ތުރުކީގެ އެންމެ ބޮޑު ސިޓީ އިސްތަންބޫލްގެ ފުޓު ބޯޅަ ސްޓޭޑިއަމެއްގެ ކައިރީގައި ބޮންތަކެއް ގޮއްވާލާ 29 މީހުން މަރާލައިފި އެވެ. މި ހަމަލާގައި 166 މީހަކުވަނީ ޒަހަމްވެފަ އެވެ. މިހަމަލާ ދީފައިވަނީ އިސްތަންބޫލްގެ ސްޓޭޑިއަމްއެއް ކަމަށްވާ ވޮޑަފޯން އެރީނާ ކައިރީގަ އެވެ.
ތުރުކީ އޮފިޝަލުން ބުނީ ކާރެއްގައި ބޮމެއް ހަރުކޮށްގެން އަދި ހަށިގަނޑުގައި ހަރުކޮށްފައިވާ ބޮމެއް ގޮއްވާލައިގެން ދިން މި ދެ ހަމަލާ އަމާޒުކޮށްފައިވަނީ އިސްތަންބޫލްގެ ފުލުހުންނަށް ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އެއީ އެ ދެ ހަމަލާވެސް ދީފައިވަނީ މެޗެއް ބަލާ ނިންމުމަށްފަހު ސަޕޯޓަރުން އެ ސަރަހައްދު ދޫކޮށް ދިޔަތާ ދެ ގަޑިއިރު ފަހުން ކަމަށްވާތީ ކަމަށެވެ.
ސީއެންއެން އިން ރިޕޯޓްކޮށްފައިވާ ގޮތުން ހަމަލާގައި މަރުވި މީހުންގެ 27 މީހުންނަކީ ފުލުހުންނެވެ.
ތުރުކީގެ ބައެއް މީޑިއާ ތަކުން ރިޕޯޓުކުރާ ގޮތުގައި ސްޓޭޑިއަމް ކައިރިއަށް ދިން ފުރަތަމަ ހަމަލާ އަމާޒުކޮށްފައިވަނީ ފުލުހުން ދަތުރު ކުރަމުން ދިޔަ ބަހަކަށެވެ.
މި ހަމަލާ ދިނުމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ 10 މީހުން މިހާތަނަށް ވަނީ ހައްޔަރުކޮށްފަ އެވެ. ނަމަވެސް މިހަމަލާގެ ޒިންމާ އަދި އެއްވެސް ބަޔަކު އުފުލާފައެއް ނުވި ނަމަވެސް ކުރުދީ ހަނގުރާމަވެރިންނާއި އައިއެސް ޖަމާއަތުގެ ހަނގުރާމަވެރިން މި ހަމަލާގެ ފަހަތުގައި ތިބި ކަމަށް ތުރުކީން ޝައްކު ކުރެއެވެ. އޮފިޝަލުން ބުނީ ތުރުކީއަށް މީގެކުރިން ދިން ގިނަ ހަމަލާތަކަކީ އެ ދެ ޖަމާއަތުން ދީފައިވާ ހަމަލާތައް ކަމަށެވެ.