ދިރާގުން ވޯލްޑް ބޭންކް ގްރޫޕްގައި ހިމެނޭ އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ) އާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)ގެ ފައިނޭންސިން ގެ ދެވަނަ ލޯން ފެސިލިޓީ އެގްރީމެންޓްގައި ސޮއިކޮށްފި އެވެ.
ދިރާގުން ބުނި ގޮތުގައި 30 މިލިއަން ޑޮލަރުގެ މި ފެސިލިޓީގެ ސަބަބުން ދިރާގުގެ ސީމީވީ 6 ސަބްމެރިން ކޭބަލް ސިސްޓަމް ޕްރޮޖެކްޓަށް އެހީތެރިކަން ލިބިގެންދާނެ އެވެ.
މި ޕްރޮޖެކްޓްގެ ސަބަބުން ގްލޯބަލް އިންޓަނެޓް ހުޕާހައިވޭއާ ރާއްޖެ ގުޅާލައި ރާއްޖެއަކީ ދުނިޔޭގެ ޑިޖިޓަލް ހަބަކަށް ހެދުމަށް މަގުފަހިވެގެންދާނެ އެވެ. މީގެ އިތުރުން އިންޓަނެޓްގެ ލެޓެންސީ ކުޑަކޮށް ކުރިއަށްވުރެ ފެންވަރު ރަނގަޅު އަދި ހެޔޮ އަގެއްގައި ދިރާގު އިންޓަނެޓް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ފަސޭހެވެގެންދާނެ ކަމަށް ދިރާގުން ވަނީ ބުނެފަ އެވެ.
ދިރާގުން ބުނި ގޮތުގައި ދެވަނަ ފެސިލިޓީ ސޮއިކުރުމާއެކު އައިއެފްސީ އަދި އޭޑީބީއިން ދިރާގަށް ދިން ފައިސާގެ އެހީ ޖުމްލަ 55 މިލިއަން ޑޮލަރަށް އަރާނެ އެވެ. އަދި މި ފައިނޭންސިންއާއެކު ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗާއަށް ދިރާގުން ކުރާ އިންވެސްޓްމަންޓަށް އެހީތެރިވެ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކަނެކްޓިވިޓީ ހަރުދަނާވެގެންދާނެ އެވެ.
ދިރާގުން ވަނީ މިދިޔަ އަހަރު މި ފައިނޭނެސިންގެ ފުރަތަމަ ލޯން ފެސިލިޓީގައި ސޮއިކޮށްފަ އެވެ. 25 މިލިއަން ޑޮލަރުގެ މި ފެސިލިޓީއިން އެ ކުންފުނީގެ ވާކިން ކެޕިޓަލް އަދި ކެޕިޓަލް އިންވެސްޓްމެންޓް ޕްރޮގްރާމަށް ހަރަދުކޮށް ކަސްޓަމަރުންގެ އިތުރުވަމުންދާ ޑޭޓާގެ ބޭނުންތައް ފުއްދިގެންދާނެ އެވެ. މިގޮތުން ދިރާގުގެ 5ޖީ ހިދުމަތް ފުޅާކޮށް އިތުރު ރަށްރަށަށް ހައި ސްޕީޑް ފައިބާ ބްރޯޑްބޭންޑް ފޯރުކޮށްދީ، އެ ކުންފުނީގެ ޑޮމެސްޓިކް ސަބްމެރިން ކޭބަލް އެކްސްޕޭންޝަން ޕްރޮޖެކްޓަށް އެހީތެރިވާނެ އެވެ.
ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއީލް ރަޝީދު ވިދާޅުވީ އައިއެފްސީ އާއި އޭޑީބީއާއެކު ދެވަނަ ފެސިލިޓީގައި ސޮއިކުރެވުމަކީ ލިބޭ އުފަލެއް ކަމަށެވެ.
"މިއީ ރާއްޖޭ ސީމީވީ 6 ސަބްމެރީން ކޭބަލް ސިސްޓަމްއާ ގުޅުވާދޭނެ މުހިންމު އިންވެސްޓްމެންޓެއް. ސީމީވީ 6 ކޮންސޯޓިއަމްގެ މެންބަރެއްގެ ގޮތުންނާއި މި ސިސްޓަމްގެ ކޯ-އޯނަރެއްގެ ގޮތުން ޔޫރަޕާއި ސިންގަޕޫރާއި ދެމެދުވާ ގިނަ އިންޓަނެޓު ޑޭޓާ ސެންޓަރުތަކަށް ދިރާގަށް އެކްސެސް ލިބޭނެ. މީގެ ސަބަބުން ބައިނަލްއަގުވާމީ ސްޓޭޖުގައި ދިރާގު އިތުރަށް ޝާމިލްވެ އަދި ރާއްޖޭގެ ޑިޖިޓަލް ކަނެކްޓިވިޓީ އިތުރުކޮށްދީ ގައުމުގެ އިޖްތިމާއީ އަދި އިގުތިސާދީ ތަރައްގީއަށް މަގުފަހިވާނެ،" އިސްމާއީލް ރަޝީދު ވިދާޅުވި އެވެ.
މީގެ އިތުރުން މި އިންވެސްޓްމަންޓަކީ އެންވަޔަރަންމަންޓް، ސޯޝަލް އެންޑް ގަވަނަންސް (އީއެސްޖީ) ފަންކްޝަން ގާއިމުކުރުމަށާއި ރާއްޖޭގައި ދިރިއުޅޭ މީހުންގެ ދިރިއުޅުން މުއްސަނދިކޮށް ޑިޖިޓަލް މުޖުތަމައުތައް ބާރުވެރިކުރުވުމަށް ކުރާ މަސައްކަތް ހާސިލްކުރުމުގައިވެސް އެޅޭ ވަރަށް މުހިންމު ބިންގަލެއް ކަމަށް ވިދާޅުވި އެވެ.
އައިއެފްސީއިން ސްރީލަންކާ އާއި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ކަންޓްރީ މެނޭޖަރު އަލެހާންޑްރޯ އަލްވަރޭޒް ޑި ލާ ކެމްޕާ ވިދާޅުވީ ޑިޖިޓަލް ކަނެކްޓިވިޓީއަކީ ވަރަށް ބޮޑު ފުރުސަތެއް އޮތް އެއްޗެއް ކަމަށެވެ.
"ވަކިން ހާއްސަކޮށް ގުޅިފައި ނުވާ މީހުން ގުޅާލައި، ރައްޔިތުންނަށް އިތުރު ފުރުސަތުތަކެއް ތަނަވަސްކޮށްދިނުމަށް ޑިޖިޓަލް ކަންކްޓިވިޓީ ވަރަށް މުހިންމު ދައުރެއް އަދާކުރޭ. އެގޮތުން އައިއެފްސީއިން އެންމެ ފަހުން ދިރާގަށް މި ކުރާ އިންވެސްޓްމަންޓްގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަލުވި އަދި އިތުބާރު ހިފޭ ކަނެކްޓިވިޓީ ގާއިމްވެ ހުރިހާ ފަރާތްތަކެއްވެސް ޝާމިލްވާފަދަ ވިޔަފާރީގެ ކުރިއެރުން ބިނާވެ އެންމެންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެގެންދާނެ،" އަލެހާންޑްރޯ ވިދާޅުވި އެވެ.
އޭޑީބީ ޕްރައިވެޓް ސެކްޓާ އޮޕަރޭޝަންސް ޑިޕާޓްމަންޓްގެ ޑިރެކްޓަރު ޖެނެރަލް ސުޒޭން ގަބޯރީ ވިދާޅުވީ މޮބައިލް އަދި އިންޓަނެޓު ކަނެކްޓިވިޓީ ލިބުމަކީ އިޖުތިމާއީ އަދި އިގުތިސާދީ ކުރިއެރުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ. ހާއްސަކޮށް ރާއްޖެ ފަދަ އާބާދީ ބެހިފައިވާ ޖަޒީރާ ގައުމަކަށް މިއީ ވަރަށް މުހިންމު ކަމެއް ކަމަށް ވިދާޅުވި އެވެ.
ދިރާގުން ބުނި ގޮތުގައި އެ ކުންފުނިން އަބަދުވެސް މަސައްކަތްކުރަމުން ދަނީ ރާއްޖޭގެ އިޖުތިމާޢީ އަދި އިގުތިސާދީ އިޖުތިމާއީ ތަރައްގީ ފުޅާކޮށް ޑިޖިޓަލް އިގުތިސާދުގައި ޖަޒީރާ މުޖުތަމައުތަކަށް ބޭނުންވާ ޑިޖިޓަލް އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުމަށެވެ.