އިލެކްޝަންސް ކޮމިޝަން

އެމްޑީޕީން އެދުނު ހަ ވޯޓް ފޮށި ނުގުނަން ނިންމައިފި

ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގައި ބެހެއްޓި ހަ ވޯޓު ފޮއްޓެެއް އަލުން ގުނައިދިނުމަށް އެމްޑީޕީން އިލެކްޝަންސް ކޮމިޝަންގައި އެދުނު ނަމަވެސް އެ ވޯޓް ފޮށިތައް ނުގުނަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

ހަ ފޮއްޓެއް އަލުން ގުނައިދިނުމަށް އެމްޑީޕީން ހުށަހަޅާފައިވަނީ އާދަޔާ ހިލާފަށް ބާތިލް ވޯޓުތައް ގިނަވެފައިވާތީ ކަމަށް އެ ޕާޓީން ބުނެފައިވެ އެވެ.

އިލެކްޝަންސް ކޮމިޝަނުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް އާދަމް ވިދާޅުވީ އެމްޑީޕީން ހުށައެޅި ހަ ޝަކުވާއަކީ ވެސް ކެންޑިޑޭޓުންގެ މެދުގައިވާ ވޯޓްގެ ފަރަގަށް ވުރެ ބާތިލް ވޯޓް ގިނަވުމުގެ ޝަކުވާ ކަމަށެވެ. ނަމަވެސް އެއީ ވޯޓް ފޮށްޓެއް އަލުން ގުނަން ޖެހޭ ސަބަބެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން ގަބޫލު ނުކުރާ ކަމަށެވެ.

ޝަރީފް ވިދާޅުވީ ދެ ކެންޑިޑޭޓުންގެ މެދުގައި ފަރަގު ކުޑަވެ ބާތިލް ވޯޓް ގިނަ ވެގެން ވޯޓް ފޮށިތައް އަލުން ގުނަން ނިންމައިފިނަމަ 300 އާ 400އާ ދެމެދުގެ އަދަދެއްގެ ވޯޓް ފޮށި ގުނަން ޖެހޭނެ ކަމަށެވެ. އޭނާ ވިދާޅުވީ ވޯޓް ފޮށްޓެއް ގުނަން ހުށަހަޅާއިރު ސައްހަ ވޯޓެއް ބާތިލް ވޯޓް ގޮތުގައި ގުނާފައިވާ ކަމުގެ ނުވަތަ ބާތިލް ވޯޓެއް ސައްހަ ވޯޓެއްގެ ގޮތުގައި ގުނި ކަމުގެ ހެއްކެއް ދައްކަންވާނެ ކަމަށެވެ.

އެމްޑީޕީން އަލުން ގުނައިދިނުމަށް އެދުނު ފޮށިތައް

  • ޓީ ތިނެއް - މެދު ހެންވޭރު ދާއިރާ: 82 ބާތިލް ވޯޓު
  • ޓީ ހަތަރެއް - ހެންވޭރު ދެކުނު ދާއިރާ: 93 ބާތިލް ވޯޓު
  • ޓީ ފަހެއް - ހެންވޭރު ހުޅަނގު ދާއިރާ: 103 ބާތިލް ވޯޓު
  • ޓީ 10 - މައްޗަންގޮޅި އުތުރު ދާއިރާ: 69 ބާތިލް ވޯޓު
  • ޓީ 14 - މާފަންނު އުތުރު ދާއިރާ: 181 ބާތިލް ވޯޓު
  • ޓީ 16 - މާފަންނު ހުޅަނގު ދާއިރާ: 124 ބާތިލް ވޯޓު

ލޯކަލް ކައުންސިލް އިންތިހާބުގައި ބެހެއްޓި ވޯޓް ފޮށިތަކުގެ ތެރެއިން އިތުުރު 11 ވޯޓް ފޮށްޓެއް އަލުން ގުނުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފަ އެވެ. ގުނަން ހަމަޖެހިފައިވަނީ ތ. މަޑިފުއްޓާއި ދ. މީދޫ އާއި ވިލަމަންދޫ ރިސޯޓްގައި ބެހެއްޓި ވޯޓްފޮށްޓާއި ލ. ކަޅައިދޫ އާއި ގއ. އަތޮޅު މާލެ ހަ ނަންބަރު ވޯޓް ފޮށީގެ އިތުރުން ދ. ރިނބުދޫގެ ވޯޓްފޮށްޓަކާއި ޅ. އޮޅުވެލިފުށީގައި ބެހެއްޓި ވޯޓްފޮށްޓާއި މ. ރަތްމަންދޫގައި ބެހެއްޓި ވޯޓްފޮށްޓަކާއި ތ. ދިޔަމިގިލި އަދި ގއ. ދެއްވަދޫގައި ބެހެއްޓި ވޯޓް ފޮށްޓެވެ.