ދުނިޔެ

ދެކުނު ކޮރެއާގެ ރައީސާ ވެރިކަމުން ދުރުކޮށްފި

Dec 9, 2016

ފަސާދަ އާއި ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވި، ހޫނު ފެނަށް ވެއްޓިފައިވާ ދެކުނު ކޮރެއާގެ ރައީސާ، ޕާކް ގެއުން ހައިގެ މައްޗަށް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި މިއަދު އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި އެކަމަނާ ވެރިކަމުން ދުރުކޮށްފި އެވެ.

އެކަމަނާގެ އިސްތިއުފާއަށް އެތައް ހާސް ބަޔަކު މަގުތަކަށް ނުކުމެ މުޒާހަރާ ކުރަމުން އަންނަ މި ދަނޑިވަޅުގައި ދެކުނު ކޮރެއާގެ ގާނޫނު ހަދާ މަޖިލިސް، ނޭޝަނަލް އެސެބްލީގައި މިއަދު ނެގި ވޯޓްގައި ޕާކްގެ އިތުބާރުނެތް ކަމަށް ފާސްވީ، 234 މެންބަރުންގެ ވޯޓުންނެވެ. އަދި އެކަމަނާއާ އެއްކޮޅަށް 56 މެންބަރަކު ވޯޓު ދެއްވި އެވެ. ޕާކްއާ ދެކޮޅަށް އެކަމަނާގެ އަމިއްލަފުޅު ޕާޓީއަށް ނިސްބަތްވާ ބައެއް މެންބަރުން ވެސް ވޯޓު ދެއްވި އެވެ.

އިތުބާރު ނެތް ކަމުގެ ވޯޓް ފާސްވުމާ އެކު، ވެރިކަމުގެ ހުރިހާ ބާރުތަކެއް މިހާރު ވަނީ ވަގުތީ ގޮތުން ބޮޑު ވަޒީރާ ހަވާލުކޮށްފަ އެވެ. ޕާކްގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރެވި ޕްރެޝަރުތައް ބޮޑުވީ އެކަމަނާގެ ޕާޓީއަށް ވެސް ނިސްބަތް ނުވާ، ސިޔާސީ ގޮތުން ބާރުގަދަ ބޭފުޅެއްގެ ނުފޫޒުތަކުގައި އެކަމަނާ ދަށުވެ ބައެއް ފިޔަވަޅުތައް އަޅަން މަޖުބޫރުވުމުންނެވެ. އެކަންތައްތަކާ ގުޅިގެން އެކަމަނާ ވަނީ ފަހުން އާންމުންގެ ކިބައިން މާފަށް ވެސް އެދިވަޑައިގެންފަ އެވެ.