ދުނިޔެ

އިންތިހާބަށް ބޭރުގެ ނުފޫޒު ވަން މައްސަލަ ބަލަން އޮބާމާ އަންގަވައިފި

Dec 10, 2016

މިދިޔަ މަހު ބޭއްވި އެމެރިކާގެ ރިޔާސީ އިންތިހާބުގައި ރަޝިޔާއިން ދިން ސައިބާ އެޓޭކްތަކާއި ބޭރުގެ ނުފޫޒު އިންތިހާބަށް ވަދެފައިވާ މިންވަރު ބެލުމަށް އެމެރިކާގެ އިންޓެލިޖެންސް އެޖެންސީއަށް ރައީސް ބަރަކު އޮބާމާ އަންގަވައިފިއެވެ.

ރިޔާސީ ގަނޑުވަރު ވައިޓް ހައުސްއިން ބުނީ، އޮބަމާގެ ރިޔާސީ ދައުރު ނިމުމުގެ ކުރިން އެކުގެ ތަހްގީގު ކުރުމަށްފަހު، ރިޕޯޓް އޭނާ އަށް ފޮނުވުމަށް އިންޓެލިޖެންސަށް އަންގަވާފައިވާ ކަމަށެވެ. އޮބާމާގެ ރިޔާސީ ދައުރު ނިމޭނީ އަންނަ މަހު 20 ދުވަހުއެވެ.

އެކްޓޫބަރު މަހު އެމެރިކާގެ ސަރުކާރުން ރަޝިޔާގެ މައްޗަށް ތުހުމަތުކޮށްފައިވަނީ އެގައުމުން، ޑިމޮކްރެޓިކް ޕާޓީއާ ދެކޮޅަށް ސައިބާ އެޓެކްތަކެއް ދިނުމަށް ރޭވި ކަމަށެވެ.

އެކަންކަމުގެ ރިވިއުއެއް ހެދުމަށް އޮބާމާ އެންގެވީ، އިންތިހަބު ކާމިޔާބު ކުރެއްވި ރިޕަބްލިކަން ޕާޓީގެ ޑޮނަލްޑް ޓްރަމްޕާ ރިޔާސީ ދައުރު ހަވާލު ކުރުމުގެ ކުރިން، އެކަންކަމަށް ރަސްމީ ސިފައެއް ގެނައުމަށެވެ. އޭރުން އާ ރައީސް އަށް ވެސް އެ މައްސަލަ ބެލުމަށް ލާޒިމު ވާނެއެވެ.

"ރައީސް ވަނީ ސީދާ އަމިއްލަ ފުޅަށް އިންޓެލިޖެންސް ކޮމިޔުނިޓީ އަށް، 2016 ގެ އިންތިހާބު މަރުހަލާގައި ވީ ކަންކަމުގެ ރިވިއުއެއް ހަދަން އަންގާފަ ބޭނުމަކީ އެކަމުގެ ސަބަބުން އެމެރިކާއަށް މުހިންމު ފިލާވަޅަކަށް ވާނެ ކަމަށް އެކަމާ ގުޅުން ހުރި ފަރާތްތަކަށާއި ކޮންގްރެސްއަށް ހާމަ ކޮށްދިނުން." އޮބާމާގެ ހޯމް ލޭންޑް ސެކެޓްރީ ލިސާ މޮނާކާ ވިދާޅުވިއެވެ.