ދުނިޔެ

ސޮލްމޮން އަށް ބާރުގަދަ ބިން ހެލުމެއް، ސުނާމީގެ އިންޒާރު ދީފި

Dec 8, 2016

ޕެސިފިކް ކަނޑުގެ ޖަޒީރާ ރަށެއް ކަމަށްވާ، ސޮލްމޮން އައިލެންޑްސްއަށް ދާދި ދެންމެއަކު އައި ބާރުގަދަ ބިންހެލުމަކާ ގުޅިގެން ގެއްލުން ބޮޑު ސުނާމީއެއް އުފެދިދާނެ ކަމުގެ އިންޒާރު ދީފި އެވެ.

އެމެރިކާގެ ޖިއޮލިޖިކަލް ސާވޭ އިން ބުނީ، 7.7 މެގްނިޓިއުޑްގެ މި ބިންހެލުން އައީ، ސޮލްމޮން އައިލެންޑްސްގެ ބޭރުން ކަނޑުގެ އަޑިން 48.7 ކިލޯ މީޓަރު ފުނަށް ކަމަށެވެ.

ޖީއެމްޓީ ގަޑިން 5:30 ހާއިރު އައި މި ބިންހެލުމުގެ ސަބަބުން ކުރިއަށް އޮތް ތިން ގަޑިއިރުގެ ތެރޭގައި ސުނާމީއެއް އުފެދޭނެ ކަމަށް ޕެސިފިކް ސުނާމީ ވާނިން ސެންޓަރުން ވަނީ ލަފާކޮށްފަ އެވެ.

އެ ސުނާމީގެ އަސަރު ކުރާނެ ކަމަށް މިހާރު ލަފާކޮށްފައި ވަނީ ސޮލްމޮން އައިލެންޑްގެ ޖަޒީރާ ރަށްތަކާއި ޕަޕާނިއުގިނީ އަދި ހަވާއީ އަށެވެ. އެހެން ސަރަހައްދުތަކަށް ސުނާމީގެ އަސަރެއް ނުކުރާނެ ކަމަށް ވެސް އެ ސެންޓަރުން ބުނެ އެވެ.

އެ ޖަޒީރާ ރަށްތަކުގައި 500،000 އެއްހާ މީހުން ދިރިއުޅެމުން އަންނަ އިރު، އެ ބިންހެލުމުގައި ގެއްލުންތަކެއް ލިބުނު ކަމުގެ މައުލޫމާތެއް އަދި ނުލިބެ އެވެ. އެހެން ނަމަވެސް އެ ޖަޒީރާ ރަށްތަކުން ކަރަންޓް ވަނީ ކެނޑިފަ އެވެ.