ދުނިޔެ

އިޓަލީގެ ބޮޑުވަޒީރު އިސްތިއުފާ ދެއްވަނީ

Dec 5, 2016

އާ ގާނޫނު އަސާސީ އަށް ރުހުން އޮތްތޯ ބަލަން ރައްޔިތުންގެ މެދުގައި ނެގި ފެންނަ ނުފެންނަ ވޯޓް ނާކާމިޔާބު ވުމުން އިޓަލީ ބޮޑުވަޒީރު މަޓޯއޯ ރެންޒީ އިސްތިއުފާ ދެއްވަން ނިންމައިފި އެވެ.

މިއަދު ނެގި ވޯޓްގައި އާ ގާނޫނުއަސާސީ އަށް ރުހުމުގެ ވޯޓް ދީފައިވަނީ 40 ޕަސަންޓް ރައްޔިތުންނެވެ. ނުރުހޭ ކަމަށް 60 ޕަސަންޓް މީހުން ވަނީ ވޯޓް ދީފައި ވެއެވެ.

"ސަރުކާރު ހިންގުމުގައި އަހަރެންގެ ދައުރު މި ހާހިސާބުން ނިމުނީ" ވީވާ މެދުވެރި ކުރައްވައި ރެންޒީ ވިދާޅުވިއެވެ.

ޔޫރަޕްގެ ތިން ވަނަ އަށް އެންމެ ބޮޑު އިގްތިސޯދު އިޓަލީގެ އާ ގާނޫނު އަސާސީއަށް ރައްޔިތުން ނުފެންނަ ކަމަށް ދިން ވޯޓަކީ މި އަހަރު ޔޫރަޕަށް ވޯޓުން ލިބުނު ދެ ވަނަ ޝޮކެވެ. ޖޫން މަހު 20 ވަނަ ދުވަހު އިނގިރޭސި ވިލާތް އީޔޫ އިން ވަކިވުމަށް ނެގި ވޯޓަކީ ޔޫރަޕަށް މިއަހަރު ކުރިމަތިވި ފުރަތަމަ ޝޮކެވެ.

އާ ގާނޫނު އަސާސީ އަށް ރުހުން ނުލިބުމުން، ނާކާމިޔާބުވީ ގަބޫލު ކުރައްވާކަން ރެންޒީ ހާމަ ކުރެއްވި އެވެ. ނާކާމިޔާބީ އަށް ފަހު ރެންޒީ އެންމެ ފުރަތަމަ ބައްދަލު ކުރެއްވީ އިޓަލީގެ ރައީސް ސާޖިއޯ މަޓްރެއްލާއާ އެވެ. އެ ބައްދަލުވުމަށްފަހު އޭނާގެ ދައުރުގައި ކުރެއްވި މަސައްކަތުގެ ތަފުސީލްތައް ހިމެނޭ ޑޮކިޔުމެންޓެއް ވިވާގައި ހިއްސާ ކުރެއްވިއެވެ.

"އުނދަގޫ، އެހެނަސް ކާމިޔާބު 1000 ދުވަސް ހުރިހާ ފަރާތްތަކަށް ޝުކުރު އަދާ ކުރަން" ރެންޒީ ވީވާގައި އެންމެ ފަހުން ވިދާޅުވެފައި ވެއެވެ. އުމުރުން 41 އަހަރުގެ ރެންޒީ މަގަމާ ހަވާލުވީ 2014 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެވެ.