ވިޔަފާރި

ޝިއޯމީ ކެމެރާ އަމާޒުކޮށްފައިވަނީ ގޯޕްރޯގެ ވިޔަފާރި އަތުލަން

Mar 12, 2015

ޗައިނާގެ ސްމާޓް ފޯން އުފައްދާ ކުންފުނި، ޒިއޯމީ (ޝިއޯމީ) އިން އެމީހުންގެ ފުރަތަމަ އެކްޝަން ކެމެރާ ލޯންކޮށްފައިވަނީ މި މަހުގެ ދެ ވަނަ ދުވަހުއެވެ. ގޯޕްރޯގެ މޮޑެލް ހީރޯ އަށްވުރެ އަގު ހެޔޮކޮށް، އެއަށްވުރެއް ރަނގަޅު ސްޕެކްސް އާއެކު ނެރުނު މި ކެމެރާ ސީދާ އަމާޒުކޮށްފައިވަނީ ގޯޕްރޯގެ ވިޔަފާރި އަތުލުމަށެވެ.

"ޔީ" ގެ ނަމުން ނަންދީފައިވާ މި ކެމެރާއަކީ 16 މެގަޕިކްސެލްގެ ކެމެރާ އެކެވެ. މި ކެމެރާއިން ފުލް އެޗްޑީ (1080ޕީ) ވީޑިއޯ 60 ފްރޭމްސް ޕާ ސެކަންޑްގައި ޝޫޓް ކުރެވެއެވެ. އެއީ 130 އެމެރިކާ ޑޮލަރުގެ އަގުހުރި ގޯޕްރޯ ހީރޯ އަށްވުރެ ރަނގަޅު ސެޕްސިފިކޭޝަނެކެވެ. -- ގޯޕްރޯ ހީރޯއިން ފުލް އެޗްޑީ ވީޑިއޯ ޝޫޓް ކުރެވެނީ 30 ފްރޭމް ޕާ ސެކަންޑްގައެވެ. އަދި 720ޕީ ވީޑިއޯ 60 ފްރޭމްސް ޕާ ސެކަންޑް ގައި ޝޫޓް ކުރެވެއެވެ. --

ޔީ ގައި ހަރުކޮށްފައިވާ އިމޭޖް ސެންސާ އަކީ ސޮނީގެ ސެންސާ އެކެވެ. ޔީ މޫދުގެ 40 މީޓަރު އަޑީގައި ބޭނުންކުރެވޭއިރު، އިންޓާނަލް ސްޓޯރޭޖްގައި 64 ޖީބީގެ ހުރެއެވެ. އެއީ ގޯޕްރޯ ހީރޯގެ ސްޕެކްސް އަށްވުރެ ދެގުނަ އިތުރު ޢަދަދުތަކެކެވެ. އަދި މި ދެ ކެމެރާގެ ބަރުދަނަށް ބެލި ނަމަވެސް، ކުރި ލިބެނީ ޔީ އަށެވެ. ޔީ ގެ ބަރުދަނަކީ 72 ގްރާމަށްވާއިރު، ގޯޕްރޯ ހީރޯ ގެ ބަރުދަނުގައި 111 ގްރާމް ހުރެއެވެ. އޭގެ އިތުރުން، ސުކުންތެއްގެ ތެރޭގައި ހަތް ފޮޓޯ ނެގުމުގެ ކުޅަދާނަކަށްޔީ އަށް ލިބިގެން ވެއެވެ.