ސީރިޔާގެ ހަލަބުގައި އެގައުމުގެ ސަރުކާރުގެ އަސްކަރީ ކޯލިޝަނުން، އިދިކޮޅު ކޯލިޝަންގެ ހަނގުރާމަވެރިންނާ ދެކޮޅަށް ދިން ވަރުގަދަ ހަމަލާތަކުގައި އިދިކޮޅު ހަނގުރާމަވެރިން ބަލިވުމުން ހަލަބު ދޫކޮށް ދާން ފަށައިފިއެވެ.
އިދިކޮޅު ފަރާތްތައް ހަލަބުން ފޭބުމުގެ ފުރުސަތު ދިނުމުގެ ގޮތުން ދެ ފަރާތުގެ ދެ މެދުގައި ވެވުނު އެއްބަސްވުމެއްގެ ދަށުން ހަމަލާތައް ހުއްޓާލުމަށް ސަރުކާރުގެ އަސްކަރީ ކޯލިޝަނުން ވަނީ އެއްބަސްވެފައެވެ.
ސީރިޔާގެ ސަރުކާރު ހިމާޔަތް ކުރުމުގައި ހަރަކާތްތެރިވާ ރަޝިއާއިން ބުނެފައިވަނީ އިދިކޮޅު ފަރާތްކުގެ އެދުމަށް ހަމަލާ ދިނުން ހުއްޓާލާފައިވާ ކަމަށެވެ.
މީގެ އިތުރުން މުޅި ހަލަބުގެ ކޮންޓްރޯލް އޮތީ ސީރިއާގެ ރައީސް ބައްޝާރުލް އަސަދުގެ އަސްކަރިއްޔާގެ ބެލުމުގެ ދަށުގައި ކަމަށް ރަޝިއާއިން ބުނެއެވެ. އެގޮތުން ކުރިން އިދިކޮޅު ފަރާތްތައް ކޮންޓްރޯލް ކުރި 85 ޕަސަންޓްގެ ސަރަހައްދު މިހާރު އޮތީ ސަރުކާރުގެ އަސްކަރީ ކޮންޓްރޯލް ދަށުގައެވެ.
ހަލަބުގެ ބައެއް އާންމުން ބުނެފައިވަނީ ސަރުކާރުގެ ކޯލިޝަންގެ ބާރުގެ ދަށަށް ހަލަބުގެ ކޮންޓްރޯލް އައުމުން އާންމުގެ މެދުގައި ބިރުވެރިކަން އުފެދެމުންދާ ކަމަށެވެ. އެހެންވެ ބައެއް އާންމުންވެސް ދަނީ އެ ސަރަހައްދު ދޫކޮށް އެހެން ސަރަހައްދުތަކަށް ހިޖުރަ ކުރަމުންނެވެ.
ތިން ކުދިންގެ މަންމައެއް ކަމުގައިވާ އައިޝާ އާއި އޭނާގެ އާއިލާވެސް އެ ސަރަހައްދު ދޫކޮށް އެހެންތާކަށް ހިޖުރަ ކޮށްފައެވެ.
"އަހަރެމެން އަޑުއެހިން ސަރުކާރު އަސްކަރިއްޔާއިން ގޭގެ އަށް ވަދެ މީހުން ހައްޔަރު ކުރާ އަޑުވެސް ބިރުވެރިކަން އިތުރުވުމުން އަހަރެންނާއި އާއިލާވެސް ސީރިޔާގެ އެހެން ސަރަހައްދަކަށް ހިޖުރަ ކުރެވޭނެ ގޮތެއް އޮތްތޯ ބެލީ،" އަލް ޖަޒީރާ އަށް ދިން އިންޓަވިއުއެއްގައި އައިޝާ ބުންޏެވެ.
ހަލަބުގައި މި ވަގުތަށް އޮތީ ހަމަލާތައް ހުއްޓާލައިފައެވެ. ތުރުކީގެ އެހީދޭ ފަރާތްތަކުން ވަނީ ހާލުގައި ޖެހިފައި ތިބި ހަލަބުގެ ރައްޔިތުންނަށް ކާބޯތަކެއްޗާއި ހިޔާވަހިކަން ފޯރުކޮށް ދެމުންނެވެ. އަދި ހަލަބު ދޫކޮށް ދިޔަ 80000 މީހުންނަށް ތުރުކީން ވަނީ ވަގުތީ ހިޔާ ފޯރުކޮށްދީފައެވެ.