ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލް އަދި ރަށު ކައުންސިލްތަކުގެ ނައިބުން ހޮވުމުގައި އެމްޑީޕީގެ ޓިކެޓްގައި އިންތިހާބުވި ކައުންސިލަރުން އަމަލު ކުރަން އެ ޕާޓީން އެދޭ ގޮތް ހާމަ ކޮށްފި އެވެ.
އެމްޑީީޕީން މިރޭ އާންމުކުރި އެންގުމެއްގައި ބުނެފައި ވަނީ އަތޮޅު ކައުންސިލްގެ ނައިބު ރައީސް ހޮވުމުގައި އިންތިހާބުވި ހުރިހާ އެމްޑީޕީ މެންބަރުންގެ ތެރެއިން އެކަމަށް ޝަޢުގުވެރިވާ މެންބަރުންގެ ތެރެއިން އެއް ކެންޑިޑޭޓަކު ހޮވާ އެ ކެންޑިޑޭޓަކަށް ވޯޓު ދިނުމަށް ވިޕް ލައިން ނެރުން އެދޭ ކަމަށެވެ. އަދި ނައިބު ރައީސް ހޮވުމަށް ބާއްވާ ވޯޓަށް ހޮވޭ މެންބަރު ނޫން އެހެން މެންބަރެއްގެ ނަން ހުށަނޭޅުމާއި ވިޕް ލައިނާ އެއްގޮތަށް އަމަލު ކުރުމަށް އެދޭ ކަމަށެވެ.
އަދި ސިޓީ ކައުންސިލްތކާއި ރަށު ކައުންސިލްގެ ނައިބު ރައީސް ހޮވުމުގައި ރަށު ކައުންސިލް އިންތިހާބުގެ ކެމްޕެއިން ޓީމާއި ރަށުގެ އެމްޑީޕީ ލީޑާޝިޕް އަދި އިންތިހާބުވި ކެންޑިޑޭޓުންގެ މެދުގައި ހޮވާ އެއް ކެންޑިޑޭޓަކަށް ވޯޓު ދިނުމަށް ވިޕް ލައިން ނެރުން ވަނީ އެދިފައެވެ.
ނައިބު ރައީސް ހޮވުމަށް ބާއްވާ ވޯޓަށް ހޮވޭ މެންބަރުން ނޫން އެހެން މެންބަރެއްގެ ނަން ހުށަނޭޅުމާއި ވިޕް ލައިނާ އެއްގޮތަށް އަމަލުކުރުމަށްވެސް ވަނީ އެދިފައެވެ.
އެޕާޓީން ވަނީ އެމްޑީޕީގެ ޓިކެތުގައި އިންތިހާބުވެފައިވާ ހުރިހާ ކައުންސިލަރުންވެސް އެ ގޮތަށް އަމަލު ކުރުމަށް އިލްތިމާސް ކޮށްފައެވެ.
އެހެން އިންތިހާބުތަކާއި ހިލާފަށް މިދިޔަ އިންތިހާބުގައި ކައުންސިލްތަކުގެ ރައީސުންނާއި އަތޮޅު ކައުންސިލްތަކުގެ ރައީސުން އަދި ސިޓީތަކުގެ މޭޔަރުން އިންތިހާބު ކޮށްފައިވަނީ ރައްޔިތުންގެ ސީދާ ވޯޓުންނެވެ. ނަމަވެސް ކައުންސިލްތަކުގެ ނާއިބު ރައީސުންނާއި އަތޮޅު ކައުންސިލްތަކުގެ ނާއިބު ރައީސުން އަދި ޑެޕިއުޓީ މޭޔަރުން އިންތިހާބު ކުރާނީ އިންތިހާބުގެ ކައުންސިލަރުންގެ މެދުގައި ކައުންސިލަރުންގެ ފުރަތަމަ ބައްދަލްވުމުގައެވެ.