ދުނިޔެ

ތޫފާން "ވަރުދާ" ގެ ސަބަބުން އިންޓަނެޓް ހިދުމަތަށް ބުރޫ އަރަނީ

Dec 14, 2016

އިންޑިއާގެ އައްސޭރި ފަށަށް މިހާރު އަރައިގެން އުޅޭ ބާރުގަދަ ތޫފާން ވަރުދާގެ ސަބަބުން އެ ސަރަހައްދުގެ އިންޓަނެޓް ހިދުމަތަށް ބުރޫ އަރައިފި އެވެ. މި ތޫފާން މިހާރު ދަނީ އިންޑިއާގެ ކަރްނާޓަކާ އަވަށާ ދިމާލަށް ދަތުރު ކުރަމުންނެވެ.

ތޫފާން ވަރުދާގެ ސަބަބުން މުވާސަލާތީ ހިދުމަތްތައް ދިނުމަށް ޓަކައި ކަނޑުއަޑީގައި ވަޅުލާފައިވާ ޑިޖިޓަލް ކޭބަލްތައް ނޫނީ ސަބްމެރިރިން ކޭބަލްތަކަށް ވެސް މި ވަނީ ގެއްލުންވެފަ އެވެ. އިންޑިއާގެ ޓެލެކޮމިޔުނިކޭޝަން ކުންފުނިތަކާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުން ބުނަނީ ސަބްމެރިން ކޭބަލްތަކަށް ގެއްލުންވީ، ތޫފާންގެ ބާރު ގަދަވުމުގެ ސަބަބުން ކަނޑުއަޑީގައި އުފެދުނު ބާނީތަކުގެ ބާރުގަދަވެގެން ކަމަށެވެ.

ރާއްޖޭގެ އިންޓަނެޓްގެ ހިދުމަތްތަކަށް ވެސް އިއްޔެއިން ފެށިގެން ވަނީ ބުރޫއަރައިފަ އެވެ. ރާއްޖޭގެ ބައެއް ޓެލެކޮމް އޮޕަރޭޓަރުން ބުނަނީ ހިދުމަތަށް މައްސަލަތަކެއް ދިމާވީ ތޫފާންގެ ސަބަބުން ސަބްމެރިން ކޭބަލްތަކަށް ލިބިގެން އުޅޭ ގެއްލުމުގެ ސަބަބުން ކަމަށެވެ. އަދި އެކަން ހައްލުކުރަން ވަގުތު ނަގާނެ ކަމަށްވެސް ވެ އެވެ.

ވަރުދާ ތޫފާނުގެ އެންމެ ބޮޑަށް ކުރި އިންޑިއާގެ ޗެންނާއީ އަށް އިންޓަނެޓުގެ ހިދުމަތް ފޯރުކޮށްދޭ ވޯޑެފޯން އަދި އެއާޓެލް އިންވެސް ބުނީ ވަރުދާގެ ސަބަބުން ފައިބާ މީޑިއާ ބެކްބޯން އަށް މައްސަލަތަކެއް ކުރިމަތިވެ އިންޓަނެޓް ފޯރުކޮށްދިނުމުގައި ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށެވެ. އަދި އެކަންތައް ހައްލުކުރަން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށްވެސް ބުނެފައިވެ އެވެ.

އިންޓަނެޓް ހިދުމަތަށް ބްރޫއެރުމުގެ ސަބަބުން އިންޑއާގެ ބޭންކުތަކުން ހިދުމަތް ދިނުމަށްވެސް ބުރޫއަރާފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އިންޓަނެޓް ހިދުމަތް ފޯރުކޮށްދިނުމަށް އިންޑިއާގެ ކަނޑު އަޑީގައި އެތައް ހާސް ދިގު ފައިބާ ކޭބަލްތައް އަޅާފައިވާ ކަމަށާއި މިފަދަ ގުދުރަތީ ކާރިސާތަކުން ހިދުމަތް ދިނުމަށް ބުރޫ އަރާނެ ކަމަށް ތަޖުރިބާ ކާރުން ބުނެ އެވެ. އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމަށް އިންޑިއާގައި ގާއިމްކޮށްފައިވާ ކޭބަލްތަކުގެ 99 ޕަސަންޓު ގާއިމްކޮށްފައިވަނީ ކަނޑުއަޑީގަ އެވެ.