ދުނިޔެ

އިންޑޮނީޝިއާއަށް އައި ބާރުގަދަ ބިންހެލުމެއްގައި 24 މަރު

Dec 7, 2016

އިންޑޮނީޝިއާގެ އާޗޭ ޕްރޮވިންސަށް އައި ބާރުގަދަ ބިންހެލުމެއްގައި މަދުވެގެން 24 މީހަކު މަރުވެފައިވާކަން އެގައުމުގެ ރަސްމީ ފަރާތްތަކުން ކަށަވަރުކޮށްދީފި އެވެ.

އާޗޭ ޕްރޮވިންސްގެ ސުމަޓްރާ ޖަޒީރާގެ ސިގްލީ އަވަށަށް އައި މި ބިންހެލުން ރިކޯޑްކުރެވިފައި ވަނީ 6.4 ގެ މެގްނެޓިއުޑްގެ ބާރުމިނުގަ އެވެ. ރާއްޖެ ގަޑިން ނަމަ މި ބިންހެލުން އައި ވަގުތަކީ މެންދަމުން އަނބުރާ ގާތްގަނޑަކަށް ތިނެއް ޖަހާކަށްހާއިރެވެ.

ބިންހެލުން އައީ ކަނޑުގެ އަޑިން 17.2 ކިލޯމީޓަރު އަޑިއަށެވެ. މީހުން ސަލާމަތްކުރުމުގެ މަސައްކަތްކުރިއަށް ގެންދާއިރު މިހާތަނަށް ސުނާމީއެއްގެ އިންޒާރު ދީފައެއް ނުވެ އެވެ. ނަމަވެސް ބިންހެލުމުގައި ގިނަ އަދަދެއްގެ އިމާރާތްތަކަށާއި މިސްކިތްތަކަށް ގެއްލުންވެފައިވެ އެވެ.

ބިންހެލުން އާންމުކޮށް އަންނަ ސަރަހައްދަކަށް ނިސްބަތްވާ އިންޑޮނީޝިއާ އަށް 2004 ވަނަ އަހަރު އައި ބާރުގަދަ ބިންހެލުމަކީ ފަހުގެ ތާރީހެއްގައި ރިކޯޑްކުރެވިފައިވާ އެންމެ ނުރައްކާ ބޮޑު ބިންހެލުމެވެ. އެ ބިންހެލުމަށް ފަހު އިރުމަތީ އޭޝިއާގެ ގައުމުތަކަށާއި ދެކުނު އޭޝިއާގެ ގައުމުތަކަށް ސުނާމީ އަރައި އެތައް ހާސް ބަޔަކު މަރުވެފައިވާއިރު އެ ޕްރޮވިންސުން އެކަނި ވެސް 120،000 މީހުން މަރުވެފައިވެ އެވެ. --ބީބީސީ