ވިޔަފާރި

އެއާޕޯޓުގެ ނަމޫނާ މުވައްޒަފަކަށް އަމްޖަދު

Dec 7, 2016
1
  • ހާއްސަ އެވޯޑުތައް ދިނުން އޮތް
  • އަގު ވަޒަން ކުރަން ބޮޑު އިވެންޓެއް
  • ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވި

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ހިންގާ، އެމްއޭސީއެލް ކުންފުނީގެ ނަމޫނާ މުވައްޒަފަށް ދޭ އެވޯޑު ކާގޯ ސާވިސްގެ މެނޭޖަރު އަމްޖަދު ނަސީރަށް، އަދި ސޭފްޓީ އެވޯޑު އެއާޕޯޓުގެ ފަޔާ އެންޑް ރެސިކިއު ޑިޕާޓްމަންޓަށް ލިބިއްޖެ އެވެ.

އައިއެންއައިއޭގައި މިރޭ ބޭއްވި "އެމްޑީ އެވޯޑު" ދިނުމުގެ ރަސްމިއްޔާތުގައި ކަސްޓަމާ ސާވިސަސް އެވޯޑު ލިބިފައިވަނީ ކާގޯ ސާވިސަސްގެ މަރިޔަމް ސުވޭދާ އާއި ޑިއުޓީ ފްރީގައި މަސައްކަތް ކުރާ އަހުމަދު އިބްރާހިމްގެ އިތުރުން، ޓާމިނަލް ސާވިސަސްގައި މަސައްކަތް ކުރާ އައިމިނަތު ޝީނާޒް އަށެވެ. އަދި ސޭފްޓީ އެވޯޑު ލިބިފައިވަނީ ރޭމް ސޭފްޓީ މުހައްމަދު ޝިމްއާން އަށެވެ. އަދި އަލީ ޝާހުގެ އިތުރުން އެމްޑީ އެވޯޑް ފޯ ސޭފްޓީގެ ހާއްސަ އެވޯޑު ލިބިފައިވަނީ، އެއާޕޯޓް ކޮމްޕެނީގެ ފަޔާ އެންޑް ރެސްކިއު ޑިޕާޓްމަންޓަށެވެ.

މި އެވޯޑު އެ ޑިޕާޓްމަންޓަށް ލިބިފައިވަނީ މި އަހަރުގެ އެޕްރީލް މަހު ކޯސްޓަލް ހާޑްވެއާ ފިހާރައިގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން ހުޅުލެ އިން މާލެއަށް ވެހިކަލްތައް ގެންގޮސް އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް ކުރި މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުންނެވެ.

އެމްއޭސީއެލް އެވޯޑު ލިބުނު ބައިވެރިން

  • އެމްޑީ އެވޯޑު ފޯ ކަސްޓަމާ ސާވިސް: ކާގޯ ސާވިސަސްގެ ސުވޭދާ
  • އެމްޑީ އެވޯޑު ފޯ ކަސްޓަމާ ސާވިސް: ޑިއުޓީ ފްރީ އަހުމަދު އިބްރާހިމް
  • އެމްޑީ އެވޯޑް ފޯ ސޭފްޓީ: ރޭމްޕް ސޭފްޓީ ޝިމާން
  • އެމްޑީ އެވޯޑް ފޯ ސޭފްޓީ: ޝާހު
  • އެމްޑީ އެވޯޑް ފޯ ސޭފްޓީގެ ހާއްސަ އެވޯޑު: ފަޔާ އެންޑް ރެސްކިއު
  • އެމްޑީ އެވޯޑު ފޯ މޮޑެލް އެމްޕްލޮއީ: އަމްޖަދު

