ދުނިޔެ

މިނެޓެއްގެ ތެރޭ 26 ޖޯކު ކިޔައިދީގެން ރިކޯޑް މުގުރާލައިފި

އެއް މިނެޓް ތެރޭގައި ކިތައް ޖޯކު ކިޔައި ދެވިދާނެ ހެއްޔެވެ؟ ނުވަތަ ކުރަންވީ ސުވާލަކީ، އެއް މިނެޓް ތެރޭގައި އެހާ އަވަހަށް ކިޔައިދޭ ޖޯކުތަކުގެ ތެރެއިން ފަހުން ވާނީ ކިތައް ޖޯކުތޯއޭ ތޯ އެވެ؟

ކޮންމެއަކަސް، އެއް މިނެޓް ތެރޭގައި 26 ޖޯކު ކިޔައިދީގެން، އިނގިރޭސި ވިލާތުގެ ޖޯކަރަކު ގިނިސް ރިކޯޑް ފޮތަށް އަރައިފި އެވެ. އުމުރުން 57 އަހަރުގެ ކްލައިވް ގްރީންއަވޭ ބުނެފައި ވަނީ އެއް މިނެޓް ތެރޭގައި އެންމެ ގިނަ ޖޯކު ކިޔައި ދިނުމުގެ ރިކޯޑް އޮތީ ޖަރުމަނުގެ މީހެއްގެ އަތުގައިކަން އެނގުނު ހިސާބުން އެކަން ހަޖަމުނުވީ ކަމަށެވެ.

ފާއިތުވި ތިން އަހަރު މި ރިކޯޑް އޮތް ޖަރުމަނު މީހާ ރިކޯޑް ފޮތުން ޖާގަ ހޯދީ އެއް މިނެޓް ތެރޭގައި 21 ޖޯކު ކިޔައިދީގެންނެވެ.

ގްރީންއަވޭ ބުނީ ޖަރުމަނު މީހާގެ ވާހަކަ އަޑުއިވުނު ހިސާބުން ފެށިގެން އޭނާގެ ރިކޯޑް މުގުރާލުމުގެ މަސައްކަތް ފެށިއްޖެ އެވެ.

"އެކަމަކު މިއީ ވަރަށް ގިނަ ދުވަހުގެ މަސައްކަތް. އެންމެ ފުރަތަމަ 30 ޖޯކު ލިޔެލައިގެން އެ ޖޯކުތައް މިނެޓެއްގެ ތެރޭގައި ކިޔައިދިނުމަށް އަހަރެން އެތައް މަހެއް ވަންދެން ފަރިތަކުރިން،" ޓެލެގްރާފަށް ދިން އިންޓަވިއުއެއްގައި ގްރީންއަވޭ ބުންޏެވެ.

އޭނާގެ މި ޖޯކުތައް ބަލައިގަނެ ގިނިސް ރިކޯޑް ފޮތުން ޖާގަ ދީފައި ވަނީ ޖަޖުންގެ ހާޒިރުގައި އޭނާ ޕާފޯމްކުރި ވީޑިއޯ ފުޖޭޓު ހަ މަސް ދުވަސް ވަންދެން ދިރާސާކުރުމަށް ފަހު އެވެ. އެއީ ރިކޯޑް ފޮތަށް އަރާ ފެންވަރުގެ ޖޯކުތަކެއް އޭނާ އަށް ކިޔައި ދެވުނުތޯ ބެލުމަށާއި އޯޑިއެންސްގައި ތިބި މީހުންގެ ހުނުމުގައި ހުރީ ކޮން ކަހަލަ އިހްސާސްތަކެއްތޯ ބެލުމަށެވެ.

ރިކޯޑް މުގުރި މި ޕާފޯމެންސްގެ އޯޑިއެންސްގައި 250 އެއްހާ މީހުން ބައިވެރިވި އެވެ.