ބޮލީވުޑް

ޕްލާސްޓިކް ސާޖަރީއެއް ނަހަދަން: ވާނީ ކަޕޫރު

Dec 7, 2016
1

ދެހާސް ތޭރަވަނަ އަހަރު ސުޝާންތް ސިންގް ރާޖްޕުތް އާއި ޕަރިނީތީ ޗޯޕްޅާ އާއެކު ވަނީ ކަޕޫރު ވަނީ ބޮލީވުޑަށް ތައާރަފުވެފަ އެވެ.

އިންޑިއާގެ އެންމެ ބޮޑު ފިލްމު އުފައްދާ ކުންފުނި ކަމަށްވާ ޔާޝް ރާޖް ފިލްމްސްގެ ކުޑަައިގެ ދަށުން ވަނީ ބޮލީވުޑަށް ނިކުތް ފަހުން އިތުރު ފިލްމެއް ނުކުޅުނު ނަމަވެސް އޭނާ އަކީ ޔާޝް ރާޖްގެ ވެރިޔާ، އަދިތްޔަ ޗޯޕްޅާގެ މިހާރު އެންމެ ފެވަރިޓް އެއް ބަތަލާ އެވެ.

ތިން އަހަރު ވަންދެން އެއްވެސް ފިލްމަކުން ފެނިގެން ގޮސްފައިނުވާ ވާނީ އަންނަ ހުކުރު ދުވަހު ރިލީޒްކުރާ އަދިތްޔަގެ "ބޭފިކްރޭ" އިން ފެނިގެންދާއިރު، އެފިލްމުގެ ޓްރެއިލާ އާއި ލަވަތައް ބެލުމަށްފަހު އޭނާ އެފިލްމުގައި ކުޅެފައިވާ ބޯލްޑް ރޯލުގެ ސަބަބުން ގިނަ ބަޔަކަށް ލިބުނީ ބޮޑު ސިހުމެކެވެ.

މިފިލްމުގެ ފޮޓޯތަކާއި ޕޯސްޓަރުތައް އާންމުކުރުމާއެކު އެންމެ ބާރަށް ދެކެވެން ފެށި ވާހަކައަކީ ވާނީގެ ސިފަ ވަރަށް ބޮޑަށް ބަދަލުވެފައިވާ ކަމުގެ ވާހަކަ އެވެ. ގިނަބަޔަކު އޭނާގެ ކުރީގެ ފޮޓޯތަކާއި "ބޭފިކްރޭ" ގެ ފޮޓޯތަކާއި އަޅާކިޔުމަށްފަހު އޭނާ ޕްލާސްޓިކް ސާޖަރީ ހަދައި، މޫނުމަތީގެ ސިފަޔަށް ބޮޑު ބަދަލުތަކެއް ގެނެސްފައިވާ ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ ބަންޑުންކޮށްލާފަ އެވެ.

ވާނީގެ ދަތްދޮޅީގެ ސާޖަރީ އާއި ތުންފަތް ބޮޑުކުރަން ޕްލާސްޓިކް ސާޖަރީ ހަދާފައިވާ ވާހަކަތައް އަދިވެސް ހުއްޓުމެއްނެތި ދެކެވެމުން އަންނައިރު އޭނާ މިވަނީ ކޮސްމެޓިކް ސާޖަރީ ނަހަދާ ކަމަށް ބުނެފަ އެވެ.

ސާޖަރީ ހަދައި، ސިފައަށް ބޮޑު ބަދަލެއް ގެނެސްފައިވާ ކަމަށް ދެކެވޭ ވާހަތަކަށް ރައްދުދެމުން ވާނީ ވަނީ އޭނާ "ބޭފިކްރޭ" ކުޅުނުއިރު ބޮލީވުޑަށް ނިކުތްއިރު ހުރި ވަރަށް ވުރެން ބަރުދަން ވަރަށް ބޮޑު ތަން ލުއިވެފައިވާ ކަމަށާއި މޫނުމަތިން ފާހަގަވާ ކަމަށް އެބުނާ ތަފާތަކީ ހިކުމުގެ ސަބަބުން އައިސްފައިވާ ބަދަލުތަކެއް ކަމަށް ބުނެފަ އެވެ.

"ބަރުދަން ލުއިވެފައި، މިފިލްމުގައި ވެސް ތަފާތުކޮށް މުޅީން ފެނިގެންދާނީ. ފިލްމުގެ މަންޒަރުތައް ނަގާފައިވަނީ ޕެރިސްގެ ފިނީގައި. ފިނީގެ ސަބަބުން އެކި އޭންގަލްތަކުން އެކި ގޮތްގޮތަށް ފެނިގެންދަނީ،" ވާނީ ބުނެފައިވެ އެވެ.

ވާނީ އިތުރަށް ވަނީ ކޮސްމެޓިކް ސާޖަރީއެއް ހެދޭ ވަރަށް ވުރެން އޭނާ މާލީ ހާލަތު ދަށް ކަމަށް ވެސް ބުނެފަ އެވެ. އަދި އޭނާ އަކީ މިހާތަނަށް އެންމެ ފިލްމެއް ކުޅެފައި ހުރި އެކްޓަރެއް ކަމަށާއި ނަމަވެސް ސާޖަރީ ހަދަން ބޭނުންވާ ބަޔަކު އެކަމެއް ކުރުމަކީ މައްސަލައެއް ނޫން ކަމަށް ވެސް ބުނެފަ އެވެ.

"ބޭފިކްރޭ" އަކީ ވާނީ ރަންވީރާއެކު ކުޅޭ ފުރަތަމަ ފިލްމެވެ. ޕެރިސްގައި ޝޫޓްކޮށްފައިވާ މިފިލްމަކީ އެއްވެސް ހިޔާލެއް ފިކުރެއްނެތި އުޅޭ ދެޒުވާނެއްގެ ވާހަކަ އެވެ.