ދުނިޔެ

ޓައިމް މަޖައްލާގެ އަހަރުގެ ޝަހުސިއްޔަތަކީ ޓްރަމްޕް

Dec 8, 2016

ޓައިމް މަޖައްލާއިން މީގެ 90 އަހަރު ކުރިން ފެށިގެން ކޮންމެ އަހަރަކު ހޮވަމުން އަންނަ "ޕާސަން އޮފް ދަ އިޔާ" ގެ މި އަހަރުގެ ޝަހުސިއްޔަތަކަށް ޑޮނަލްޑް ޓްރަމްޕް ހޮވައިފި އެވެ.

އެމެރިކާގެ ރައީސް ކަމަށް ރިޕަބްލިކަން ޕާޓީގެ ފަރާތުން ވާދަކުރައްވައި، އިންތިހާބުވެ ވަޑައިގެންފައިވާ ޓްރަމްޕަށް މި ޝަރަފު ދިނުމަށް ފަހު ޓައިމް މަޖައްލާގެ ބޭރު ގަނޑުގައި އެބޭފުޅާ ސިފަކޮށްފައި ވަނީ "ބައިބައިވެފައިވާ އެމެރިކާގެ ރައީސް" ނުވަތަ ޑިވައިޑެޑް ސްޓޭޓްސް އޮފް އެމެރިކާ" ގެ ރައީސްގެ ގޮތުގަ އެވެ.

އަހަރުގެ ޝަހުސިއްޔަތަކަށް ހޮވުމުން ޓްރަމްޕް ވިދާޅުވެފައިވަނީ މިއީ އެ ބޭފުޅާ އަށް ލިބިވަޑައިގެންނެވި ވަރަށް ވެސް ބޮޑު ޝަރަފެއް ކަމަށެވެ. ތައުރީފު އޮއްސަމުން، ޓައިމްގެ މި އަހަރުގެ ހޮވުން ޓްރަމްޕް ގަބޫލުކުރެއްވި ނަމަވެސް މިދިޔަ އަހަރު ޓައިމް މަޖައްލާ އިން މި ޝަރަފް ދިން ޖަރުމަނުގެ ޗާންސެލާ އެންޖެލާ މާކެލް އަށް ޓްރަމްޕް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވެ އެވެ.

މިދިޔަ އަހަރު ހުރިހާ ގޮތަކުން އެންމެ ނުފޫޒުގަދަ ޝަހުސިއްޔަތަކަށް މާކެލް ހޮވުމުން ޓްރަމްޕް ވިދާޅުވެފައި ވަނީ އެކަމަނާ އަކީ ޕާސަން އޮފް ދަ އިޔާއެއް ނޫން ކަމަށާއި، ޖަރުމަން ހަލާކުކުރައްވަމުން ގެންދަވާ ޕާސަން ކަމަށެވެ.

ކޮންމެއަކަސް މި އަހަރުގެ ޝަހުސިއްޔަތަށް ޓްރަމްޕް ހޮވުނުއިރު، ރަނަރަޕަކީ، އެމެރިކާގެ ރިއާސީ އިންތިހާބުގައި ވެސް ޓްރަމްޕްއާ ވާދަކުރައްވައި ނާކާމިޔާބުވެ ވަޑައިގެންނެވި ހިލަރީ ކްލިންޓަން އެވެ.

މި ލިސްޓްގެ ތިން ވަނަ ދީފައިވަނީ "ދަ ހެކާސް" ނުވަތަ އާންމުންނާއި ސަރުކާރުތަކާއި ސެލެބްރިޓީންނާއި ޕޮލިޓީޝަނުންނަށް ނުރައްކާކޮށް އެކި ގޮތްގޮތަށް ނުފޫޒު ފޯރުވާ ހެކަރުންނެވެ.

ޓައިމް މަޖައްލާ އިން އަހަރުގެ ޝަހުސިއްހަތު ހޮވަމުން ގެންދަނީ 1927 ވަނަ އަހަރުން ފެށިގެންނެވެ. އެންމެ ފުރަތަމަ މި އެވޯޑް ދެމުން އައީ "މޭން އޮފް ދަ އިޔާ" ގެ ގޮތުގަ އެވެ. "ޕާސަން އޮފް ދަ އިޔާ" އަށް ރީބްރޭންޑްކުރީ 1999 ވަނަ އަހަރު އެވެ.

އަހަރުގެ ޝަހުސިއްޔަތު ހޮވަނީ ވަކި ރަނގަޅު ކަންކަން ފާހަގަކޮށް ހޮވާލެވޭ ލީޑަރުންތަކެއްގެ ތެރެއިންނެއް ނޫނެވެ. ހެވާއި ރަނގަޅާއި ނުބައި އަދި ގޯސް ނުފޫޒުތަކަށް ވެސް ބަލައިގެން ހުރިހާ ގޮތަކުން އެންމެ ފާހަގަކޮށްލެވޭ އެންމެ ބޮޑު ނުފޫޒަށެވެ.

އެގޮތުން އެމެރިކާގެ ހުރިހާ ރައީސުން މިހާތަނަށް މިގޮތުގައި ބޭރު ގަނޑަށް އަރުވާފައިވާއިރު ބައިނަލްއަގުވާމީ މުޖުތަމައުގައި ހިޔާލުތަފާތުވެފައިވާ ލީޑަރުން ކަމަށްވާ އެޑޮލްފް ހިޓްލަރު، އީރާނުގެ އާޔަތުއްﷲ ޚާމަނާއީ، އިންޑިއާގެ މަހާތަމާ ގާންދީ އަދި ޕޯޕް ފްރާސްސިސް ފަދަ ލީޑަރުން ޕާސަން އޮފް ދަ އިޔާ އަށް ހޮވާފައިވެ އެވެ.