ހަބަރު

ސިފައިންގެއިން ހަތިޔާރެއް ގެއްލިފައެއް ނުވޭ: އެމްއެންޑީއެފް

Mar 12, 2015

ޝަންގްރިއްލާ އަށް ދިޔަ ސިފައިންގެ ބައެއްގެ އަތުން މިދިޔަ އަހަރު ފިސްތޯލައެއް ގެއްލިފައިވާ ކަމަށް ބުނާ ވާހަކަ އަކީ ދޮގެއް ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެމްއެންޑީއެފް އިން މިހެން ބުނެފައި ވަނީ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ކޮޓަރިން ފެނުނު ކަމަށް ބުނާ ވައްތަރުގެ 9 އެމްއެމްގެ ފިސްތޯލައެއް ގެއްލިގެން މިދިޔަ އަހަރު ތަހުގީގުކޮށްފައިވާ ކަމަށް ނާޒިމްގެ ވަކީލް އިއްޔެ ކޯޓުގައި ވިދާޅުވުމާ ގުޅިގެން މީޑިއާގައި އެ އެ ވާހަކަ ރިޕޯޓް ކުރުމުންނެވެ.

"ސިފައިންގެ ހަތިޔާރު އިންވެންޓްރީން އެއްވެސް ހަތިޔާރެއް އުނިވެފައި ނެތް ވާހަކަ ދިވެހި ލޮބުވެތި ރައްޔިތުންގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ." އެމްއެންޑީއެފުން ނެރުނު ކުރު ބަޔާނުގައި ބުނެފައިވެ އެވެ.

ހަތިޔާރު އެތެރެކޮށް ގެންގުޅުމާއި ދައުލަތުގެ ވެރިންނަށް ހަމަލާ ދޭން ރޭވި ކަމުގެ ތުހުމަތުގައި ކުރީގެ ޑިފެންސް މިނިސްޓަރުގެ މައްޗަށް ދައުވާ ކުރާއިރު އޭނާގެ ފަރާތުން ވިދާޅުވަމުން ދަނީ ކޮޓަރިން ފެނުނު ކަމަށް ބުނާ ހަތިޔާރާ ނާޒިމާ އަދި ނާޒިމްގެ އާއިލާގެ ބޭފުޅަކާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އަދި އެއީ ބަޔަކު ޕްލާންޓްކޮށްފައިވާ ހަތިޔާރެއް ކަމަށް ވެސް ބުނެ އެވެ.

ފުލުހުން ބުނެފައި ވަނީ ނާޒިމްގެ ކޮޓަރިން ފިސްތޯލައަކާއި ތިން ވަޒަން އަދި ހަތިޔާރު ބޭނުންކުރާނެ ގޮތާއި ވެރިންނަށް ހަމަލާ ދިނުމާ ބެހޭ ޕްލޭނެއް ހިމެނޭ ޕެންޑްރައިވެއް ފެނިފައިވާ ކަމަށެވެ.