އެމެރިކާގެ އިންތިހާބީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުގެ ހާރިޖީ ވަޒީރު ކަމަށް އެމެރިކާގެ ތެޔޮ ވިޔަފާރީގެ ނުފޫޒުގަދަ ބޭފުޅެއް ކަމުގައިވާ ރެކްސް ޓިލާސަން ނޮމިނޭޓްކުރައްވާފައިވާއިރު މިއީ ރަޝިޔާގެ ރައީސް ލަޑީމިއާގެ "ބެސްޓް ފްރެންޑަކަށް" ޚާރިޖީ ވަޒީރުކަން ދިނުން ކަހަަލަ ކަމެއް ކަމަށް ތަޖުރިބާކާރުން ބުނަން ފަށައިފި އެވެ.
ޓިލެސަން އަކީ އެމެރިކާގެ އެޒޯން މޯބައިލް ކުންފުނީގެ ރައީސްގެ އިތުރުން އެ ކުންފުނީގެ ސީއީއޯވެސް މެއެވެ.
"އޭނާ (ޓިލެސަން) ގެ މަސައްކަތަކަށް ވެގެންދާނީ އެމެރިކާގެ ތަސައްވަރު ރީތި ކުރުމާއި އެމެރިކާގެ ގައުމީ މަސްލަހަތު ހުރި ސިޔާސަތު ނެގެހެއްޓުން، އަދި އެމެރިކާގެ ހާރިޖީ ސިޔަސަތުތަކުގެ ތެރޭގައި ހުރި ހަމަނުޖެހޭ ކަންކަމައި އެ ސިޔާސަތު ތަކުގެ ތެރޭގައި ހުރި ބަލިފައިތައް ދެނެގަނެ އެކަންކަމަށް ހައްލު ގެނެސް ދުނިޔޭގެ ކުރިމަތިގައި އެމެރިކާގެ ހައިބަތު ދައްކުވައިދިނުން،" ޓްރަމްޕް މިއަދު ނެރުއްވި ބަޔާނެއްގައި ވިދަޅުވެފައިވެއެވެ.
އެޒޯން މޯބައިލްގެ ދަށުން ޓިލެސަން ވަނީ 50 ގައުމެއްގައި އެ ކުންފުނީގެ ވިޔަފާރީގެ ހަރަކާތްތައް ފުޅާ ކޮށްފައެވެ. ރަޝިޔާގެ ރައީސް ލަޑީމިއާ ޕުޓިންގެ އިހްތިރާމު ލިބިވަޑައިގެންފައިވާ، ޓިލެސަން ވަނީ ޕުޓިންގެ އަތްޕުޅުން "އެކުވެރިކަމުގެ ހާއްސަ" އެވޯޑެއްވެސް ލިބިވަޑައިގެން ފައެވެ. އަދި އެޒޯން މޯބައިލްގެ ވިޔަފާރިގެ ބައެއް މުއާމަލާތްތައްވެސް ރަޝީޔާއާ އެކު ވަނީ ކޮށްފައެވެ.
"ރެކްސް (ޓިލެސަން) އަށް އެނގިވަޑައިގަންނަވާނެ ދުނިޔޭގެ ބޮޑެތި މައްސލަތައް މެނޭޖުކޮށް ކުރިއަށް ގެންދަން، މިއީ ކާމިޔާބު ކަމާއެކު ސްޓޭޓް ޑިޕާޓްމެންޓް ހިންގެވުމުގައި ކޮންމެހެން ބޭނުންވާ ކަމެއް އަދި ދުނިޔޭގެ ލީޑަރުންނާ އޭނާއާ މެދު ރަނގަޅު ގުޅުމެއް އޮންނަކަން އެހެން ފަރާތަކަށް ނޯޅޭނެ،" ޓްރަމްޕް ވިދާޅުވިއެވެ.
ޓިލެސަންއާ ރަޝިޔާގެ ރައީސް ޕުޓީންއާ އޮންނަ ގުޅުން ބޮޑުކަމުން ރިޕްބަލިކަން ޕާޓީގެ ބައެއް ބޭފުޅުން ވަނީ އެކަމާ ކަންބޮޑުވުން ފަޅުކޮށްފައެވެ.
"އަހަންނަކަށް ނޭނގެ ޓިލެސަން އާއި ލަޑްމިއާ ޕުޓިންއާ މެދު އޮންނަ ގުޅުމެއް ނަމަވެސް އެއީ އަހަރެން ކަންބޮޑުވާ މައްސަލައެއް،" ރިޕަބްލިކަން ޕާޓީގެ މަޖިލިސް މެންބަރު އަދި އެ ޕާޓީގެ އިސް ފަރާތެއް ކަމަށްވާ ޖޯން މެކެއިން ވިދާޅުވިއެވެ.
އެމެރިކާގެ ވޯލްސްޓްރީޓް ޖާނަލްއިން ބުނެފައިވަނީ ޓިލެސަންގެ އެޒޯން މޯބައިލް ކުންފުނީގެ ދަށުން 2011 ވަނަ އަހަރު ހަކަތައިގެ ދާއިރާއިން ރަޝިޔާގެ ވެރިރަށް މޮސްކޯއާއެކު 500 ބިލިއަން ޑޮލަރުގެ ވިޔަފާރި ކުރި ކަމަށެވެ.