ބޮލީވުޑް

"ޑިއާ ޒިންދަގީ" އަކީ ކެނެޑިއަން ޓީވީ ޝޯއެއްގެ ކޮޕީއެއް؟

Dec 7, 2016
2

މިދިޔަ މަހުގެ 23 ވަނަ ދުވަހު ރިލީޒްކުރި ޝާހްރުކް ޚާން އާއި އާލިއާ ބަޓްގެ "ޑިއާ ޒިންދަގީ" އަށް ރަނގަޅު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.

ގޯރީ ޝިންދޭ ޑައިރެކްޓްކޮށްފައިވާ މިފިލްމުގެ ލީޑް ދެތަރިންގެ އެކްޓިން އަށް ތައުރީފު ބަންޑުންކޮށް، ފިލްމުގެ ވާހަކަ މޮޅު ކަމަށް ބުނެ ގޯރީ އަށް ވެސް އަންނަނީ ތައުރީފުކުރަމުންނެވެ.

އިންޑިއާ އާއެކު ބޭރުގެ ގައުމުތަކުން މިފިލްމަށް ލިބުނު އާމްދަނީ 100 ކްރޯޑަށް އަރާފައިވާއިރު، މިފިލްމުގެ ޕްލޮޓަކީ ކެނެޑިއަން ޓީވީ ސީރީޒް "ބީޏް އެރީކާ" ގެ ކޮޕީއެއް ކަމުގެ އަޑުތައް ވަނީ އަރާފަ އެވެ.

"ބީން އެރީކާ" އަކީ އެރީކާ ސްޓްރޭންޖް ނަމަކަށްކިޔާ އަންހެން ކުއްޖަކު އޭނާގެ ހަޔާތުގައި ހިނގާފައިވާ ކަންތައްތަކުގެ ސަބަބުން އެކަމާ ދެރަވާ ކަންތައްތަކުން އަރައި ގަތުމަށް ތެރަޕިސްޓް ޑރ.ޓޮމް ކައިރިއަށް ދާގޮތަށް ދައްކުވައިދޭ ފިލްމެކެވެ. މިއީ ހަމަ ޝާހްރުކް އާއި އާލިއާ ލީޑްރޯލު ކުޅެފައިވާ "ޑިއާ ޒިންދަގީ" ގެ ވެސް ޕްލޮޓެވެ. އެފިލްމުގައި ވެސް ކިއާރާގެ ރޯލުން ފެނިގެންދާ އާލިއާ ސައިކެޓްރިސްޓެއް ކަމަށްވާ ޑރ. ޖަހަންގީރް (ޝާހްރުކް) ގެ ފަރާތުން އޭނާގެ ވެސް ހަޔާތުގައި ދިމާވެފައިވާ ކަންތައްތަކުގެ ސަބަބުން ހިތް ނުތަނަވަސް ވާތީ އެކަމަށް ފަރުވާ ހޯދަ އެވެ.

"ޑިއާ ޒިންދަގީ" އަކީ "ބީޏް އެރީކާ" ގެ ކޮޕީއެއް ކަމަަށް ދެކެވެމުން އަންނަ ހަބަރުތައް ބުނާގޮތުން އެ ސީރީޒްގެ ޕްލޮޓް ކޮޕީކުރުމުގެ އިތުރުން ޝާހްރުކްގެ ކްލިނިކްގެ ގޮތުގައި ފެނިގެންދާ ކޮޓަރީގެ ޑިޒައިނާއި އެތަނުގައި ހުންނަ ހުރިހާ އެއްޗެއް ވެސް "ބީން އެރީކާ" ގައި ފެނިގެންދާ ތެރަޕިސްޓުގެ ރޫމާ ވަރަށް އެއްގޮތެވެ.

ކޮންމެ ގޮތެއް ވިޔަސް "ބީން އެރީކާ" އާއި "ޑިއާ ޒިންދަގީ" ގެ ޑައިރެކްޓަރު ގޯރީ ވަނީ އޭނާގެ ފިލްމަކީ އެއްވެސް ސީރީޒްއެއްގެ ކޮޕީއެއް ނޫން ކަމަށް ބުނެފަ އެވެ. އަދި އޭނާގެ ފިލްމާ އަޅުވާ ކިޔަ ކެނެޑިއަން ޓީވީ ސީރީޒް "ބީން އެރީކާ" އަކީ އޭނާ ދުވަހަކުން ވެސް އެސީރީޒް ނުބަލާ ކަމަށް ބުނެފަ އެވެ.

"މިއީ އަހަރެންގެ ފިލްމު ބަދުނާމު ކޮށްލަން އަރުވާލައިގެން އުޅޭ އަޑެއް. އަހަރެން އެސީރީޒްއެއް ނުބަލަން. ބެލުންތެރިން ބަލާފަ އަހަރެންގެ ފިލްމާއި އެސީރީޒް އެއްގޮތް ކަމެއް ހުރިއްޔަ އެގޮތަށް ނިންމާނީ". ގޯރީ ބުނެފައިވެ އެވެ.

ގޯރީ ވަނީ އޭނާގެ ފުރަތަމަ ފިލްމު "އިންގްލިޝް ވިންގްލިޝް" ވެސް ކާމިޔާބުވުމުން މިފަދަ އަޑުތަކެއް އަރުވާލި ކަމަށާއި އެހެން މީހެއްގެ ކާމިޔާބީއާ މެދު ދެން ތިބޭ ބަޔަކު ހިތްހަމަނުޖެހޭނެ ކަމަށް ވެސް ބުނެފަ އެވެ.

މަދުން ނަމަވެސް ނިކުން ބޮލީވުޑް ފިލްމުތަކަކީ ހޮލީވުޑް ނުވަތަ އެހެނިހެން ވެސް ކޮންމެސް ފިލްމެއްގެ ތަތްގަނޑަކަށް އުފައްދާ ފިލްމުތަކެވެ.