ވިޔަފާރި

ލަންކާގައި އަންލިމިޓެޑް އިންޓަނެޓް ތައާރުފުކުރަނީ

ލަންކާގައި "ފެއާ އޫސެޖް ޕޮލިސީ" (އެފްޔޫޕީ) އުވާލައި، "އަންލިމިޓެޑް" އިންޓަނެޓް ތައާރުފު ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް "ޓެލެކޮމިއުނިކޭޝަންސް ރެގިއުލޭޓަރީ ކޮމިޝަން އޮފް ސްރީ ލަންކާ" (ޓީއާރުސީއެސްއެލް) އިން ބުނެފި އެވެ. އެކޮމިޝަނުން ބުނީ ޕްލޭންތައް ރާވައި ބޭނުންވާ ވަސީލަތްތައް ގާއިމުކުރަމުން އަންނަ ކަމަށެވެ.

ޓެލެކޮމިއުނިކޭޝަންސް ރެގިއުލޭޓަރީ ކޮމިޝަންގެ ޑިޕިއުޓީ ޑައިރެކްޓަރު ނިޝާންތަ ޕަލިހަވާދަނާ މީޑިއާއަށް ވިދާލުވީ އޮޕަރޭޓަރުންނާއެކު މަޝްވަރާތައް ފެށިފައިވާ ކަމަށެވެ. އޮޕަރޭޓަރުންނާ މަޝްވަރާ ކުރަން ޖެހެނީ އޭނާ ވިދާޅުވި ގޮތުން ބޭންޑްވިތު ތާށިކޮށްނުލައި ޚިދުމަތް ދެވިދާނެ ގޮތަކާ މެދު އެވެ.

ނިޝާންތަ ވިދާޅުވީ އިންޓަނެޓް ޚިދުމަތްދޭ ކުންފުނިތަކުން ކޮށްފައި ހުރި ތަޖުރިބާއަށް ބަލައި އަދި އެކިކަހަލަ ޚިދުމަތްތަކަށް ވަކިވަކި ޕެކޭޖްތައް ހަދައިގެން ޚިދުމަތްދިނުމާ މެދު ވެސް ވާހަކަދެކެވޭ ކަމަށެވެ. އަދި ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ އޮޕަރޭޓަރުން ކޮންމެ ގޮތަކަށް ޚިދުމަތްދިން ނަމަވެސް އިންޓަނެޓް ކަނޑައިގެންނުދިއުން ކަމަށާއި ސްޕީޑަށް ވެސް ބަދަލު ނުގެނައުން ކަމަށެވެ.

ލަންކާގެ އާބާދީއަށް އަންލިމިޓެޑް އިންޓަނެޓް ދިނުމަށް ބޭނުންވާ ވަސީލަތްތައް އެބަހުރިތޯ ދެންނެވުމުން ނިޝާންތަ ވިދާޅުވީ މި ޕްރޮޖެކްޓާއެކު އެކަން ވެސް ކުރިއަށް ދާނެ ކަމަށާއި ކަވަރޭޖް ކަށަވަރުކުރުމަކީ އޮޕަރޭޓަރުންގެ ކަމެއް ކަމަށެވެ. އަދި ވިދާޅުވީ ޚިދުމަތް ފުޅާކުރަން ބޭނުންވާ ބޭސް ސްޓޭޝަންތައް ވެސް ގާއިމު ކުރެވެމުން އަންނަ ކަމަށެވެ.

ޓެލެކޮމިއުނިކޭޝަންސް ރެގިއުލޭޓަރީ ކޮމިޝަންއިން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އޮޕަރޭޓަރުން އެދޭ ގޮތަށް އިންޓަނެޓް ޕެކޭޖްތައް ތައްޔާރުކުރުމަށް ފަހު މާޗް 1 ގެ ކުރިން ހުށަހެޅުމަށް އަންގާފައިވާނެ ކަމަށެވެ. އަދި މިހާރު ކުރިއަށް ދަނީ ހުށަހެޅުންތައް ބަލައި އުސޫލުތައް ކަނޑައެޅުމުގެ މަރުހަލާ ކަމަށެވެ. އަދި އޭޕްރީލް ނިމުމުގެ ކުރިން ހެޔޮ ބަދަލަކަށް އުންމީދުކުރާ ކަމަށެވެ.