ދުނިޔެ

މޫނު ބުރުގާ ޖަރުމަނުގައި މަނާކުރުމަށް މާކެލް ގޮވާލައްވައިފި

Dec 7, 2016

މޫނު ބުރުގާ އަކީ ޖަރުމަނުގެ މުޖުތަމައާ ގުޅޭ ހެދުމެއް ނޫން ކަމަށް ވިދާޅުވެ މޫނު ބުރުގާ މަނާކުރެއްވުމަށް އެގައުމުގެ ޗާންސެލާ އެންޖެލާ މާކެލް ގޮވާލައްވައިފި އެވެ.

ހަތަރު ވަނަ ދައުރަށް ޝައުގުވެރިވެ ވަޑައިގަންނަވާ ކަމަށް ވިދާޅުވެ ކުރިއަށް އޮތް އިންތިހާބުގެ ރޭހުގައި ވެސް ވާދަކުރައްވާނެ ކަމަށް ވިދާޅުވެފައިވާ މާކެލް ބުރުގާއާ ދެކޮޅަށް މިމޭރުމުން ވާހަކަ ދައްކަވާފައި ވަނީ އެކަމަނާ ނިސްބަތްވެ ވަޑައިގަންނަވާ ކްރިސްޓިއަން ޑިމޮކްރެޓިކް ޔޫނިއަން ޕާޓީގެ އެއްވުމެއްގައި ވާހަކަ ދައްކަވަމުންނެވެ. ކެމްޕޭނާ ގުޅުވައިގެން މާކެލް ބުރުގާއާ ދެކޮޅަށް ވާހަކަ ދެއްކެވި ނަމަވެސް މިއީ ޖަރުމަނުގެ ވެރިކަންކުރާ ޕާޓީގެ އިސް ބޭފުޅަކު މިގޮތަށް ބުރުގާއާ ދެކޮޅަށް އަޑު އުފުއްލެވި ފުރަތަމަ ފަހަރު ނޫންކަން ފާހަގަކޮށްލެވެ އެވެ.

"މޫނު ބުރުގާ އަކީ މިތަނަށް އެހާ ކަމުދާ އެއްޗެއް ނޫން. މިތަނުގައި އެ ހެދުން ހުއްދަކޮށްފައިވާ ހުރިހާތަނެއްގައި އެބަޖެހޭ މަނާކުރަން. އެއީ އަހަރެމެންނަށް ނިސްބަތްވާ ހެދުމެއް ނޫން،" މާކެލް ވިދާޅުވި އެވެ.

މާކެލްގެ ސަރުކާރުގެ ދާޚިލީ ވަޒީރު ތޯމަސް ޑެ މެއިޒިއާ ވެސް ވަނީ މޫނު ބުރުގާ މަނާކުރުމަށް މިދިޔަ އޯގަސްޓް މަހު ގޮވާލައްވައިފަ އެވެ.

ނަމަވެސް ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި ޔޫރަޕްގެ ގައުމުތަކުގައި މޫނު ބުރުގާ މަނާކުރުމުގެ ވާހަކަ މިގޮތަށް ދެއްކުން މިހާރު އެއީ ސިޔާސީ ގޮތުން ފައިދާ ނެގުމަށް ޖަހާ މަޅިއެކެވެ. އެގޮތުން އުމުރުން 62 އަހަރުގެ މާކެލް ވެސް ބުރުގާއާ ދެކޮޅަށް އަޑުއުފުއްލަވަމުން ގެންދަވަނީ ވޯޓު ކާމިޔާބުކުރެއްވުމަށް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.

ޖަރުމަނުގެ އިތުރުން ފްރާންސާއި ބެލްޖިއަމް އަދި ސްވިޓްޒަލޭންޑްގައި ވެސް ސިޔާސީ ގޮތުން ތާއީދުއިތުރުކުރެއްވުމަށް، މުސްލިމުންނާއި މުސްލިމުން ދިރިއުޅުމުގެ އާދަތަކާ ދެކޮޅަށް ވާހަކަ ދެއްކުމަކީ އާންމު ކަމެކެވެ. ޔޫރަޕަށް ބަލާއިރު މުސްލިމުންނާއި ބުރުގާއާ ދެކޮޅަށް އެންމެ ހަރުކަށި ފިޔަވަޅުތަކެއް އަޅަމުން ގެންދަނީ ފްރާންސުންނެވެ.

އެގައުމުގައި ވަނީ 2011 ވަނަ އަހަރުން ފެށިގެން މޫނު ބުރުގާ މަނާކޮށްފަ އެވެ. މިއީ އާންމު ތަންތަނުގައި މޫނު ބުރުގާ މާނަކުރި ޔޫރަޕްގެ ފުރަތަމަ ގައުމެވެ. --ސީއެންއެން