ސިޔާސީ ބޭފުޅުންނާއި ބައްދަލުކުރުމަކީ އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނަށް މަނާ ކަމެއް ނޫން ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އާދަމް ވިދާޅުވެއްޖެ އެވެ.
ޝަރީފް މިހެެން ވިދާޅުވީ ގަމުދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަަދު ވިޝާމްއާ ޝަރީފް ކެފޭއެއްގައި ބައްދަލުކުރައްވަނިކޮށް ނަގާފައިވާ ފޮޓޯއެއް އާންމުވެ އޭނާއަށް އިދިކޮޅުގެ އެކްޓިވިސްޓުންނާއި ސިޔާސީ ބައެއް ބޭފުޅުންގެ ފާޑުކިޔުން އަމާޒުވުމުންނެވެ.
ޝަރީފް ވަނީ އޭނާއަށް ފާޑުކީ ވަރަށް ގިނަ މީހުންނަށް ޓްވިޓާގައި ރައްދު ދެއްވާފައެވެ.
އޭނާ ވިދާޅުވީ އެހެން ސިޔާސީ ޕާޓީތަކުގެ މެންބަރުންނާއިވެސް އެގޮތަށް ބައްދަލުކުރައްވާ ކަމަށާ ސިޔާސީ ބޭފުޅުންނާއި ބައްދަލުކުރުމަކީ އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނަށް މަނާ ކަމެއް ނޫން ކަމަށެވެ. ޝަރީފް ވިދާޅުވީ މިދިޔަ ހަފްތާގައި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް އާއި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފްއާ ބައްދަލުކުރައްވާފައިވާނެ ކަމަށެވެ.
"ތަފާތަކީ އެވަގުތު ކައިރީގައި ތިބި އެމްޑީޕީގެ މަޖިލިސް މެންބަރުން ފޮޓޯ ނުނެގީމަ،" ޝަރީފް ވިދާޅުވިއެވެ.
ޝަރީފަކީ ކުރީން ރައީސް ޔާމީންގެ ވަރަށް އަރިސް ބޭފުޅެކެވެ. ޔާމީން އުފެއްދެވި ޕީއޭ އާއި ޕީޕީއެމްގައި ވެސް އެމަނިކުފާނާއެކު މަސައްކަތް ކުރެއްވިއެވެ. އިލެކްޝަންސް ކޮމިޝަނަށް ވަޑައިގެންނެވީވެސް ރައީސް ޔާމީންގެ ސަރުކާރުގައި ސިޔާސީ މަގާމެއްގައި ހުންނަވާފައެވެ.
2018ގެ ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާއާ ހަމަައަށް ރައީސް ޔާމީނާއި ޕީޕީއެމުން އިތުބާރު ކުރިނަމަވެސް އިންތިހާބުގެ ވަގުތީ ނަތީޖާއާއެކު ރައީސް ޔާމީނާއި ޕީޕީއެމްގެ ނުރުހުމާއި ބޮޑެތި ތުހުމަތުތައް އަމާޒުވިއެވެ. އަދި ވޯޓް އޮޅުވާލާ ރިޝްވަތުގައި ހިފި ކަމުގެ ތުހުމަތު ޝަރީފްގެ މައްޗަށް ކުރިއެވެ. އޭގެ ފަހުން އަބަދުވެސް ޝަރީފަށް ޕީޕީއެމްގެ މެންބަރުންގެ ބޮޑެތި ތުހުމަތުތަކާއި ފާޑުކިޔުން އޮވެއެވެ.