ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަސް ކުރުމުން އިދިކޮޅު އިއްތިހާދު، އެމްޔޫއޯ އެކަމާ ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އެމްޔޫއޯން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ އިންތިހާބު ފަސް ކުރުމަކީ ގާނޫނީ ވެރިކަން ހިންގުމަށް އޮތް ހުރަހެއް ކަމަށެވެ. ނަމަވެސް ސިވިލް ކޯޓުންވަނީ ކައުންސިލް އިންތިހާބު ދެ މަހަށް ފަސް ކުރަން ހުކުމް ކޮށްފަ އެވެ. އެމްޔޫއޯ ބުނީ އިންތިހާބު ފަސް ކުރަށް އެދި ޕީޕީއެމްއިން ހުށަހެޅި ކަންތައްތަކުގެ ތެރޭގައި ހިމެނެނީ އެ ޕާޓީގެ ޑޭޓާ ބޭސް ނެތުން ކަމުގައި ބަޔާން ކުރި ނަމަވެސް ޕާޓީތަކުގެ ދަފްތަރަކީ އިލެކްޝަންސް ކޮމިޝަނުން ލިބެން ހުރި މައުލޫމާތުތަކެއް ކަމަށާއި މުދާތައް ގެއްލިފައިވާކަމުގައި ޕީޕީއެމް އިން ބުނެފައިވީ ނަމަވެސް އެޕާޓީއަކީ ރާއްޖޭގައި އުފެދިފައިވާ އެހެން ސިޔާސީ ޕާޓީތަކަށް ނުލިބޭ އިނާޔަތްތަކާއި ވަސީލަތްތައް ލިބެމުން އަންނަ ޕާޓީއެއް ކަމަށެވެ.
ކައުންސިލް އިންތިހާބު ދެ މަހަށް ފަސް ކުރަން ސިވިލް ކޯޓުން ހުކުމް ކުރުމުން އިލެކްޝަން ކޮމިޝަނުން ވަނީ އެ މައްސަލަ އިސްތިއުނާފް ކުރަން ހައި ކޯޓަށް ހުށަހަޅަން ނިންމާފަ އެވެ. ހައިކޯޓް ވަނީ މިވަގުތު ރިސެސްގަ އެވެ.