އެމްއޭސީއެލް މުވައްޒަފުންގެ މުނިފޫހި ފިލުވުމުގެ ގިނަ ހަރަކާތްތަކާއެކު ކުރިއަށް ދިޔަ، މި ރަސްމިއްޔާގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވީ އެވޯޑު ލިބުނު ފަރާތްތަކަށް މި ފަހުރުވެރި ވަނަ ލިބުނީ ވަަރަށް ގިނަ މަސައްކަތް ކޮށްގެން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"މި އެވޯޑު ދިނުމަކީ ވަރަށް ރަނގަޅަށް ކުރިކަމެއް. އެވޯޑުގެ ބޭނުމަކީ މުވައްޒަފުން ކުރާ ބުރަ މަސައްކަތުގެ އަގު ވަޒަން ކުރުން. އަޅުގަނޑުމެން މި އެވޯޑު ދިނުމުގައި ބަލަނީ ހަމައެކަނި މުވައްޒަފުގެ މަސައްކަތެއް ނޫން. އެހެން މަސައްކަތް ވެސް ބަލަން،" އެމްއޭސީއެލް އިން މުޅިން އަލަށް ދޭން ފެށި، އެވޯޑާ ބެހޭ ގޮތުން އާދިލް ވިދާޅުވި އެވެ.

"އެމްޑީ އެވޯޑު" ގެ ނަމުގައި އަލަށް ދޭން ފެށި މި އެވޯޑަށް 80 އަށް ވުރެ ގިނަ މުވައްޒަފުން ކުރިމަތިލާފައިވެ އެވެ. މިގޮތުން މުވައްޒަފުން ނަށް އެވޯޑު ދިނުމުގެ ކަންތައް ކުރި އަށް ގެންގޮސްފައިވަނީ އެކަމަށް ހާއްސަކޮށްގެން ނަގާފައިވާ މިނިވަން ކޮމެޓީއަކުންނެވެ. އެކި ޑިޕާޓްމަންޓްތަކުގެ ވެރިން ހިމެނޭ މި ކޮމެޓީން ނޮމިނޭޝަން އަށް އިއުލާނު ކުރުމުން ލިބުނު ހުށަހެޅުންތައް ވެރިފައިކޮށް، ޑިޕާޓްމަންޓްތަކުގެ ހެޑުންނާއި މުވައްޒަފުންނާއެކު މަސައްކަތް ކުރާ މުވައްޒަފުން މެދުވެރިކޮށް، ގިނަ ޕްރޮސެސްތަކެއް ކުރި އަށް ގެންގޮސްފައިވެ އެވެ.

އެމްއޭސީއެލްގެ އެމްޑީ އާދިލް ވިދާޅުވީ "އެމްޑީ އެވޯޑް" އަކީ އަލަށް ފެށި ކަމަކަށްވާތީ މި ފަހަރަށް ވުރެ ގިނަ މުވައްޒަފުން އަންނަ އަހަރު ކުރިމަތިލާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

"ފަހަރެއްގައި އެންމެ ފުރިހަމަ ތަރުހީބު މިފަހަރު ނުލިބިދާނެ. ނަމަވެސް ކުރިއަށް އޮތް ތަނުގައި އެވޯޑަށް ކުރިމަތިލާ މުވައްޒަފުންވެސް އިތުރުވާނެ ކަމަށް ބެލެވޭ. އެމްޑީ އެވޯޑު އިނަސް އަޅުގަނޑަށް ނޭނގެ މި އެވޯޑު ލިބުނު ގޮތެއް. މިކަން ދޫކޮށްލާފައި ވާނީ އިންޑިޕެންޑެންޓް ކޮމެޓީއަކަށް،" އާދިލް ވިދާޅުވި އެވެ.

އެމްއޭސީއެލްއަކީ ރާއްޖޭގެ މައި ވައިގެ ބަނދަރު ބަލަހައްޓާ ކުންފުންޏެވެ. އެމްއޭސީލްގައި މަސައްކަތްކުރާ މުވައްޒަފުންގެ ބޮޑު ބަޔަކީ ދިވެހިންނެވެ. މީގެ ތެރޭގައި ގިނަ މުވައްޒަފުންނަކީ ފުރަތަމަ ވަޒީފާގެ ގޮތުގައި އެއާޕޯޓުގައި މަސައްކަތް ކުރަން ނުކުތް މީހުންނެވެ.