ދުނިޔެ

ފައްޅިއެއް ބޮލަށް ވެއްޓި 50 މީހަކު މަރުވެއްޖެ

Dec 11, 2016

ލާގޮސް (11 ޑިސެމްބަރު) - ނައިޖީރިއާގެ އަކްވާ އިބޯމް ސްޓޭޓްގެ ވެރިރަށް އޫޔޯގައި ނަސޯރާއިންގެ ފައްޅިއަކަށް މީހުން ވަދެ އަޅުކަމުގައި ތިއްބައި ފައްޅި ބޮލަށް ވެއްޓިގެން 50 މީހަކު އިއްޔެ މަރުވެއްޖެ އެވެ.

މި ހާދިސާގައި އިބޯމް ސްޓޭޓްގެ ގަވަރުނަރު ޔޫޑޮމް އެމެނުއެލް ސަލާމަތްވެފައި ވަނީ ކިރިޔާ އެވެ. ފައްޅި ބިމާ ހަމަވިއިރު ގަވަރުނަރު ގެންދެވީ އެތަނަށް ޒިޔާރަތްކުރައްވަމުންނެވެ.

ފައްޅި ދަށުވި މީހުން ނެގުމުގެ މަސައްކަތްކުރަމުން އަންނައިރު މި ހާދިސާ ހިނގުމަށް މެދުވެރިވި ސަބަބެއް އަދި ނޭނގެ އެވެ.

ޖައެންޓް އޮފް އެފްރިކާގެ ނަމުން މަޝްހޫރުވެފައިވާ ނައިޖީރިއާ އަކީ 184 މިލިއަން މީހުންގެ އާބާދީއަކާ އެކު އެފްރިކާގައި އެންމެ މީހުން ގިނަ ގައުމެވެ. ނަސްލާއި ގަބީލާގެ ގޮތުން 500 ވުރެ ގިނަ ކުދިކުދި ގްރޫޕްތަކަށް މި ގައުމުގެ އާބާދީ ބެހިގެންގޮސްފައިވާއިރު ގައުމު ދެ ފަޅިވެގެން ގޮސްފައި ވަނީ ނަސޯރާއިންނާއި މުސްލިމުންގެ މައްޗަށެވެ.

އެގޮތުން ދެކުނު ބިތް ނަސޯރާއިންނަށް ހާއްސަވެފައިވާއިރު ނައިޖީރިއާގެ އުތުރު ބިތުގައި ގިނައީ މުސްލިމުންނެވެ.

ނައިޖީރިއާގައި މުސްލިމުންނާއި ނަސޯރާއިންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގި ނަމަވެސް އެގައުމުގެ އެންމެ ބޮޑު ހަމަނުޖެހުމަކަށް ވެފައި ވަނީ މަޝްހޫރު ޓެރަރިސްޓް ޖަމާއަތް ބޯކޯ ހަރާމެވެ. ނަމަވެސް މިދިޔަ އަހަރު އެގައުމުގެ ރައީސް ކަމަށް ވަޑައިގެންނެވި މުސްލިމު ލީޑަރު، މުހައްމަދު ބުހާރީގެ ސިޔާސަތުތަކާ އެކު ހަމަނުޖެހުން ވަނީ ދަށްކޮށްފަ އެވެ.