މިދިޔަ އަހަރުގެ ތެރޭގައި ދިވެހި ސިފައިން އަތުން ފިސްތޯލައެއް ގެއްލިފައިވާ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ވަކީލުން ކްރިމިނަލް ކޯޓުގައި މިއަދު ވިދާޅުވެއްޖެ އެވެ.
ނާޒިމްގެ އެޕާޓްމެންޓުން ހަނގުރާމަވެރި ހަތިޔާރު ފެނުނު ކަމަށް ބުނެ ނާޒިމްގެ މައްޗަށް ކުރާ ދައުވާގެ މިއަދުގެ އަޑުއެހުމުގައި ދިފާއީ ހެކި ހުށަހަޅަމުން ނާޒިމްގެ ވަކީލުންގެ ޓީމުގައި ހިމެނޭ އަލީ ޒާހިރު ވިދާޅުވީ މިދިޔަ އަހަރުގެ ތެރޭގައި ޝަންގްރިއްލާ ރިސޯޓަށް ސިފައިން ގޮސް އުޅުމުގެ ތެރޭގައި ސިފައިން ގެންގުޅުނު ފިސްތޯލައެއް ގެއްލުނު ކަމަށެވެ. އަދި ގެއްލުނު ފިސްތޯލައަކީ ނާޒިމްގެ އެޕާޓްމެންޓުން ފެނުނު ކަމަށް ފުލުހުން ބުނާ ބާވަތު ފިސްތޯލައެއް ކަމަށް ވެސް އަލީ ޒާހިރު ވިދާޅުވި އެވެ.
އެފަދަ ފިސްތޯލައެއް ގެއްލުނުކަން ސާބިތުކުރަން ނާޒިމްގެ ފަރާތުން ވަނީ ސިފައިންގެ މީހެއްގެ ނަން ހުށަހަޅައިފަ އެވެ. އަދި އެ ފިސްތޯލް ގެއްލުމާ ގުޅިގެން ސިފައިންގެ ތެރޭގައި ތަހުގީގެއް ވެސް ހިންގި ކަމަށާއި އެކަން ވެސް ސާބިތުކުރަން ނާޒިމްގެ ފަރާތުން ވަނީ މިއަދު ސިފައިންގެ އިތުރު މީހަކު ހެއްކަކު ގޮތުގައި ހުށަހަޅައިފި އެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި ނާޒިމްގެ އެޕާޓްމެންޓުން ފެނުނީ ފިސްތޯލައަކާއި ތިން ވަޒަނުގެ އިތުރުން އެކްސްޕްލޯސިވް ޑިވައިސަކާއި ޕެން ޑްރައިވެކެވެ.
މިދިޔަ އަހަރު ސިފައިން އަތުން ފިސްތޯލައެއް ގެއްލުނު ކަމަށް އޭރު ޑިފެންސް މިނިސްޓަރަކަށް ހުންނެވި ނާޒިމްގެ ވަކީލުން ބުނެފައިވާއިރު ނާޒިމްގެ މައްސަލައިގައި އެމްއެންޑީއެފުން ކުރިން ބުނެފައިވަނީ ސިފައިންގެ އާމަރީން އެއްވެސް ހަތިޔާރެއް މަދުވެފައި ނުވާ ކަމަށެވެ.