އިންޑިޔާ އާއި ތުރުކީއިންވެސް ސަފާރީ ގެނެސް އޮޕަރޭޓް ކުރި އެވެ. އަދި ޕާޓްނާޝިޕެއްގެ ގޮތުގައި ކުރި ސަފާރީ ވިޔަފާރި ރޫޅުމާއެކު، ހަމީދު އަމިއްލަ ކުންފުންޏެއްގެ ބިންގާ އެޅުއްވީ އެވެ. އެއީ "ޕްރައިވެޓް ވެކޭޝަން" އެވެ. މި ކުންފުނީގެ އެންމެ މަޝްހޫރު ސަފާރީއަކީ 12 އެނދުގެ "ސުވެލް ސަފާރީ" އެވެ.

"ބޮންބޭއަށް ގޮސް ސަފާރީއެއް ގެނައިން. އެއީ ޖަރުމަނު މީހަކާއި އިންޑިޔާ މީހަކު ގުޅިގެން އިންޑިޔާގައި ހަދާފައި ހުރި އެއްޗެއް. މި މައްސަލަ ޖެހިގެން ނުދުއްވި އޮއްވައި އަޅުގަނޑުމެން ގޮސް ގަނެގެން ގެނައީ މިއީ 'ޖާރިޔާ' ސަފާރީ. ގާތްގަނޑަކަށް އަހަރެއްހާ ދުވަހު މަސައްކަތް ކޮށްގެން ލިބުނީ،" ސަފާރީ ދާއިރާގައި މަސައްކަތްކުރާތާ 30 އަހަރު ވެފައިވާ، ހަމީދު ވިދާޅުވި އެވެ.

"އަނެއް ސަފާރީ ގެނައީ ތުރުކީއިން. އެ ގައުމަށް ގޮސް 20 އަކަށް ސަފާރީ ބަލާފައި 80 ފޫޓުގެ ސަފާރީއެއް ގެނައީ."

ރާއްޖޭގެ ސަފާރީ އޮޕަރޭޓަރުންގެ ޖަމިއްޔާ "ލޭމް" ވުޖޫދަށް ގެނައުމުގައި ވެސް ހަމީދުގެ ދައުރު ވަރަށް ބޮޑެވެ. މި ޖަމިއްޔާގެ ފައުންޑަރުންގެ ތެރޭގައި ހަމީދު ހިމެނުނެވެ. އަދި ބޯޑުގައި ވެސް މަސައްކަތް ކުރި އެވެ. މި ދާއިރާގައި ހަމީދު ކޮށްދެއްވި ފާހަގަ ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި ސަފާރީ ކްރޫއިންނަށް ހާއްސަކޮށް ނެރުނު އަތްމަތީ ފޮތް ހިމެނެ އެވެ. މި ފޮތަކީ ބޯޓު ފަހަރު އޮޕަރޭޓް ކުރުމަށް ބޭނުންވާ ހުރިހާ މައުލޫމާތެއް ލިބެން ހުރެ އެވެ.

ރާއްޖޭގެ ސަފާރީ އިންޑަސްޓްރީއަށް ހަމީދު ކޮށްދީފައިވާ މުހިންމު އަގު ނުކުރެވޭ ހިދުމަތްތަކުގެ އަގު ވަޒަންކޮށް ސަފާރީ އޮޕަރޭޓަރުންގެ ޖަމިއްޔާއިން ވަނީ ހާއްސަ އެވޯޑެއްވެސް ދީފަ އެވެ. ހަމީދު ގަބޫލު ކުރައްވާ ގޮތުގައި މި އެވޯޑަކީ ބޮޑު ހިތްހަމަ ޖެހުމެވެ. އޭނާގެ މަސައްކަތް ކޮންމެވެސް ބަޔަކު ބަލައި ގަތުމަކީ ލިބޭ އިތުރު ހިތް ވަރެކެވެ.