ވިޔަފާރި

އިޓަލީގެ ސްކަވޯލީނީ މަރުކާގެ އުފެއްދުންތައް ވިއްކާ ފިހާރައެއް ހުޅުވައިފި

Dec 13, 2016

އިޓަލީވިލާތުގެ މަޝްހޫރު "ސްކަވޯލީނީ" މަރުކާގެ ބަދިގޭ ފަރުނީޗަރު ވިއްކާ ފިހާރައެއް ޔޫރޯ އިން މާލޭގައި ހުޅުވައިފި އެވެ.

މަޝްހޫރު ލަވާޒާ ކޮފީ ރާއްޖެ އަށް ތައާރަފުކޮށް ވިއްކަމުން ގެންދާ ޔޫރޯއިން އަމީރު އަހުމަދު މަގު (އިސްލާމިކް ބޭންކް) ކައިރި ހ. އައިވީގައި "ހޮޓެކް"ގެ ނަމުގައި ހަދާފައިވާ މި ފިހާރަ ހުޅުއްވައި ދެއްވީ އެމްއޭސީއެލްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ބަންދު އިބްރާހިމް ސަލީމް (ބަންދު ސަލީމް) އާއި ސްކަވޯލީނީގެ އެކްސްޕޯޓްސް ސޭލްސް ޑިރެކްޓަރު ރޮބާތޯ ގްރަމަޗިއޯނީ އެވެ.

"ސްކަވޯލީނީ" މަރުކާގެ އުފެއްދުންތައް ވިއްކާ ފިހާރަ ހުޅުއްވައި ދެއްވުމަށްފަހު، ރޮބާތޯ ވިދާޅުވީ މި ބްރޭންޑުގެ ހުރިހާ އުފެއްދުމެއް ވެސް ތައްޔާރުކޮށްފައި ހުންނާނީ ކަސްޓަމަރުންގެ ބޭނުން ތަކަށް ބަލައިގެން ކަމަށެވެ.

"މިތަނުގައި ހުންނަ ބަދިގޭ ސެޓާއި އެހެނިހެން ސާމާނު ތައްޔާރުކޮށްދޭނީ ކަސްޓަމަރު ބޭނުންވާ ގޮތަށް. ކަސްޓަމަރުން ބުނާ ސައިޒަކަށް. މިއީ މީގެ އެންމެ ހާއްސަ އެއް ސިފައަކީ،" ރޮބާތޯ ވިދާޅުވި އެވެ.

މި ޝޯވްރޫމްގައި ބަދިގޭ ކަބަޑު ސެޓާއި، ކާމޭޒު އަދި ގޮނޑީގެ އިތުރުން ފާހާނާގައި ބޭނުންކުރާ މޫނު ދޮންނަ ތަށި އަދި ލޯގަނޑުގެ އިތުރުން ކަބަޑު ވެސް ހުރެ އެވެ. އަދި މި ބާވަތްތައް ތައްޔާރުކޮށްފައި ވަނީ އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮގެން މި ބޭނުންކުރާ މީހުންނަށް ފަސޭހަކަމާއެކު ބޭނުންކޮށްލެވޭ ގޮތަށެވެ.

ރޮބާތޯ ވިދާޅުވީ މި ޝޯވްރޫމް ރާއްޖޭގައި ހުޅުވިއިރު، މިއީ ޔޫރަޕުގެ ގިނަ ގައުމުތަކެއްގައި މަގުބޫލުކަން ހޯދާފައިވާ އުފެއްދުންތަކެއްކަމަށެވެ.

"ޖަރުމަނާއި އިޓަލީ އަދި އެމެރިކާގައިވެސް ހަމަ މި ބްރޭންޑުގެ ސާމާނު ވިއްކާނެ. މިއަދު އަޅުގަނޑުމެންނަށް ލިބޭ އެންމެ ބޮޑު ފަހުރަކީ މި އުފެއްދުން ރާއްޖެ ގެނެވުން،" ރޮބާތޯ ވިދާޅުވި އެވެ.

"ސްކަވޯލީނީ" މަރުކާގެ އުފެއްދުންތައް ވިއްކާ މި ފިހާރާގައި ލިބެން ހުރި ކަބަޑު ސެޓުތައް ބޭނުންވާ ކުލައެއް ހިޔާރު ކުރުމުން އެ މީހަކު ބޭނުންވާ ގޮތަކަށް ތައްޔާރު ކޮށްދެ އެވެ. މިގޮތުން 25 ކުލައެއްގެ ކަބަޑު ސެޓު މިތަނުން ލިބެން ހުންނާނެ އެވެ. އަދި ކަބަޑު ސެޓުތައް ފަރުމާކޮށްފައިވަނީ ދޮރު ބާރަށް ލެއްޕުމާއި، ހުޅުވަން ދަތިވުން ފަދަ ތަފާތު އުނދަގޫތަކުން ސަލާމަތް ވާނެ ގޮތް ބަލައިގެންނެވެ. އެކަމަށް ފަސޭހަ ކުރުމަށްޓަކައި ހާއްސަ ހުޅުތަކެއް މި ކަބަޑު ސެޓުތަކުގައި ހަރުކޮށްފައި ހުރެ އެވެ. އަދި ކަބަޑު ސެޓުތައް ފަރުމާކޮށްފައި ވަނީ އައިސްއަލަމާރި އާއި އުނދުނުގެ ހުޑު ވެސް ކަބަޑު ސެޓުގެ ތެރޭގައި ހަރުކުރާ ގޮތަށެވެ.

ޔޫރޯ މާކެޓިންއަކީ ރިސޯޓުތަކާއި ރާއްޖޭގެ މާކެޓަށް ހާއްސަ ގިނަ ބާވަތް ތަކެއް ވިއްކާ ކުންފުންޏެކެވެ. މިގޮތުން ޔޫރޯގެ އެންމެ ހާއްސަ ދެ ބްރޭންޑަކީ ރެޑްބުލް އާއި ލަވާޒާ ކޮފީ އެވެ. އަދި އެ ކުންފުނިން ހިންގާ ކެފެއާއަކީ ކޮފީ އާއި އައިސް ކްރީމް ބުއިމަށް ލޯބިކުރާ މީހުންގެ ހިތް ދަމައިގެންފައިވާ ވިޔަފާރި އެކެވެ.