އުރީދޫ

އުރީދޫ އިން ސެމްސަންގް އީސިމް ވެއާބަލްސް ތައާރަފްކުރަނީ

ސެމްސަންގް އީސިމް ބޭނުންކުރާ ސްމާޓްވޮޗްތައް ތައާރަފްކުރުމާއެކު އުރީދޫ މޯލްޑިވްސް އިން ވެއާބަލް ކަނެކްޓިވިޓީއަށް އިންގިލާބީ ބަދަލެއް ގެންނަން ތައްޔާރުވެއްޖެ އެވެ.

މިއީ ރާއްޖޭގައި ފުރަތަމަ ފަހަރަށް އީސިމް ވެއާބަލް ހިދުމަތެއް ތައާރަފްކޮށް، ކަސްޓަމަރުންނަށް ކައިރީގައި ފޯނު ބޭނުން ނުކޮށް ސްމާޓްވޮޗުން ސީދާ ގުޅާލެވޭ ގޮތަށް، ފުރުސަތު ފަހިކޮށްދޭ ހިދުމަތެކެވެ.

މި ޒަމާނީ ޓެކްނޮލޮޖީއާއެކު، ފޯނު ބޭނުންކުރާ މީހުންނަށް އެމީހުންގެ ސެމްސަންގް ސްމާޓްވޮޗުން ކޯލްކޮށް، މެސެޖް ފޮނުވުމާއި، މިއުޒިކް ސްޓްރީމްކުރުމުގެ އިތުރުން، ފޭވަރިޓް އެޕްލިކޭޝަންތައް ބޭނުންކުރެވޭނެ އެވެ. އީސިމް ފަންކްޝަނަލިޓީގެ ސަބަބުން މެދުނުކެނޑި ކަނެކްޓިވިޓީ ކަށަވަރުވެ، ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަތަކެއް ލިބޭނެ ކަމަށް އުރީދޫ މޯލްޑިވްސް އިން ވަނީ ބުނެފަ އެވެ.

އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި އެމްޑީ ހާލިދު އަލް ހަމާދީ ވިދާޅުވީ އުރީދޫއިން އެންމެ ފަހުގެ އިނޮވޭޝަންތައް ކަސްޓަމަރުންނަށް ގެނެސްދީ ކަސްޓަމަރުންގެ ޑިޖިޓަލް ދިރިއުޅުން އިތުރަށް ފުރިހަމަކޮށްދޭނެ ކަމަށެވެ.

"ސެމްސަންގް އީސިމް ވެއާބަލްސްއާއެކު ކަނެކްޓިވިޓީގެ އިތުރު ފުރުސަތުތައް ހުޅުވި، ކަސްޓަމަރުންނަށް ފޯނާ ނުލާވެސް ގުޅައިގެން ތިބުމަށާއި ފިޓްނަސް ޓްރެކްކޮށް، އެމީހުންގެ ދުވާލުގެ ހަރަކާތްތައް ފަސޭހަކަމާ އެކު ބެލެހެއްޓުމަށް މަގުފަހިވެގެންދާނެ،" ހާލިދު އަލް ހަމާދީ ވިދާޅުވި އެވެ.

ސެމްސަންގް ސްރީލަންކާ އެންޑް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު ސަންގްވާ ސޯންގް ވިދާޅުވީ ސެމްސަންގްއަކީ ޒަމާނީ ވެއާބަލް ޓެކްނޮލޮޖީ ފޯރުކޮށްދިނުމަށް ހާއްސަ ކުންފުންޏެއް ކަމަށާއި އެ ޓެކްނޮލޮޖީގެ ސަބަބުން ކަސްޓަމަރުންގެ ދިރިއުޅުން ހަރުދަނާކޮށް ދެނީ މެދުކެނޑުމެއް ނެތި ކަނެކްޓިވިޓީގެ ޒަރިއްޔާއިން ކަމަށެވެ.

"އުރީދޫ މޯލްޑިވްސްއާއި ގުޅިގެން، އަޅުގަނޑުމެންގެ ސްމާޓްވޮޗްތަކުގައި އީސިމް ގެ ފަންކްޝަނަލިޓީ ތައާރަފްކޮށް، ކަސްޓަމަރުން ކޮންމެވަގުތަކުވެސް، ކޮންމެ ތަނެއްގައިވެސް، ފޯނުގެ ބޭނުންނުކޮށް ގުޅާލެވިފައި ތިބުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" ސަންގްވާ ވިދާޅުވި އެވެ.

ސެމްސަންގް އީސިމް ވެއާބަލްގެ ހިދުމަތް އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރުންނަށް އަންނަ މަހުގެ ތެރޭގައި ލިބިގެންދާނެ ކަމަށް އުރީދޫ އިން ވަނީ ބުނެފަ އެވެ.

އެގޮތުން މިހާރު ބޭނުންކުރާ މޯބައިލް ނަމްބަރާއެކު ސްމާޓްވޮޗް އެކްޓިވޭޓް ކުރެވޭނެ ކަމަށާއި ސަޕޯޓްޑް ޑިވައިސްތަކާއި އެކްޓިވޭޝަން ސްޓެޕްތައް ހިމެނޭ ގޮތަށް އިތުރު ތަފްސީލްތައް ކުރިއަށް އޮތް ދުވަސްތަކުގައި އިއުލާނު ކުރާނެ ކަމަށް އުރީދޫ އިން ވަނީ ބުނެފަ އެވެ.