ގާނޫނީ ވަކީލް އަހުމަދު ނަޖީބް މަރާލިކަން ސާބިތުވާތީ މ. މަސްރޫރާ އަހުމަދު މުއްރަތު މެރުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފް އަޑުއެހުންތައް ހައި ކޯޓުން މިއަދު ނިންމާލައިފި އެވެ.
ޖުލައި، 2012 ގައި ނަޖީބް މަރާލިކަން ސާބިތުވާތީ މުއްރަތު މެރުމަށް ކުރި ދަށު ކޯޓުން ކުރި ހުކުމް އިސްތިއުނާފްކުރީ މުއްރަތުގެ ފަރާތުންނެވެ. އެ މައްސަލައިގެ ބައެއް އަޑުއެހުންތައް ހައި ކޯޓުގައި ކުރިން ވެސް ބާއްވާފައިވެ އެވެ.
މިއަދު ހެނދުނު ބޭއްވި އަޑުއެހުމުގައި ދެ ފަރާތުން ޚުލާސާ ބަޔާން ހުށަހަޅައި ނިމުމުން އެ މައްސަލައިގެ ހުރިހާ އަޑުއެހުންތަކެއް ނިމުނީ ކަމަށް ފަނޑިޔާރުން ވަނީ އިއުލާން ކުރައްވައިފަ އެވެ. އަދި އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ ހުކުމް ކުރުން ކަމަށް ވެސް ފަނޑިޔާރުންގެ ބެންޗުން ވިދާޅުވި އެވެ.
ހައި ކޯޓުން އެ މައްސަލަ ބަލަނީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ.
ނަޖީބް މަރާލިކަން ސާބިތުވާތީ މުއްރަތު ލޯބިވެރިޔާ ށ. ގޮއިދޫ ރިހާބް ފާތިމަތު ހަނާގެ މައްޗަށް ވެސް ދަށު ކޯޓުން މަރުގެ ހުކުމް އިއްވި އެވެ. އެ މައްސަލަ ހަނާގެ ފަރާތުން ވެސް އިސްތިއުނާފްކޮށްފައިވާއިރު އެ މައްސަލަ ނިމުމަކާ ގާތަކަށް ނުދެއެވެ.